Last Updated: April 20, 09:23
Saturday, April 20, 2024
ޚަބަރު

ހައްގު ނުވާ ފަރާތްތަކަކަށް ފްލެޓް ދީފައިވޭ: ކޮމިޓީ

ފްލެޓް ކޮމިޓީގެ މެމްބަރުން - ފޮޓޯ: ރައީސް އޮފީސް

މިހާތަނަށް ބެލި ބެލުމުން ވެސް ފްލެޓް ހައްގު ނުވާ ފަރާތްތަކަކަށް ފްލެޓް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މެމްބަރުން ވިދާޅުވި ގޮތުގައި ކޮމިޓީން މަސައްކަތާ ހަވާލުވެ ވަޑައިގެންނެވިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ބެހޭ ލިޔެކިޔުންތަކާމެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ކަމަށެވެ.

ޚާއްޞަގޮތެއްގައި، މިފަދަ ލިޔެކިޔުންތައް ރައްކާތެރިކަމާއެކީ ބަލަހައްޓާފައިނުވާކަން ފާހަގަ ކުރައްވައި ކޮމިޓީގެ ބޭފުޅުންވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

"އަޅުގަނޑަކީ ސަރުކާރުގެ އެކިއެކި އޮފީސްތަކުގައި ވަރަށްގިނަދުވަސް ވަންދެން އުޅެފަ ހުރި މީހެއް. އެހެންވީމަ މިކަހަލަ ވިއްސިވިހާލިވެފަ ހުރިގޮތަކަށް އެއްޗެހިތައް ހުރި އެއްވެސް އޮފީހެއް ދުވަހަކަވެސް އަޅުގަނޑު ނުދެކެން. ހުރިހާ ފޯމްތައް ރައްޔިތުންގެ ހައްގުތައް އެކުލެވިގެންވާ އެއްޗެއް ދެއްތޯ އެއީ. ހުރިހާ ފޯމްތައް ހުރީ ހަމަ އުކާލާފައޭ އަޅުގަނޑަށް ދެންނެވޭނީ" އެ ކޮމިޓީގެ ނައިބު ރައީސް މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވިއެވެ.

އަދި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން އާންމުން ހުށަހަޅާފައިވާ ފޯމުތައް އެއްވެސް ތަރުތީބެއްނެތި ހުރުމުގެ ސަބަބުން، އެންމެ ފުރަތަމަވެސް ކުރައްވަން ޖެހިވަޑައިގެންނެނީ އެފޯމުތައް ހޯދައި ފޯމުތައް ހަމަކުރުމުގެ މަސައްކަތް ކަމަށާއި އަދިވެސް އެ މަސައްކަތް މުޅިން ނިންމަވައިލެއްވިފައި ނުވާކަމުގައި އެ ކޮމިޓީގެ މެމްބަރުން ވިދާޅުވިއެވެ.

މީގެ އިތުރުން، ފޯމްތަކަށް މާކްސް ދިނުމުގައިވެސް އެއްވެސް އުސޫލަކަށް އަމަލުކޮށްފައިނުވާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުންވެސް ފްލެޓް ހައްގު ނުވާ ފަރާތްތަކަކަށް ފްލެޓް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން ވިދާޅުވިއެވެ.

އަދި، މިކަމުގައި އިހުމާލުވާ ފަރާތްތައް ހޯދުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތްވެސް ކޮމިޓީން ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

މި ކޮމިޓީ އަކީ "ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް މުރާޖަޢާކޮށް، އިންސާފުވެރި ދެފުށް ފެންނަގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލެއްވި ކޮމިޓީއެކެވެ.