Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ބޮޑު ހިޔާނާތް: އެސްއޯއެފްއެގެ މުއާމަލާތް ގަވަރުނަރުގެ ސަމާލުކަމަށް ގެނެވުނު

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގި އެސްއޯއެފްއިން ބޭންކު އޮފް މޯލްޑިވްސް އާއި ބޭންކު އޮފް ސިލޯން މެދުވެރިކޮށް ހިންގާފައިވާ މުއާމަލާ އެމްއެމްއޭގެ އެފައިއިޔޫ ޔުނިޓުން ބަލައި އޭރުގެ ގަވަރުނަރ ޑރ. އަޒީމާ އާދަމްގެ ސަމާލުކަމަށް ގެނެސްފައިވާކަން ހާމަވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އޭސީސީން ނެރެފައިވާ 700 ސަފުހާގެ ދިގު ރިޕޯޓުގައި އޭރު އެމްއެެމްއޭގެ ފައިނޭޝިއަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔާ އާތިފު ޝަކޫރު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެސްއޯއެފް ކުންފުންޏާއި ގުޅުންހުރި ބައިވަރު ޓްރާންސެކްޝަންތަކެއް ހަދާފައިވާކަމާއި އެމް.އެމް.ޕ.އާރ.ސީ އާއި އެސް.އޯފް.އެފް ޕްރައިވެޓް ލިމިޓެޑްއާ އޮތް ލިންކް ފެންނަށް އޮތް ކަމަށާއި އެގޮތުން، އެސް.އޯފް.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޓްރާންސެކްޝަންތައް ހިނގަނީ ކިނެއްތޯއާއި، އެސް.އޯފް.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ވަދެފައި، ފައިސާ ނުކުމެގެން ދަނީ ކިހިނެއްތޯއާއި، އަދި ފައިސާތައް ދަނީ ކޮންކޮން އެކައުންޓްތަކަކަށްކަން އެނގެން އޮތުމުން، އެކަމަކީ ކަމާގުޅުންހުރި ތަޙްޤީޤީ އިދާރާ އަކުން ތަޙްޤޤް ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވިގެން، އެ އެނަލިސިސް ރިޕޯޓާއެކު އެމަޢުލޫމާތު ގަވަރުނަރު އާޒިމާ އާއި ހިއްސާ ކުރިކަމަށެވެ.

މި ވާހަކަ ގަވަރުނަރު އަޒީމާ އާއި ހިއްސާ ކުރުމުން އެފްއައިޔޫ ޔުނިޓަކީ އެންމެ ހަތަރު މުވައްޒަފުން އެކުލެވޭ ކޮމެޓީ އެއްކަމަށާއި މިވަގުތު ފޯކަސްކުރާނީ ބޭރު ޤައުމުތަކުން ހިންގާ ވަގު ފައިސާ ( ބްލެކް މަނީ) ގެ ޓްރާންސެކްޝަންތައް ބަލައި އެނަލައިޒް ކުރުމަށްކަމަށާއި، ބްލެކްމަނީ ނޫން އެހެން އެއްޗެއްސައިގެން އުޅުމަށް މި ވަގުތު ރިސޯސްއެއް ނެތްކަމަށް ވިދާޅުވިކަމަށެވެ.

މި މައްސަލަ ފެންމަތި ކުރުމުން އެމް.އެމް.ޕީ.އާރ.ސީ އާއި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ބޭރު ފައިސާ ގަނެވިއްކުމަށް އެއްބަސްވުމެއް ނުހަދާންވީ ސަބަބެއްވެސް ނެތްކަން ނޭނގޭ ނޫންހޭ ވެސް ގަވަރުނަރ ވިދާޅުވިކަމަށް ޝުކޫރު އޭސީސީއަށް ބަޔާން ދީފައިވެއެވެ.

ޝުކޫރު ވިދާޅުވީ އެމައްސަލަ އެގޮތަށް އާޒިމާއަށް އެންގުމަށް ފަހު ތަހްގީގީ އެއްވެސް އިދާރާއަކަށް ނުފޮނުވާ ކަމަށާއި ނަމަވެސް އެމްއެމްއޭގެ އިތުރު ބައްދަލުވުން ތަކުގައިވެސް އެކަން ގަވަރުނަރު އާޒިމާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އާޠިފް އޭސީސީއަށް ދެ ފަހަރެއްގެ މަތިން ބަޔާން ދީފައިވެއެވެ.

އެސްއޯއެފް އާއި އެމްއެމްޕީއާރުސީގެ މައްސަލާގައި 20 ސެޕްޓެމްބަރ 2016 ވަނަ ދުވަހު އޭރުގެ ގަވަރުނަރު އަޒީމާ އާދަމް އޭސީސީއަށް ދެއްވި ބަޔާނުގައި ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް އެނގިފައި ނުވާކަމަށާއި، އެފްއައިޔޫއިންވެސް އެފަދަ ކަމެއް އަންގާފައި ނުވާކަމަށެވެ. އާޒިމާ ވިދާޅުވެފައިވަނީ ބައެއް ފަހަރު އެ ޔުނިޓްގެ ބައެއް ފަރާތްތަކުން އަދި ހެޑް އޮފް އެފް.އައި.ޔޫ ވެސް ބައެއް ކަންތައްތައް އިންފޯމްކޮށްލާ ކަމަށާއި އެގޮތުން ،މައްސަލަ އެއްހުށަހެޅުމުން އެކަން ބުނެލާފައި ހުންންނެކަމަށާއި އެއީ އެއްގޮތަކަށްވެސް ކަންތައްތައް ރިޕޯޓް ކުރުމުގެ ގޮތުންނެއް ނޫންކަމަށެވެ.