Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އެމްއެމްޕީއާރުސީ ރިޕޯޓު ލަސް ކުރީ ކީއްވެ؟: ރައީސް

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ގޮތުން އޭސީސީން ކުރި ތަހްގީގުގެ ރިޕޯޓު ނިންމުމަށްފަހު ހާމަނުކޮށް ތިން އަހަރަށް ލަސްކުރީ ކީއްވެގެންތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ސުވާލު އުފައްދަވައިފިއެވެ.

އަންނަ މަޖްލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ޖީހާން މަހްމޫދްގެ ކެމްޕެއިން ލޯންޗް ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ކަރަޕްޝަނަށް ޖާގަ ނުދެއްވާނެކަމަށާއި މިއަދުވެސް އެކަން ދައްކަވާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތް ހިންގި އެސްއޯއެފް ކުންފުނިން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަކުރަމް ކަމާލުއްދީންގެ އެކައުންޓަށް ޑޮލަރު ޖަމާކޮށްފައިވާތީ އެދެބޭފުޅުން ގޭގައި މަޑުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ އަންގަވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭސީސީން މި މައްސަލައިގެ ތަހްގީގު ނިންމައި ތިން އަހަރަށް ލަސްކުރީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

"ސުވާލަކީ ތިން އަހަރު ގާތްގަނޑަކަށް. ބަލައި ނިންމާފައި ފޮރުވާފައި ބޭއްވީ ކީއްވެގެންތޯ؟. މިއަދު ތޯ އެ އިއުލާން ކުރަންވީ؟ އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ ހުރިހާ ފަރާތްތަކަށް ވެސް، މި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެން ކުރާނަން.

"

ރައީސް ވިދާޅުވީ އޭސީސީން އެރިޕޯޓު އާއްމު ކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ. އަދި އެމުއާމަލާތުގައި ހިމެނޭ ވަކިވަކި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޭސީސީއަށް ވަނީ ގޮވާލާފައެވެ.

އެމްއެމްޕީއާރުސީގެ ތަހްގީގު ރިޕޯޓު މިއަދު އާއްމުކުރިއިރު އެ ރިޕޯޓުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތައް ހިމެނެއެވެ. އެކުންފުނިތަކުގެ މައުލޫމާތު ރިޕޯޓުގައި ހިމެނިފައިވީނަމަވެސް އެކުންފުނިތަކާއި މި ހިޔާނާތާއި އޮތް ގުޅުމެއް އޭސީސީ ރިޕޯޓުގައި ފާހަގަކޮށްފައި ނުވެއެވެ.