Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (އަށާވީސްވަނަބައި)

" ނާޒް…އާދޭސްކޮށްފަ ބުނަން..ތިކަހަލަ ވާހަކަ ނުދައްކަބަލަ! ނާޒް ދަރިޔަކު ބޭނުންވާ ވަރުން ތިހެން ބުންޏަސް….އަހަރެން އެހެންމީހަކާ އިނދެފިނަމަ ނާޒް ދެރަވާނެ ވަރުވެސް އަހަރެންނަށް އެނގެއޭ….އަހަރެން ބޭނުމެއްނޫން ނާޒްއަށް ކުޑަނަމަވެސް ހިތާމައެއްދޭކަން….މިހާރުވެސް ނާޒް ކިހާވޭނެއް އުފުލައިފި…ދެން އިތުރަށް ތަކްލީފެއް އުފުލާތަން ދެކޭކަށް ބޭނުމެއްނޫން…..ދެން ތިވާހަކަ ނުދައްކައްޗޭ!…ދަރިޔަކު ނެތްނަމަވެސް ނާޒް އުފަލުގަ ހުރިއްޔާ އަހަރެން ހުންނާނީ އުފަލުން….އަހަރެމެން ނޫނަސް ދަރިން ނުލިބޭ ކިތަންމެ ބަޔަކު އެބަތިބި މިދުނިޔޭގަ….ހަމައެގޮތަށް ޔަތީމު މިސްކީން ކިތަންމެ ކުދިންނެއް މިދުނިޔޭގަ އެބައުޅޭ…އެއިން ކުއްޖަކު އެޑޯޕްޓް ކުރިޔަސް ދަރިޔަކު ލިބުނީނު…" އާއިން ފަރަހަނާޒަށް ވިސްނައިދިނެވެ.

އެހެންކަމުން ފަރަހަނާޒް އިތުރަށް އެވާހަކައެއް ނުދެއްކިއެވެ. އާއިން ބުނިފަދައިން ޔަތީމު ކުއްޖެއްގެ މަންމައަކަށް ވުމަށް އޭނާ ތައްޔާރުވިއެވެ. ކޮންމެފަދަ ހާލެއްގައިވެސް އާއިންގެ އަންބެއްގެ ގޮތުގައި ހުންނަން އޭނާ ބޭނުންވެއެވެ. ނަމަވެސް އެންމެ ފިކުރު ކުރަންޖެހޭ ކަމަކީ އާއިންގެ އާއިލާއާއި ފަރަހަނާޒްގެ ބައްޕައަށް އެކަން އަންގާނެ ގޮތެކެވެ. އެދެމީހުންނަކީ ކެރިއަރުންކަން އެމީހުންނަށް އެނގުމުން އެމީހުން ހިތާމަކުރާނެވަރު އެދެމީހުންނަށް އަންދާޒާ ކުރެވެއެވެ. އަދި ދެމީހުންގެ މުސްތަގުބަލަށްޓަކައި އެކައިވެނި ރޫޅާލުމަށްވެސް އާއިލާއިން ނަސޭހަތްތެރި ވެދާނެއެވެ. ކޮންމެ ގޮތެއްވިޔަސް ދެމީހުންވެސް ވަކިވާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ކޮންމެވެސް އެހެން ބަހަނާއެއް ދައްކައި ހަޤީޤަތް ފޮރުވުމަށްވެސް އާއިންގެ ހިތަށް އެރިއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެތީ، ފަރަހަނާޒް ބޭނުންވީ ހަޤީޤަތް ހާމަކޮށް އާއިލާއަށް ވިސްނައިދިނުމަށެވެ. ނޫންނަމަ ފަހުން ކުރަންޖެހޭ ހިތާމަ ބޮޑުވެދާނެއެވެ.
އެގޮތުން ވަރަށް ވިސްނުމަށްފަހު އާއިން ހަޤީޤަތް ކިޔާދިނެވެ.އެދެމީހުންނަށް ދިމާވެފައިވާ ގޮތް އެނގުމުން އާއިލާ ހިތާމަކުރިނަމަވެސް ދެމީހުންގެ ނިންމުމަށްވެސް އެމީހުން އިހުތިރާމު ކުރިއެވެ. އެހެންކަމުން ކުއްޖަކު އެޑޯޕްޓްކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ރަސްމީކޮށް ކުރުމަށް އާއިން އަވަސްވެގަތެވެ. އާއިންގެ ނިންމުމަށް އޭނާގެ މަންމައާއި ބޭބެގެ އިތުރުން މާޒްއާއި އިޒްޔަންވެސް ތާއީދުކުރިއެވެ.

ދިގު އިންތިޒާރަކަށްފަހު ފަރަހަނާޒްގެ އެކަނިވެރިކަން ފިލުވާލަދޭނެ ތުއްތު ކުއްޖަކު އޭނާއަށް ލިބިއްޖެއެވެ. އެކުއްޖާއަކީ އުމުރުން ދޮޅުއަހަރުގެ ލޯބި ލޯބި އަޔާނާއެވެ. ދުނިޔެއަށް އުފަންވުމާއެކު މަންމަ ނިޔާވެ، ދުނިޔެއަށް ބާކީވެގެން ދިޔަ މައުސޫމު ކުއްޖެކެވެ. އެކުއްޖާއަށް އަޅާލާނެ ތިމާގެ މީހަކު ނެތެވެ. އެހެންކަމުން ވަރަށް ނިކަމެތި ހާލެއްގައި ވަނިކޮށް ޔަތީމުޚާނާއާއި ހަވާލުކުރެވިފައިވާ ކުއްޖެކެވެ. އެކުއްޖާގެ ނިޔަނެތި ކަމާއި މައުސޫމު ސޫރަފެނިފައި ފުރަތަމަ ނަޒަރުންވެސް ފަރަހަނާޒްގެ ހިތުގައި ލޯބި އުފެދުނެވެ.
ފަރަހަނާޒްގެ ހަޔާތަށް އަޔާނާ އައިފަހުން އޭނާގެ އުފާވެރިކަން ދެގުނަޔަށް އިތުރުވެގެން ދިޔައެވެ. އޭނާއަށްވެސް މިހާރު މައެއްގެ އިހުސާސް ކުރެވެން ފަށައިފިއެވެ. އަމިއްލަ ބަނޑުން އުފަން ނުވީނަމަވެސް، އޭނާގެ ހިތުގައި އެކުއްޖާއަށްޓަކައި ފުންލޯތްބެއް އުފެދިއްޖެއެވެ. ފަރަހަނާޒް އުފާވެރިކަން ފެނިފައި އާއިންވެސް ނުހަނު އުފާވިއެވެ. އާއިންގެ އާއިލާއާއި ފަރަހަނާޒްގެ ބައްޕަވެސް އަޔާނާދެކެ އިންތިހާއަށް ލޯބިވެއެވެ. ކުޑަ ހިނދު ކޮޅަކަށްވެސް އެކުއްޖާ ލޯމަތިން ގެއްލޭކަށް އެމީހުން ބޭނުމެއްނުވެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ޝައުންގެ ކިޔެވުންވެސް ނިމިއްޖެއެވެ. އޭނާއަކީ މިހާރު ފެޝަން ޑިޒައިންގެ ރޮކުން ޑިގްރީ ހާސިލްކޮށްފައިވާ ޤާބިލް ޒުވާނެކެވެ. ކުރިން އޭނާ އަޒުމް ކަނޑައަޅައިގެން ހުރީ ކިޔަވާ ނިމޭތަނުން މާލެއައުމަށެވެ. ނަމަވެސް މިހާރު އޭނާގެ ޚިޔާލު ބަދަލު ވެއްޖެއެވެ. އެހެންކަމުން އޭނާ ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏަކުން ވަޒީފާއެއް ހޯދިއެވެ. އޭނާ ބޭނުންވީ ވީހާވެސް ބޮޑަށް އާއިންއާ ދުރުގައި އުޅުމަށެވެ. އޭނާއަށް ވެގެންވާނަމަ މުޅި ދިރިއުޅުންވެސް އޭނާ ހޭދަކުރަން ބޭނުންވަނީ ސިންގަޕޫރުގައެވެ.

ޝައުން ވަޒީފާ އަދާކުރަންފެށި ކުންފުނީގައި އޭނާގެ ކޮލެޖްގެ ބައެއް އެކުވެރިންވެސް ވަޒީފާ އަދާކުރެއެވެ. އެހެންކަމުން މާހައުލަށް ހޭނެން އޭނާއަށް މާގިނަ ވަގުތެއް ނުނެގިއެވެ. އޭނާ ނުހަނު ގަޔާވެގެން މަސައްކަތް ކުރާތާ ހަމަސްފަހުން އޭނާގެ ކުންފުނީގެ ޗެއާރޕާސަންގެ އަންހެނުންގެ އުފަންދުވަހުގެ ހަފްލާއަށް ހެދުން ޑިޒައިން ކުރުމަށް އޭނާއަށް ދައުވަތު ލިބުނެވެ. އެކަމާ އޭނާ ނުހަނު އުފާކުރިއެވެ. ހަމައެހާމެ ކަންބޮޑުވެސްވިއެވެ. އެފަދަ ބޭފުޅަކަށް އޭނާގެ މަސައްކަތް ކަމު ނުގަސްފިނަމަ، އޭނާއާމެދު އިތުބާރު ގެއްލިދާނެތީ އޭނާ ޖެހިލުންވިއެވެ. ނަމަވެސް އޭނާ ނުހަނު ގިނަ ވަގުތު ހޭދަކޮށްގެން އެހާމެ ބުރަ މަސައްކަތުން ތައްޔާރުކުރި ހެދުން، އެބޭފުޅާއަށް ވަރަށްވެސް ކަމުދިޔައެވެ. އެހަފްލާއަށް ދިޔަހައި ބަޔަކު އެހެދުމަށް ތައުރީފު ކުރިއެވެ. ޝައުންއަށް އެހަފްލާގައި ބައިވެރިވުމަށް ފުރުސަތު ލިބުމުން، ޚުދު އޭނާއަށް އެތައުރީފުގެ ބަސްތައް އަޑުއަހާލަން ލިބުނެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ނުހަނު އުފާވެރިކަން ލިބުނެވެ.

ޝައުންގެ މަސައްކަތަށް ލިބުނު ތަޢުރީފުގެ އިތުރުން އޭނާގެ ވަޒީފާއަށްވެސް ކުރިއެރުން ލިބިގެން ދިޔައެވެ. އެހުރިހާ ކަމަކަށްވުރެ ބޮޑަށް ޝައުންއަށް ވިސްނަން ޖެހުނު ކަމަކަށްވީ، ޗެއާރޕާސަންގެ ފިރިހެންދަރި އެރިކްގެ ނަޒަރު އޭނާއަށް އަމާޒުވުމެވެ. ކުރިން އެރިކްއަކީ މާގިނައިން މުއައްޒަފުންނާއި މަސްހުނިވެ، އެކުވެރިވެގެން އުޅޭ ޒުވާނެއް ނޫނެވެ. ނަމަވެސް ޝައުން ފެނުނުފަހުން އޭނާއަށްވަނީ ބަދަލެއް އައިސްފައެވެ. ކޮންމެވެސް ބަހަނާއެއްގައި ޝައުން އޭނާގެ ކޮޓަރިއަށް ގެންދިއުން އާއްމު ކަމަކަށް ވެއްޖެއެވެ. ޝައުން "ބިޒީ" ކަމުގައި ބުނެފިނަމަ ޚުދު އެރިކް އޭނާގެ ގާތަށް އާދެއެވެ. އެންމެފަހުން ޝައުންގެ އެސިސްޓެއްޓަށްވެސް އެކަން ފާގަހަކުރެވިގެން ދެމީހުންގެ މެދުގައި އޮތް ގުޅުމާއިމެދު ސުވާލުވެސް އުފެއްދިއެވެ. އަދި އޮފީހުގެ އެހެން މުއައްޒަފުންވެސް އެމީހުނާމެދު އެސުވާލު އުފައްދާ ކަމުގައި ބުންޏެވެ. އެރިކްއަކީ އަންހެން ކުދީން ހިތްކިޔާފަދަ ފުރިހަމަ ކަމެއް ލިބިފައިވާ ރީތި ޒުވާނެކެވެ. އޭނާގެ ކޮންމެ އިޝާރާތަކަށް ބަލަބަލާ ކިތަންމެ އަންހެން ކުދީންނެއް އޭނާގެ ވަށައިގެން އެނބުރެމުން ދެއެވެ. ނަމަވެސް، އެރިކްގެ އެރީތިކަމުންވެސް އަސަރެއް ނުކުރަނީ ޝައުންއަށެވެ. އޭނާއާއި ގާތްވާ އެރިކް މަސައްކަތް ކުރަމުން ދިޔަ ވަރަކަށް އޭނާއަށްވަނީ އުނދަގުލެވެ. ނަމަވެސް އެރިކް އޭނާގެ މަސައްކަތް ހުއްޓައެއް ނުލައެވެ. އޭނާއަކީ ފަސޭހައިން ގޮތްދޫކުރާނެ ޒުވާނެއް ނޫނެވެ. އެހެންކަމުން ޝައުންގެ ހިތް ކާމިޔާބު ވާންދެން އެކިގޮތްގޮތުން އޭނާ މަސައްކަތް ކުރާނެއެވެ.
ދުވަހަކީ އޮފީސް ބަންދު ދުވަހެއްކަމުން ޝައުން ގަސްތުކުރީ ގޭގައި އެކުވެރިންނާއެކު ކޮންމެވެސް ކަމެއްކޮށްލުމަށެވެ. އޮފީހުގެ މަސައްކަތްތަކުން ވަގުތު ނުލިބޭތީ އެކުވެރިންނާއެކުގައި ވަގުތު ހޭދަކުރާނެ ފުރުސަތެއް މިހާރު އޭނާއަކަށް ނުލިއެވެ. ޚުދު އެކީގައި މަސައްކަތް ކުރާމީހުންނަށްވެސް ޝައުން ފެންނަނީ މަދުފަހަރަކުއެވެ. އެހެންކަމުން އެކުވެރިންގެ އެދުމުގެމަތީން އޭނާ ގޭގައި ތިބެގެން ކޮންމެވެސް މަޖާކަމެއް ކޮށްލުމަށް ގަސްތުކުރިއެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. އެދުވަހުގެ ހަވީރު އަތަށް އެޅުމާއެކު އެރިކް ކޯލެއް އައެވެ. އަދި އެރެއަށް ވަގުތުހުސްކޮށްގެން އެރިކްއާއެކު ބޭރަށް ދިއުމަށްޓަކައި ތައްޔާރުވުމަށް އެދުނެވެ.

" އެރިކް….މާފްކުރޭ! މިރޭ އަހަރެން ވަރަށް ބިޒީ…..އެހެން ރެޔަކުން ދާނަން…" ޝައުން ބަހަނާއެއް ދެއްކޭތޯ އުޅުނެވެ. ނަމަވެސް އެރިކް އެއަޑު ނާހާ ފޯނުކަނޑާލިއެވެ. ގިނައިރުތަކެއްނުވެ ގޭގެ ބެލްޖެހިއަޑަށް ޝައުން ނުކުތްއިރު ދޮރުމަތީގައި ޒުވާނަކު ހުއްޓެވެ. އޭނާގެ އަތުގައި މާބޮނޑިއަކާއި ޕާރސަލެއްވެސް އޮތެވެ.

" މިއީ އެރިކްސަރ ފޮނުވި އެއްޗެއް؟…" ޝައުން ފެނުމާއެކު ހިނިތުންވެލާފައި އެޒުވާނާ ބުންޏެވެ.
" ޝުކުރިއްޔާ…" އޭގައި ހިފަމުން ޝައުންވެސް ހިނިތުންވެލިއެވެ.

" މިޖެހުނީ ކަންތަކާ…..މީނަ ފަހެ މޮޔަވެގެންތަ މިއުޅެނީ…." ޝައުން ކުދި ކިޔަމުން މާބޮނޑި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
މާބޮނޑިއާއި ޕާރސަލް އެނދުމަތީގައި ބެހެއްޓުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
" އެންމެފަހުން ގެޔާ ހަމައަށްވެސް މާބޮނޑިތައް އަންނަންފެނީ…" އެތަކެއްޗަށް ބަލަން އިނދެ ނުރުހުންވެފައި ޝައުންއަށް ބުނެވުނެވެ. މީގެކުރިންވެސް އޭނާއަށް އެތައްފަހަރަކު އެރިކް މާބޮނޑިއާއި ތަފާތު ހަދިޔާތައް ފޮނުވައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އެތަކެތި ފޮނުވަނީ އޭނާގެ އޮފީހަށެވެ. ވީއިރު މިއަދު ގެޔަށް ފޮނުވީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ މަންމައާއި ބައްޕައަށް ފެނިއްޖެނަމަ އެކަމާ ސުވާލުކުރާނެކަން ގައިމެވެ. އޭރުން އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޝައުން ވިސްނަން އިނުމަށްފަހު ޕާރސަލް ކަނޑާލިއެވެ. އޭގައިވަނީ ވަރަށްރީތިކޮށް ޑިޒައިން ކުރެވިފައިވާ ރަތްކުލައިގެ ހެދުމެކެވެ.
" ހޫމް…ޑިޒައިނަރ ޖޯގެ ހެދުމެއްތާ….ގޯހެއްނޫން" ހެދުން ނަގައި ބަލާލަމުން ޝައުން ހިތާހިތާ ކިޔާލިއެވެ. އެއީ މޮޅު ފޮތީގައި ފަހާފައިވާ ވަރަށްވެސް ރީތި ހެދުމެކެވެ. ހެދުމާގުޅޭ ބޫޓަކާއި އަދި ޒީނަތްތެރިވާނޭ ބައެއްސާމާނުވެސް ހުއްޓެވެ. އޭގެއިތުރުން ނޯޓެއްވެސް އޮތެވެ.

" ހޭއި މަގޭ ޝަންޝައިން….ތިހެދުން ފެނުމާއެކު ސަންޝައިންގެ މަތިން ހަނދާންވީ…ތިހެދުމުގާ..މަގޭ ޝަންޝައިން ރީތިވާނެ ވަރު ހިތަށްއަރާފަ ކެތްނުވެގެން ގަތީ…ހެދުން ލައިގެން ވަރަށްރީތިކޮށް ތައްޔާރުވެގެން ހުންނައްޗޭ!…" ނޯޓްކޮޅު ކިޔާލާފަ ޝައުންއަށް ހިނިތުންވެވުނެވެ.

ޝައުން އޭނާ ލައިގެންހުރި ހެދުން ބޭލުމަށްފަހު އެރަތް ހެދުން ލިއެވެ. އޭނާ އާއްމުކޮށް ލައިއުޅޭ ހެދުން ތަކަށްވުރެ ކުރުވެފައި ކަރުވެސް ބޮޑެވެ. ނަމަވެސް އެހެދުމުގައި އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އޭނާގެ ހަންގަނޑުގެ އޮމާންކަމާއި ދޮންކަން ނުހަނު ބޮޑަށް ފާޅުވެއެވެ. އެހެދުމުގައި އޭނަ ފެނިއްޖެނަމަ، ހިއްސުތައް ސަލާމަތުންހުރި ކޮންމެ ފިރިހެނަކަށްވެސް އަސަރު ކުރާނެކަން ގައިމެވެ.

" މިހާ އަގުބޮޑު ހެދުމެއް މީނަ މިފޮނުވީ އަހަރެންލާ ހެދުން ދެރަވެ ކަމުނުގޮސްގެންތަ؟…ނޫނީ އަހަރެންގެ ޑިޒައިންތަ ހުތުރީތަ؟…ނޫނީ ޖޯ އެއީ އަހަރެން އެންމެ ގަޔާވާ ޑިޒައިނަރއޭ ބުނީމަތަ؟…" ލޯގަނޑު ކުރިމަތީގައި ހުރެގެން ހެދުމަށް ރަނގަޅަށް ބަލާލަމުން ޝައުން ހިތާ ހިތާ ސުވާލު ކުރިއެވެ.

އެރިކްގެ މަގުސަދަކީ ކޮބައިކަމެއް ނޭނގިހުރެ، ޝައުން އެރިކްގެ ދައުވަތު ގަބޫލުކުރަން ނިންމިއެވެ. އެހެންކަމުން އޭނާގެ އެކުވެރިންނަށް ގުޅާފައި މިރޭގެ ޕްރޮގްރާމް ކެންސަލްވީ ކަމުގައި ބުންޏެވެ. އަދި ފެންވަރައި އެރަތް ހެދުންލައިގެން އޭނާ ރަނގަޅަށް ތައްޔާރުވިއެވެ. އެރިކް އޭނާ ގޮވައިގެން ޕާރޓީއަކަށް ދާންއުޅެނީ ކަމުގައި އޭނާ ޔަޤީންކުރިއެވެ. އޭނާ ފުރިހަމައަށް މޭކަޕްކޮށްގެން ލޯގަނޑު ކުރިމަތީގައި ފަރިބަލަން ހުއްޓައި އެރިކް ގުޅިއެވެ. އެހެންކަމުން އޭނާ އަވަސްކޮށްލައިގެން އަތްދަބަސް ހިފައިގެން ނުކުތެވެ. މަންމައާއި ބައްޕައަށް ފެނުމުގެކުރިން ގެއިން ނުކުތުމަށް އޭނާ ބޭނުންވިއެވެ.
" ދަރިފުޅާ!…ހާދަރީތިވެގެން ކޮންތާކަށް…." ބޭރަށް ނުކުތުމަށްޓަކައި އޭނާ ހިނގައިގަތް ވަގުތު ފަހަތުން މަންމަގެ އަޑުއިވިފައި އޭނާ ހުއްޓުނެވެ.

" ރައްޓެއްސަކާއެކު….." ފަހަތަށް އެނބުރިލާފައި ޖެހިލުންވެހުރެ ޝައުން ބުންޏެވެ.

" ދަރިފުޅާ….ހާދަރީތި ހެދުމެކޭ….ތީދަރިފުޅުގެ ޑިޒައިނެއްތަ؟…" ކައިރިއަށް އައިސް ބަލާލަމުން އަޒީފާ އަހާލިއެވެ.
" ނޫން…ރައްޓެއްސަކު ހަދިޔާކުރި އެއްޗެއް….މަންމާ ލަސްވަނީ އަހަރެން ދެންދަނީ…" މަންމަގެ ސުވާލުތައް ގިނަވެދާނެތީ އަވަސް އަވަހަށް ޝައުން ބުންޏެވެ.
" އަދި މަޑުކޮށްބަލަ!…ތިހެދުން މަންމައަށް އެހާ ކަމަކު ނުދޭ….އެހާކުރުވެފަ ކަރުވެސް އެހާބޮޑު….ތިހެން ހުއްޓާ ބައްޕައަށް ފެނުނީމަ ހިތްހަމައެއް ނުޖެހޭނެ…" އަޒީފާ ބުނެލިއެވެ.

" މަންމާ…އެކަމު ދެން ބަދަލެއް ނުކުރެވޭނެ…މިދަނީ ޕާޓީއަކަށޭ….ހުރިހާ އެންމެންވެސް ލާނީ މިކަހަލަ ހެދުމެއް….ދެންދަނީ.." ޝައުން އަވަސް އަވަހަށް ހިނގައިގަތެވެ.

" މަޑުކުރޭ!..އަން މިޖެކެޓްލައިގެން ދޭ….ތިހެންހުރެ ފިރިހެނުންގެ ކުރިމައްޗަށް އަރަން ހެޔޮވާނެތަ؟…" ޖެކެޓް ދެމުން އަޒީފާ ބުނެލިއެވެ. ޝައުން ހިނިތުންވެލާފައި ޖެކެޓްގައި ހިފުމަށްފަހު ގެއިން ނުކުތެވެ.

ޝައުންގެ އިންތިޒާރުގައި ކާރުގައި އިން އެރިކްއަށް ޝައުން ފެނުމާއެކު ހުއްޓިފައި ބަލަން އިނދެވުނެވެ. ޖެކެޓްލާފައި ހުރިނަމަވެސް، އެދޮން ދެފައި އޮތީ ހާމައަށެވެ.
" ވާއު…ހާދަރީއްޗޭ….ހާދަރީއްޗޭ….އަހަރެން ހަމަ ބަސްހުއްޓިއްޖެ…" ޝައުން ކާރަށް އެރުމާއެކު ޖަޒްބާތީގޮތަކަށް އެރިކް ޝައުންއަށް ތައުރީފުކޮށްލިއެވެ.
ޝައުން އޭނާ ލައިގެންހުރި ޖެކެޓް ބޭލުމުން އޭނާގެ ދޮން ކަނދުރާއާއި ކަރުވެސް ހާމަވެގެން ދިޔައެވެ. އެވަގުތު އެރިކްއަށް ހިންދިރުވާލެވުނެވެ. އޭނާގެ ލޯ އެންމެ ހިނދުކޮޅަކުވެސް އެރީތިކަމުން އެއްކިބާއެއް ނުވިއެވެ.
" ކޮންތާކަށް މިދަނީ؟…" އެރިކް ބަލަން އިންނަން ފެށުމުން ރަކިވެގެން ޝައުން އަހާލިއެވެ.

" އެއީ ސަޕްރައިސްއެއް….ދިޔައީމަ އެނގޭނެ…" ހިނިތުންވެލަމުން އެރިކް ބުނެލިއެވެ.

ބާރު ދުވެލީގައި އެތައް މަގަކާއި ގޯޅިއެއް ކަޑައްތު ކުރަމުން ގޮސް ކާރުވަނީ ސަންސެޓްމޯލްގެ ޕާރކިންގް ލޮޓަށެވެ.
" މިތަނަށް ކީއްކުރަން؟…" ކާރުމަޑުކޮށްލުމުން ޝައުން އެހިއެވެ.

" މަޑުކުރޭ!…އެނގޭނެ…" ހީލަމުން އެރިކް ޖަވާބުދިނެވެ. އަދި ކާރުން ފައިބައިގެން ގޮސް ޝައުން އިން ފަރާތުގެ ދޮރު ހުޅުވާލަދިނެވެ.

" މައި ލޭޑީ…" ކުޑަކޮށް ގުދުވެލަމުން އަތްދިއްކޮށްލާފައި ފިލްމީގޮތަކަށް އެރިކް އެދުނެވެ. ޝައުންވެސް ހީލަމުން އެރިކްގެ އަތުގައި ހިފާލަމުން ކާރުން ފޭބިއެވެ. ދެމީހުންގެ އެކުގައި ޝޮޕިންމޯލަށް ވަތްއިރު، މީހުންގެ ނަޒަރުގެ އަމާޒުފަތްގަނޑަކަށް ވަމުންދިޔައެވެ.
ޝައުންގެ އަތުގައި ހިފާލައިގެން ގޮސް އެރިކް އެރީ ސްޓާފުންނަށް ޚާއްސަކުރެވިފާ އިލެވޭޓާރ އަށެވެ. އެވަގުތު ޝައުން ބަލާލީ ހައިރާންވެފައެވެ.

" މިއީ އަހަރެންގެ ބައްޕަގެ ހިއްސާއޮންނަ ތަނެއް….އެހެންވީމަ މިތަނަށް އަންނަ ކޮންމެ ފަހަރަކު އަހަރެން ބޭނުންކުރަނީ މި ލިފްޓް…" އެރިކް އޮޅުން ފިލުވައިދިނެވެ.

ޝައުން ގޮވައިގެން އެރިކް ދިޔައީ ހަތަރުވަނަ ފަންގިފިލާފައިވާ ރެސްޓޯރެންޓަކަށެވެ. މުޅިރެސްޓޯރެންޓްވަނީ މަލާއި އުއްބައްތިން ޖަރީކުރެވިފައެވެ. ޔުނީފޯރމެއް އަޅައިގެން ތިބި ސްޓާފުންތަކެއް ފިޔަވައި އިތުރު ބަޔަކު އެތާކުނެތެވެ. އެދެމީހުން ފެނުމާއެކު ސްޓާފުން ސަލާމްކޮށްލިއެވެ. އެރިކް ޝައުން ގޮވައިގެން ގޮސް މެދުގައިހުރި މޭޒެއްގެ ކައިރީގައި އިށީނެވެ.

" ކީއްވެ މިތާ އެކަކުވެސް ނެތީ؟…" ތަން ހުސްކޮށް އޮތުމުން ޝައުން ސުވާލުކުރިއެވެ.

" މަޑުކުރޭ! އިރުކޮޅަކުން މީހުންވެސް އަންނާނެ…" އެރިކް ބުނެލިއެވެ.

" އިރުކޮޅެއްފަހުން ބައިބަޔަށް މީހުންތައް އައިސް ވަށައިގެން ހުރި މޭޒުތައްވެސް ފުރިއްޖެއެވެ. އަދި އެންމެފަހުން އައީ އެރިކްގެ އާއިލާއެވެ. އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އަންހެން ކޮއްކޮ އެރިކާއެވެ.

" ހެލޯ ސަރ…ހެލޯ މެމް…"އެމީހުން ފެނުމާއެކު ކޮޅަށް ތެދުވެލަމުން ޝައުން ސަލާމްކޮށްލިއެވެ. އެމީހުންވެސް ހިނިތުންވުމާއެކު ޖަވާބުދިނެވެ.

އެންމެން އައިސް ހަމަވިތާ އިރުކޮޅެއްފަހުން ޕާރޓީ ފެށިއްޖެއެވެ. އެންމެންވެސް ކެއުމަށް އިންސާފުކުރަންފެށުމާއެކު މިކްޒިކް ބޭންޑެއްގެ ލައިވް މިއުޒިކްވެސް ފެށުނެވެ. އެއާއެކު މުޅިމާހައުލަށް ތަފާތު ހިތްގައިމުކަމެއް ގެނުވިއެވެ. އެރިކްގެ މައިންބަފައިންނާއެކު އެއްމޭޒެއްގެ ދޮށުގައި އިންނަންވުމުން ޝައުންއިނީ ޖެހިލުންވެފައެވެ. ނަމަވެސް އެމީހުން ޝައުންއާ ވާހަކަދެއްކީ ހިތްހެޔޮކަމާއެކުގައެވެ. އެމީހުން ޝައުންގެ އާއިލާއާއި ދިރިއުޅުމާ ބެހޭގޮތުންވެސް ތަފާތު ސުވާލުތައްކުރިއެވެ. ޝައުން ޖެހިލުންވެ އިނދެ އެސުވާލުތަކަށް ޖަވާބުދެމުން ދިޔައިރު، އެރިކް އެއްވަރަކަށް ހިނިތުންވެލައިގެން އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ އަސަރެވެ.

ޕާރޓީ ވަރަށް އޮމާންކަމާއެކު ކުރިޔަށް ދިޔައެވެ. ޝައުން ކުރިން ނުދެކޭ ކިތަންމެ ބަޔަކާއި ބައްދަލުކޮށް ތައާރަފު ވެވުނެވެ. ކޮންމެ މީހަކުވެސް ޝައުންއާ ބައްދަލުކުރަނީ އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. އެރިކްގެ ތިމާގެ މީހުންނާއި އެކުވެރިންވެސް ޝައުންއާ ރަހުމަތްތެރިވެ، އެކީގައި ފޮޓޯނަގައި ހެދިއެވެ. ވަގުތުތައް ފާއިތުވަމުން ގޮސް މެންދަމުގެ ބާރަޖަހަން ގާތްވެއްޖެއެވެ. އޭރު ޝައުންއިނީ ނިދިވެސް އައިސްފައެވެ.

" އެރިކް…އަހަރެން ގެޔަށްދާން ބޭނުން…" އެންމެފަހުން ޝައުން އެދުނެވެ.

" އަދި ހަމަ ކުޑައިރުކޮޅަކު މަޑުކޮށްލާ!…އެރިކް އެދުނެވެ. އެހެންކަމުން ޝައުން ކެތްކޮށްލިއެވެ. ބާރަޖަހަން މަދު ސިކުންތު ކޮޅަކަށް ވުމާއެކު ވަރަށްބޮޑު ކޭކެއް ގެނެސް ޝައުންމެން ތިބި މޭޒުކައިރީގައި ބެހެއްޓިއެވެ.

" ހެޕީ ބާތްޑޭ ޝައުން" ހުދުކުލައިގެން ކޭކުގައި ރަތްކުލައިން ލިޔެފައިވާ ލިޔުންކޮޅު ފެނުމާއެކު ހައިރާންވެގެން އެރިކްއާ ދިމާއަށް ޝައުންއަށް ބަލާލެވުނެވެ.

" މެމް…ވަޅި…" ރަތްކުލައިގެ ރިބަންފަށެއް އައްސާފައިވާ ވަޅިއެއް ދިއްކޮށްލަމުން ސްޓާފަކު ބުންޏެވެ. ޝައުން ހައިރާންވެ އިނދެ ވަޅީގައި ހިފިއެވެ. މިއީ އޭނާގެ އުފަންދުވަސްކަމެއް ޚުދު އޭނާވެސް ހަނދާނެއްނެތެވެ. އާއިން މާލެ ދިޔަފަހުން އޭނާ އަދި އެންމެ ފަހަރަކުވެސް އުފަންދުވަސް ފާހަގަކޮށްފައެއް ނެތެވެ. އެހެންކަމުން މިހާރު އޭނާއަށް އެދުވަސް ފާއިތުވާއިރުވެސް ނޭނގެއެވެ.

" އަވަހަށް ކޭކުފަޅާ…" ޝައުން ހައިރާންވެފައި ބަލަން އިންނަން ފެށުމުން އެރިކް ބުނެލިއެވެ. ޝައުން ކޭކުގައި ވަޅިޖައްސައި މަޑުމަޑުން އޮބާލިއެވެ.

" ހެޕިބާރތްޑޭ ޓޫޔޫ…. ހެޕިބާރތްޑޭ ޓޫޔޫ….ޑިއަރ ޝައުން… ހެޕިބާރތްޑޭ ޓޫޔޫ…." އެރިކްއާއި ހަފްލާގައި ތިބި އެންމެން އެއްއަޑަކަށް ލަވަކިޔަމުން ދިޔައިރު، އެއާގުޅޭ މިއުޒިކްގެ އަޑުވެސް އިވެމުން ދިޔައެވެ. އެންމެންގެ އަތްތިލަބަޑީގެ އަޑުވެސް މާހައުލުގައި ގުގުމައިގެން ދިޔައެވެ. ޝައުން ކޭކުކޮޅެއް ނަގައި އެރިކްއަށް ދިއްކޮށްލުމުން އޭނާ ކުޑަކޮށް ގުދުވެފައި ކޭކުކޮޅު ކާލިއެވެ. އަދި އޭނާގެ އަތުން ކޭކުކޮޅެއް ނަގައި ޝައުންއަށް ލެވިއެވެ. ފަހަރަކު މީހަކު އައިސް ޝައުންއަށް އުފަންދުވަހުގެ ތަހނިޔާ ކިޔައި ހަދިޔާދޭން ފެށިއެވެ.

" ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް….އަދި ހަފްލާ ނިމުނީކީނޫން…އަދި އަހަރެންގެ ހަދިޔާއެއް ނުދެމެއްނު…އެހަދިޔާ ދޭއިރު ހުރިހާ ބޭފުޅުންގެ ތަރުހީބުބޭނުންވާނެ…" އެންމެ ކުޑަކޮށް ފޭވެލުމުން އެރިކް ބުނެލިއެވެ. ހުރިހާ އެންމެންގެ ސަމާލުކަން ލިބުމުން އެރިކް އޭނާއިން ގޮނޑިން ތެދުވިއެވެ. އަދި ޝައުންގެ އަތުގައި ހިފައިގެން ގެނެސް އެންމެންގެ މެދުގައި ބެހެއްޓުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި ކުއްލިއަކަށް އޭނާގެ ކޯޓްގެ ޖީބުން ކުޑަމަކުމާ ފޮއްޓެއް ނެގުމަށްފަހު، އެއްކަކޫމައްޗަށް ތިރިވެލިއެވެ.

"ވިލް ޔޫ މެރީ މީ މައި ބިއުޓިފުލް….؟…." ފޮށީގެ މަތިހުޅުވާލާފައި ޝައުންއާ ދިމާއަށް ދިއްކޮށްލަމުން އެރިކް ބުންޏެވެ.
އެވަގުތު ވަށައިގެންތިބި މީހުން އެއްއަޑަކަށް ހޯބޯލަވައިގަތެވެ. ހަދާނެ ގޮތެއް ނޭނގި ކަންބޮޑުވެފައި ޝައުން ވަށައިގެން ނަޒަރު ހިންގާލިއިރު، އެންމެންގެ ލޯތައްވަނީ އޭނާއަށް އަމާޒުވެފައެވެ. ޚާއްސަކޮށް އެރިކްގެ މައިންބަފައިން ކެތްތެރިކަން ކުޑަވެފައި އޭނާއާ ދިމާއަށް ބަލަންތިބިގޮތުން އޭނާގެ ނޭވާ މޭގެ ތެރޭގައި ތާށިވިއެވެ.

" އާނއެކޭ ބުނޭ….އާނއެކޭ ބުނޭ…." އެންމެން އެއްއަޑަކުން ގޮވަމުން ދިޔައިރު، މުޅި މާހައުލުގައި އަޑުބައްދާލާފައިވެއެވެ.
ކުއްލިއަކަށް މިދިމާވި ކަމަކުން ހާސްވެގެން ޝައުންގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ދެން އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އަނބުރައިގަނެގެން ވެއްޓޭކަމަށް ހެދުމެވެ. ނޫންނަމަ އެންމެންގެ ކުރިމަތީގައި އޭނާއަށް ބުނެވޭ އެއްޗަކުން މުޅި އުމުރަށް އެކަމުގެ ޒިންމާ ނަގަން ޖެހިދާނެއެވެ. ބޮލުގައި އަތްއަޅައިގެން ޝައުން ވެއްޓެން ދިއުމާއެކު އެރިކްއަށް ބޭއިޚްތިޔާރުގައި ފުންމައިގެން ތެދުވެ ޝައުންގެ ގައިގާ ހިފުނެވެ. ވަށައިގެންތިބި މީހުންވެސް ވަގުތުން ހިމޭންވިއެވެ.

" ޝައުން…ޝައުން…." އެރިކް ކަންބޮޑުވެފައި ޝައުންގެ މޫނުގައި މަޑުމަޑުން ޖަހާލުމުންވެސް، ޝައުންގެ ޚަބަރެއްނުވުމުން ބަލާކަށް ނުކުރެ އޭނާގެ އަތްދަނޑިމައްޗަށް ޝައުއް އުފުލާލައިގެން ރެސްޓޯރެންޓުން ނުކުތުމަށް ހިނގައިގަތެވެ.
އިމާރާތުން ނުކުމެ ކާރަށް އަރައި ޝައުން ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެރިކް އަވަސްވެގަތެވެ. އޭރުވެސް ޝައުން ކެތްތެރިކަމާއެކު މަޑުމަޑުން އެއޮތްގޮތަށް އޮތެވެ. ކާރު ސޮޕިންމޯލްއިން ނުކުމެ އެތައް ހިސާބަކަށް ދިއުމުން ޝައުން މަޑުމަޑުން ލޯހުޅުވާލިއެވެ.

" އެރިކް…އަހަރެން ބޭނުމީ ގެޔަށްދާން…" ޝައުން މަޑުމަޑުން ބުނެލިއެވެ.

"އޯހ…ސަންޝައިން…މިހާރު ރަނގަޅުތަ؟….އަހަރެންނަށް މާފްކުރޭ!…ވިސްނާނުލާ އެފަދަކަމެއްކުރީމަ މާބޮޑަށް ހާސްވީދޯ…." ކާރު މަޑުކޮށްލާފައި އެއްއަތުން ޝައުންގެ މޫނުގައި ފިރުމާލަމުން އެރިކް މާފަށް އެދުނެވެ.

" ހިނގާ ގެޔަށް….ވަރަށްބޮޑަށް ބޮލަށްތަދުވޭ….." އާދޭހުގެ ރާގެއްގައި ޝައުން ބުނުމުން އެރިކް ދެބަހެއްނެތި ޝައުން ގޮވައިގެން ގެޔަށް ދިޔައެވެ. މިރޭ އޭނާ ރޭވި ރޭވުން ފެނަށްވެގެން ދިޔަނަމަވެސް، އަދި ޝައުންގެ ފަރާތުން ޖަވާބެއް ހޯދަން އޭނާ އަޒުމް ކަނޑައެޅިއެވެ.
****
ނިދަން އޮތްއިރު، ޝައުންގެ ސިކުނޑީގައި ސިފަވަމުން ދިޔައީ މިރޭގެ ހާދިސާއެވެ. އެރިކް އޭނާގެ ކިބައިން ކައިވެންޏަށް އެދުނު މަންޒަރު އެއީ ކިތަންމެ ހިތްގައިމު މަންޒަރެއް ނަމަވެސް އެއީ އޭނާގެ ހިތަށް ކަންބޮޑުވުމާއި ނުތަނަވަސްކަން ވެރިކުރުވި މަންޒަރެކެވެ. އެރިކްއާ ކައިވެނި ކުރާކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އާއިންނޫން އިތުރުމީހަކާމެދު އެފަދަ ނަޒަރަކުން ދެކޭކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އޭނާގެ ހިތް ދުވަހަކުވެސް އެނޫން މީހަކަށް ނޭދޭނެއެވެ.

އޭނާ މަޑުމަޑުން ތެދުވެގެން ގޮސް އަލަމާރި ކައިރިއަށް ހުއްޓި ދޮރުފަތް ހުޅުވާލިއެވެ. އަދި އަލަމާރީގެ ތިރީބައިގާވާ ވަރަށްރީތި ކަރުދާހު ފޮއްޓެއް ނަގައިގެން އައިސް އެނދުގައި އިށީނެވެ. އޭނާ ފޮށީގެ މަތި ހުޅުވާލުމަށްފަހު އެތެރެ ބަލާލިއެވެ. އޭގައިވަނީ ތަފާތު އެކި މުނާސަބަތު ތަކުގައި އާއިންގެ ފަރާތުން ލިބިފައިވާ ތަފާތު ހަދިޔާތަކާއި ކާޑްތަކެވެ. އޭނާ ފަހަރަކު ކާޑެއްނަގައި އޭގައިވާ ލިޔުންކޮޅުތައް ކިޔަމުން ދިޔައެވެ. އެއިން ކޮންމެ ލިޔުންކޮޅެއްގައި ވަނީ އާއިންގެ ލޯބިވެތި ބަސްތަކެވެ. އޭނާއަށް ލޯބިން ކިޔާނަންތަކުން މުޚާތަބުކޮށްފައިވާ ކޮންމެ ބަސްކޮޅަކުން އޭނާގެ ހިތަށް އުފާވެރިކަން ގެނުވައެވެ. އަދި އާއިންގެ ފަރާތުން ލިބިފައިވާ ތަފާތު ހަދިޔާތައްވެސް އޭނާ ބަލަންފެށިއެވެ. އޭގައިވާ ނޫކުލައިގެ މަޚުމާ ފޮއްޓެއް އޭނާ ނެގިއެވެ. އަދި މަޑުމަޑުން އެފޮށި ހުޅުވާލިއެވެ. އޭގައިވަނީ ރިހިކުލައިގެ ހިމަ ފަށެކެވެ. އަދި ހިތެއްގެ ބައްޓަމަށްވާ ލޮކެޓެއްވެސް އޭގައިވެއެވެ. ޝައުން ލޮކެޓް ހުޅުވާލިއިރު، އެއްފަޅީގައި ވަނީ އާއިންގެ ވަރަށްރީތި ފޮޓޯއެކެވެ. އަދި އަނެއްފަރާތުގައިވަނީ އޭނާގެ ފޮޓޯއެކެވެ. އޭނާ މަޑުމަޑުން އާއިންގެ ފޮޓޯގައި ފިރުމާލިއެވެ. އެފަށް ލިބުނު ދުވަހުގެ ހަނދާން އާވެ، ޝައުންގެ ލޮލުން ކަރުނަ ހިލުނެވެ. އެދުވަހު އޭނާ ކިހާ އުފާވި ހެއްޔެވެ؟ ނަމަވެސް މިއަދު އޭނާގެ އުފަންދުވަހު ކުޑަމިނުން މެސެޖެއްވެސް އާއިން ނުކޮށްލިއެވެ.

ޝައުން ފަހަރަކު ކާޑެއް ކިޔަމުން ގޮސް، ހުރިހާ އެއްޗެއް ދަށުގައިވާ އޭނާގެ ފޮޓޯ ޑައިރީ ނެގިއެވެ. އޭނާ ޑައިރީ ހުޅުވާލުމާއެކު އާއިންއާއި ޝައުން އެކީގައި ނަގާފައިވާ ފޮޓޯއެއް ފެނުނެވެ. އެއީ އަލަށް ހައިސުކޫލަށް ދިޔަ ދުވަހުގެ ފޮޓޯއެކެވެ. އޭނާ ފަހަރަކު ފޮޓޯއެއްބަލައި އެކި ދުވަސް ދުވަހުގެ ހަނދާންތައް އާކުރިއެވެ. އެއިން ކޮންމެ ފޮޓޯއަކީ އޭނާގެ ހަޔާތުގެ ވަރަށް މުހިއްމު ސަފްހާއެކެވެ. އޭގައި ފޮރުވިފައިވަނީ ކިހާފޮނި ހަނދާން ތަކެއް ހެއްޔެވެ؟ އެއީ މުޅީންވެސް އާއިންއާ ގުޅުންހުރި ހަނދާންތަކެވެ. ނަމަވެސް އާއިން އެއިން ކަމެއް ހަނދާންހުރިބާއެވެ. އެއިން އެންމެ ދުވަހެއްގެ ހަނދާންވެސް އާއިން ވޭބާއެވެ؟ އޭނާއަށް އާއިންގެ ހަނދާނުގައި ނުނިދިގެން އުޅޭއިރު، އާއިން ކުޑަކޮށްވެސް އޭނާގެ މަތިން ހަނދާންވޭބާއެވެ؟

ޝައުން އޭނާގެ ލޮލުގައިވާ ކަރުނަތައް ފުހެލަމުން ޑައިރީ ލައްޕާލިއެވެ. އަދި ފޮށިގެންގޮސް ކުރިންވެސް ހުރިތަނުގައި ބެހެއްޓިއެވެ.
" އަހަރެން އާންގެ މަތިން ހަނދާން ނައްތާލާނަން…..އާންއަށް އަހަރެންނާ ނުލާ އުޅެވެންޏާ އަހަރެންނަށް ކީއްވެ ނޫޅެވެންވީ؟…" ޝައުން ހިތާހިތުން އަޒުމެއް ކަނޑައެޅިއެވެ.
ނުނިމޭ