Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން 10 މިލިއަން ރުފިޔާ ހޭދަކުރި!

އަހުމަދު ފާއިޒު ހުސެއިން، ފޮޓޯ: ސަން

ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަހުމަދު ފާއިޒް އާއި މުއުތަސިމް އަދުނާނު ވަކިކުރަން  އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން 10 މިލިއަން ޑޮލަރު ހަރަދުކުރިކަން ހާމަވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އާންމު ކޮށްފައިވާއިރު އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ އެދިވަޑައިގަތުމަށް އެ ފައިސާތައް ހޯދައިދިނީ މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު އެވެ.

އެ ކޮމިޝަނަށް ރާފިއު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެއް ދުވަހެއްގެ ރޭގަނޑު އަދީބު އޭނާއަށް ގުޅާފައި އޭގެ އަނެއް ދުވަހުގެ ހެނދުނު 9:00 ގެ ކުރިން 10 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދުމުން އެ ފައިސާ ހޯދުމަށްފަހު، އަދީބުގެ އެދުމުގެ މަތިން އެ ފައިސާތައް ހަވާލުކޮށްފައިވަނީ ފެންޓަސީ ކުރިމަތީގައި ހުރި ގެއެއްގެ ހަތްވަނަ ފަންގިފިލާގައި ހުރި އޮފީހެއްގައި ހުރި މުހައްމަދު ހުސައިން (އޮއިއްޓޭ) އާ ކަމަށެވެ.

"އެ ފައިސާއަކީ ކީއްކުރަން ނެގި ފައިސާއެއް ކަމެއް އެވަގުތަކު އަބްދުﷲ ރާފިއުއަށް ނޭނގޭ ކަމަށާއި، ނަމަވެސް އޭގެ ފަހުން އެދުވަހަކީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ނޯ ކޮންފިޑެންސް ވޯޓު ނަގަން އޮތް ދުވަސްކަން އެނގުނުކަމަށާއި، އަދި އަބްދުﷲ ރާފިއުއަށް ހީވާގޮތުން ނުވައެއްގެ ކުރިން ފައިސާ ހަވާލުކުރަން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ކުރާ ކަމެއް ކުރުމުގެ ގޮތުން ކަމަށެވެ" ރާފިއު ތަހުގީގަށް ދީފައިޥާ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެ ފައިސާ ދިިނީ ކޮން ބަޔަކަށް ކަމެއް އެނގިފައި ނުވާ ކަމަށް ރާފިއު ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.