ސަރުކާރުގެ އަމާޒަކީ މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވަނީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުން އިފްތިތާހުކޮށްދެއްވާފައެވެ. މިއީ އެމަނިކުފާންގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުންކަމަށެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ، މަތީ ތަޢުލީމް ޙާޞިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
ޤައުމީ ތަރައްޤީގެ ދާއިރާތަކުގެ ތެރެއިން، ތަޢުލީމީ ދާއިރާއަށް، މި ސަރުކާރުން ވަކިން ޚާއްޞަ އިސްކަމެއް ދިނީ، ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތަޢުލީމީ ޖީލެއް ބިނާކުރަން ކަމަށާއި ޤައުމެއްގެ އިޤްތިޞާދު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމް އުނގެނިގެން ތިބޭ ޒުވާނުން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މި އަހަރުގެ ބަޖެޓުގެ އެންމެ މަތީ އިންސައްތައެއް ސަރުކާރުން ޚާއްޞަކޮށްފައިވާނީވެސް ތަޢުލީމީ ދާއިރާއަށްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"މިއަދު ސަރުކާރުން މި ފަހިކޮށްދޭ ފުރުޞަތަކީ، މި ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށްޓަކައި، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ފަދަ ރަނުގެ ފުރުޞަތެއް. ތިޔަ ހުރިހާ ދަރިވަރުންވެސް މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރަން."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމީ ތަރައްޤީއަށް ބޭނުންވާ، ޒަމާނީ ޓެކްނޯލޮޖީއާ ފައިހަމަވާ ފަދަ ވިސްނުންތަކެއް އުފަން ކުރެވޭނީ، ދިވެހިންގެ ސިކުނޑިތައް ޢިލްމީ ގޮތުން ރޯފިލައިގެންދާ މިންވަރަކުންކަމަށާއި މާދަމާ މި ޤައުމު އޮންނަންވީ ގޮތުގެ ތަޞައްވުރު މިހާރުއްސުރެ، ޒުވާން ސިކުނޑިތަކުގައި ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް ރައީސް ގޮވާލެއްވިއެވެ.