Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މީދޫ ދާއިރާގެ މިނިވަން ކެންޑިޑޭޓު އަބްދުއްރަހްމާން ފޯމު އިލެކްޝަނަށް ހުށަހަޅައިފި

މީދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްރަހްމާން (އައްދު) ކެންޑިޑޭސީ ފޯމު މިއަދު އިލެކްޝަނަށް ހުށަހަޅައިފިއެވެ.

އައްދު އާއި އެކު މިއަދު ފޯމު ހުށަހެޅުމަށް މީދޫގެ ގިނަ އަަދަދެއްގެ ޒުވާނުން ވަނީ އިލެކްޝަން ކަމިޝަންގެ އިދާރާއަށް ގޮސްފައެވެ.

އައްދު ވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފައެވެ. މީދޫ ސަންސެޓު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ފެއްޓުމުގެ ރަސްމިއްޔާތުގައި މީދޫގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިރު އައްދުއަށް ތާއިދު ކުރާ މަރަދޫ ފޭދޫގެ ރައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ހަރަކާތަކީ ފަހުގެ ތާރީހެއްްގައި މީދޫގައި އެންމެ ގިނަ ބަޔަކު ބައިވެރިވި ސިޔާސީ ހަރަކާތެވެ. ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި އައްދު ވިދާޅުވީ ވަކި ކުލައަކަށް ބެލުމެއްނެތި މިފަހަރު ދާއިރާގެ ދަރިޔަކު މަޖްލިސް އަށް ހޮވުމަކީ ދާއިރާއަށް ތަރައްޤީއަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުންކަމަށެވެ. އެގޮތުން އޭނާ އިންތިހާބްކޮށްފި ނަމަ މީދޫ މަރަދޫފޭދޫ ދާއިރާއަށް ތަރައްޤީ ގެނައުމުގައި ދެމި ހުންނާނެ ކަމަށެވެ.

އައްދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މީދޫ އާއި މަރަދޫފޭދޫ ވަރަށް ބޮޑަށް ބިކަ ވެފައިވާ ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް އިހްލާސްތެރިއަކު ނެތުމުން ދިމާވި މައްސަލައެއްކަމަށެވެ.

އެހެންވެ މިފަހަރު މިދެރަށުގެ ރައްޔިތުންނާއި އެކު ނިކުތުމަށް ނިންމި މައިގަނޑު ސަބަބަކީ ރައްޔިތުންގެ ބޭނުންތައް މަޖްލިސްގެ ތެރެއިން ފުއްދަވައި ދިނުމަށްކަމަށެވެ.