ރިޕޯޓް

ޖަންބު: ހަކުރު ބަލީގެ މީހުންގެ މޭވާއެއް

ޖަންބަކީ ޖަނބުރޯލު ފަދައިން ހުތް ފޮނި މޭވާއެކެވެ. ޖަނބުރޯލް އަދި ޖަންބަކީ އެއް އާއިލާއަކަށް ނިސްބަތްވާ ދެމޭވާ އެވެ. އެހެންކަމުން މިދެމޭވާގެ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ގާތްކަމެކެވެ. ޖަންބުގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަންބު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަންބު ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރުމުގައި ވެސް ބޭނުންކުރެވިދާނެ އެވެ.

ޖަންބުން ލިބޭ ފައިދާތައް ވެސް ނުހަނު ގިނައެވެ. އެކި ގައުމުތަކުގައި އެކި ގޮތަށް އެކި ކަންކަމަށް ފަރުވާ ކުރުމަށް ޖަންބު ބޭނުން ކޮށްފައިވެއެވެ. އެ ގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައް ތިރީގައި މިވަނީއެވެ.

ޖަންބަކީ ހަކުރު ބަލީގެ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ. ޖަނބުރޯލް އަދި ޖަންބު ވެސް ހިމެނެނީ ގްލައިސިމިކް އިންޑެކްސް ދަށް ކާނާގެ ބާވަތްތަކުގެ ތެރޭގައެވެ. އަދި މިއީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭ އެއްޗެއްކަންވަނީ ހޯދިފައެވެ. އިންޑިޔާ، ބްރެޒިލް، ޗައިނާ، ސުރިނާމް، ފަދަ ގައުމުތަކުގައި ޖަންބުގަހުގެ ފަތާއި، ލަކުޑި އަދި އޮށް ވެސް ހަކުރުބަލީގެ އަހުލުވެރިންނަށްދީ އުޅެއެވެ.

ޖަންބު ގަހުގެ ލަކުޑިއާއި، ޖަންބު މުލުގެ ތޮށީގައި "ޖަމްބޯސީން" ކިޔާ އެލްކަލޮއިޑް އެއް ހުރެއެވެ. ބެލެވިފައިވާ ގޮތުގައި އެއީ ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މިއީ ސްޓާރޗް ހަކުރަށް ބަދަލުވުން ހުއްޓުވާ މާއްދާ އެކެވެ. ނަމަވެސް މިކަން ދިރާސާތަކުގެ އަލީގައި އަދި މުޅިން ސާބިތުނުކުރެވޭކަން ފާހަގަކޮށްލަން ޖެހެއެވެ.

ބައެއް ހުޅަނގުގެ ގައުމުތަކުން ކުރި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޖަންބުގައި ބެކްޓީރިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. ޚާއްޞަކޮށް "ސްޓެފައިލޯކޯކަސް"ގެ ތަފާތު ވައްތަރުގެ ޖަރާސީމްތަކާއި، "ޔާރސިނިއާ އެންޓީރޯކޮލައިޓިކާ" ފަދަ ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން އެކުލެވިގެންވާކަން ވަނީ ހޯދިފައެވެ. މިގޮތުން މި ޚާއްޞިއްޔަތު ލިބެނީ ޖަންބު ގަހުގެ ތޮށީގައި ހުންނަ "ޓެނިން" ގެ ސަބަބުންނެވެ.

މީގެ އިތުރުން ލޭގައި ހަކުރު ދަށްކުރުމުގެ ބާރު، ލޭމަނާކުރުމުގެ ބާރު، އެންޓި ސެޕްޓިކެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބާރު، އަދި އެސްޓްރިންޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބާރު ވެސް ޖަންބުގައި ހުރެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ބޭރަށްހިންގުން ޖެހިފައިވާ މީހުންނަށް ޖަންބު ކާންދިނުމުން ބޭރަށްހިންގުން ފަސޭހަ ރަގަޅުވެއެވެ. ޚާއްޞަކޮށް ބޭރަށްހިންގުމުގެ ވައްތަރެއް ކަމުގައިވާ "ޑިސެންޓެރީ" އަށް ފަރުވާ ކުރުމަށް ޗައިނާގައި ޖަންބު ބޭނުންކުރެއެވެ. ބޭރަށްހިންގައި ހުން އަންނަނަމަ، ސުރިނާމްގައި ޖަންބު ގަހުގެ ފަތް ބޭނުންކުރާއިރު، ބޭރަށްހިންގައި ބަނޑުގައި ރިއްސާނަމަ ސުރިނާމް ގައި ޖަންބު ބޭނުން ކުރެއެވެ.

އެކިއެކި މުޖުތަމަޢު ތަކުގައި ޖަންބު ގަހުގެ ބައިތައް އެކިއެކި މުޖުތަމަޢުގައި އެކިއެކި ކަންކަމުގައި ބޭނުންކުރެވެއެވެ. އެގޮތުން
ސުރިނާމްގައި ލޭމައްޗަށްދިއުމުން ލޭދަށްކުރުމަށް ޖަންބު އޮށުގެ ބޭނުން ހިފައެވެ.

އިންޑިޔާގައި ލޭމަނާކުރުމަށާއި، ކަރުތެރެ ހަލާކުވެ، ކަރަށް ތަދުވާނަމަ، ނޭވާލާއިރު އަޑުހުރުން، ނޭވަޔަށް އުދަގޫކުރުން އަދި ކެއްސުން ލުއިކުރުމަށާއި، ލިވަރ ޓޮނިކް އަދި ބްރެއިން ޓޮނިކް އެއްގެ ގޮތުގައި ވެސް ޖަންބު ބޭނުންކުރެއެވެ. މީގެ އިތުރުން ހުންތިރިކުރުމަށް ޖަންބު މަލުގެ ބޭނުން ހިފައެވެ.

ޗައިނާގައި އުކުނޑިކޮށްޓުން ހުއްޓުވުމަށް ޖަންބު ތޮށި ބޭނުންކުރެއެވެ. ވަޅިން ކަނޑައިގެންދާ ތަންތަނުން ލޭމަނާކުރުމަށް ޖަންބު، އަދި ގަހުގެ ތޮށި ބޭނުންކުރެއެވެ. އަދި ހޮޑުލުން މަނާކުރުމަށް ޖަންބު ބޭނުންކުރެއެވެ.

އެފްރިކާގެ ގައުމުތަކުގައި ގައިންގަޔަށްއަރާ ހަމުގެ ބަލިތަކުން ސަލާމަތްވުމަށް ޖަންބުގަހުގެ މުލުގެ ތޮށި ބޭނުންކޮށް އުޅެއެވެ. އެގޮތުން ޖަންބުގަހުގެ މުލުގެ ތޮށީގައި "ބެޓޫލިނިކް އެސިޑް" އަދި "ފްރައިޑެލޯލްއެސީޓޯން" ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ފަންގަސް ގެ ސަބަބުން ޖެހޭ ބައެއް ކަހަލަ ހަމުގެ ބަލިތަކާއި ދެކޮޅަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ މާއްދާތަކެއްކަމަށްވަނީ ބެލެވިފައެވެ.

ނޭޕާލްގައި ފުރަމޭގެ މައްސަލަތަކަށް ޖަންބުގަހުގެ ލަކުޑި ބޭނުން ކުރެއެވެ. އަދި ކިއުބާގައި އާންމުން ގަބޫލުކުރާ ގޮތުގައި ޖަންބުގަހުގެ މޫ ބޭނުންކޮށްގެން ވެއްޓޭ ބައްޔަށް ފަރުވާކުރެވެއެވެ.

ދިވެހިރާއްޖޭގައި ޖަންބު އެހާ ގިނައިން ނުފެނުނު ނަމަވެސް ރަށްފުށުގައި މަދުން ނަމަވެސް މިމޭވާ ހުންނަކަން ފާހަގަ ކުރެވެއެވެ.