Last Updated: May 18, 11:51
Saturday, May 18, 2024
ކުޅިވަރު

އިކާޑީ އަތުން އިންޓަގެ ކެޕްޓަން ބޭންޑް އަތުލައިފި

އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް މައުރޯ އިކާޑީ އަތުން ކެޕްޓަން ބޭންޑް އަތުލުމަށްފަހު އެ ޓީމުގެ ގޯލްކީޕަރު ސާމިރު ހަންޑަނޮވިޗަށް ދީފިއެވެ.

ޔުއެފާ ޔުރޮޕާ ލީގުގައި މިރޭ އޮސްޓްރިއާގެ ރެޕިޑް ވިއެނާ އާ ދެކޮޅަށް ރަށުން ބޭރުގައި އިންޓަ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ނެގި ސްކޮޑުގައިވެސް އޭނާ ހިމަނާފައިނުވާއިރު އިކާޑީ އަތުން ކެޕްޓަން ބޭންޑް އަތުލާފައިމިވަނީ އިންޓަ އިން ހުށަހަޅާފައިވާ އާ އެއްބަސްވުމާއި ގުޅޭގޮތުން އޭނާގެ އަންހެނުން އަދި އޭޖެންޓް ވެންޑާ ނާރާ ވާހަކަތަކެއް ދައްކާފައިވަނިކޮށްނެވެ.

"އެއްބަސްވުން އާކުރުމުގައި އަވަސް އަރުވާލާކަށް ބޭނުމެއް ނޫން." ވެންޑާ ބުންޏެވެ.

"މި ދަނޑިވަޅުގައި އޭނާ އާ ބެހޭގޮތުން މީޑިއާގައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވެމުންދޭ. އެގޮތުން، ކްލަބުން އޭނާ ޖޫރިމަނާ ކުރިކަމަށްވެސް އެބަކިޔާ. އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް." ވެންޑާ ބުންޏެވެ.

"އަހަރެން ގަބޫލުކުރަނީ ކްލަބުން މިހާރަށްވުރެ ބޮޑަށް އޭނާ އަށް ރައްކާތެރިކަން ދޭނެ ކަމަށް. މިހާރު ދެކެވެމުންދާ ވާހަކަތަކަކީ ކްލަބުގެ އެތެރޭގައި ދައްކާ ވާހަކަތަކެއް ކަމެއް ނުވަތަ ބޭރުން ދައްކާ ވާހަކަތަކެއް ކަމެއް ޔަގީނެއް ނޫން."

މީގެއިތުރުން، ވެންޑާ ވަނީ އިންޓަގެ ފޯވާޑްލައިންގައި އިކާޑީ އާއެކު ހަރަކާތްތެރިވާ ލޮޓާރޯ މާޓިނޭޒްގެ ސްޓްރައިކް ޕާޓްނާޝިޕް އާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ އަށް ފާޑު ކިޔާފައެވެ.

މިކަމާ ގުޅޭގޮތުން އިންޓަގެ ކޯޗު ސްޕަލެއްޓީ ވަނީ އެ ކްލަބުން އޮސްޓްރިއާގެ ވިއެނާ އަށް ޔުރޮޕާ ލީގުގެ މެޗު ކުޅުމަށް ކުރި ދަތުރުގައި ބައިވެރިވުމަށް އިކާޑީ ދެކޮޅުހަދާފައިވާކަމަށް ބުނެފައެވެ.

އެގޮތުން، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ މި ވަގުތަށް އޭނާ އެންމެ އިސްކަމެއްދެނީ މިރޭ ވިއެނާ އާ ދެކޮޅަށް ކުޅޭ މެޗަށްކަމަށާއި މި މެޗަކީ އެ ޓީމަށް ވަރަށް މުހިއްމު މެޗެއްކަމާއި އިކާޑީ އާ ގުޅޭ ކަންތައްތައް ހަމައަކަށް އެޅުވުމަށް އަދި ވަގުތު އެބައޮތް ކަމަށެވެ.

ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލްތަކެއް ކާމިޔާބުކޮށްފައިވާ އުމުރުން 25 އަހަރުގެ އިކާޑީ އަށް މި ސީޒަނުގައި އަދި އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ލީގުގައި ކުޅުނު 20 މެޗުގައި ޖެހިފައިވަނީ އެންމެ 9 ގޯލެވެ.

އިންޓައާއެކު އިކާޑީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.