Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

ކިޑް: އުމުރުން 13 އަހަރުގައި މަސްތުގެ ކަނޑަށް، މިއަދު ސާފު އެމްޑީއެއް!

އުމުރުން އެންމެ 13 އަހަރުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވި ސ. ފޭދޫ ގުރަހާގެ އަހުމަދު އަޤްލީލަކީ މިއަދު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރއެކެވެ. ހަމައެހެންމެ، އައްޑޫގެ އެންމެ ނަން މަޝްހޫރު އެއް ފޮތި ފިހާރަ ކަމުގައިވާ "ފޮތި ގަރާޖު" ހިންގަމުންދާ ވިޔަފާރިވެރިޔާއެވެ. މާލެއަށް އުފަންވެ އުޅެ ބޮޑުވި ކިޑް މީގެ 6 އަހަރު ކުރިން އައްޑޫއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އިރު ކިޑްގެ ދިރިއުޅުމަކީ އިބްރަތުން ފުރިގެންވާ ދިރިއުޅުމެކެވެ.

ތިރީގައި މިވަނީ ކިޑް އައްޑޫލައިވްއަށް ދީފައިވާ އިންޓަވިއުގެ މުހިއްމު ބައިތަކެވެ.

ކުޑައިރުގެ ދިރިއުޅުން ދިޔައީ ކިހިނެތް؟

ވަރަށް ލޯބިކޮށް ދިޔައީ. ވަރަށް ކެއަރިންގ، ވަރަށް ލަވިންގ. މަންމަ ޕާސްޑް އަވޭ މަގޭ އުމުރުން 4 އަހަރުގަ. އެކަމަކު އައި ވޯޒް ޓޭކެން ގުޑް ކެއަރ އޮފް ބައި ހައްވައްތަ. ހައްވައްތަ ވަރަށް ރަނގަޅަށް ބަލަމުންއައީ. ދެން ފަހުން ބައްޕަގެ ދައްތަ އަހަރެމެން ބެލީ. ބައްޕަގެ ދައްތަގެ ކުދިންނާއެއްކޮށް ހަމަ. ދައްތަވެސް އަހަރެން ބެލީ ހަމަ ހައްވައްތަ ބެލިހާ ލޯބިން. ބޭނުން ހުރިހާ ކަމެއް ކޮށްދޭ. ދެން ވަރަށް ރަނގަޅަށް ހުރިހާކަމެއްވެސް ދިޔައީ. ކިޔެވި އިރު ހަމަ މަޖީދިއްޔާގަ ވަރަށް މޮޅަށް ކިޔެވީވެސް. ހަމަ ފްލައިންގ ކަލަރސް.

މަސްތުވާތަކެތި ބޭނުން ކުރެވެން ފެށުނީ ކިހިނެތް؟

ކުރިން ބުނިހެން ކުޑައިރު ހަމަ ވަރަށް ސަޅިކޮށް ދިޔައީ. ޓީންއޭޖަށް އެރިފަހުން މި މަޅިއެރީ. އެހާ ހިސާބުން ލައިފް އެއްކޮށް ބަދަލުވެގެން ދިޔައީ. ކިޔެވުންވެސް އެއްކޮށް ހަލާކުވެގެންދިޔީ. އަސްލު ހަމަ ގޯސްވެގެން ދިޔައީ ގާތްގަނޑަކަށް 13 އަހަރުގަ. އެހާ ހިސާބުން މަގުމައްޗަށް ނިކުމެ ގޯސްކޮށް އުޅެވެން ފެށުނީ. ސްކޫލް ތެރޭން ދިމާވި ކަންކަމުން ފެށިގެން ބޮޑަށް އެމަގަށް އެޅެން ފެށުނީ، ދެން ފަހުން ހަމަ ކޮންޓްރޯލުން ނެއްޓީ. ދޭން އޭރު ނުހުރޭ މާބޮޑު ވިސްނުމެއް. ދެން ގޭގަވެސް އޭރު އެކަހަލަ ކަންކަމާ ވާހަކަ ދެއްކޭނެ މީހަކު ނެތީ. ނަސޭހަތް ދީ އުޅުނު ހަމަ ވަރަށް ބޮޑަށް. ބަޓް ދެއަރ ވޭއި ވޮޒްންޓް ވޯރކިންގ އަސްލު.

ދެން އޭރު މަގުމައްޗަށް ނިކުނަން ފެށުނުއިރު، އުޅެމުން ދިޔަ ހިސާބަކީވެސް އެކަހަލަ ކަންކަމަށް މަޝްހޫރު ހަމަ ދާދާ ހިސާބެއް. މާފަންނު. އޭރު ކިޔާ އުޅުނީ ވެެސް ކެޕިޓަލް ސިޓީއޭ އެހިސާބަށް. ވަރަށް ވެލާފަ ދެން އޭރު އަހަރެމެން އުޅުނީވެސް. އެންމެ ފުރަތަމަ ޔޫޒް ކުރީ ހަމަ 13 އަހަރުގަ. އެރޭ ގެއަށް ވަންނަން އައި އިރު ގެ ހުރީ ތަޅުލާފަ. ދެން ގެއަކަށް ނުއެއް ވަދެވުނު. ދެން އެރޭ އުޅެން ޖެހުނީ ބޭރުގަ، ފްރެންޑްސް އާއެއްކޮށް. ދެން އަހަރެން އެކަމާ ސަކަރާތްވެފަ ހުރީމަ ބުނީ ޓްރައި ދިސް އޭ. ދެން ފުރަތަމަ ބޭނުން ކުރީ ޕިލްއެއް. ދެން އިޓް ޑިޑް މޭކް މީ ފީލް ގުޑް، ދެން އެހާ ހިސާބުން އެހެން އެއްޗެހި ޓްރައި ކުރަން ފެށުނީ. ފުރަތަމަ އިޝޫ އަކީ ހަމަ އެރޭ ގެއަށް ނުވަދެވުން.

އޭރުވެސް ފުރަތަމަކޮޅު ހަމަ ސްކޫލަށް ދިޔައިން. ސްކޫލަށް ދަމުން މިކަންތައް ފެށުނީ. ދެން އޭރު އުޅުުނު ހިސާބުގަނޑުން ހަމަ މިކަހަލަ ހުރިހާ އެއްޗެއް ލިބޭ. ދެން އެކި އެއްޗެހި ޓެސްޓު ކުރަމުން ގޮސް ހެރޮއިންއަށް ޖެހުނީ. އެހާ ހިސާބުން ކިޔެވުން ހަމަ އެއްކޮށް ދިޔައީ. ތިން ހަތަރު ފަހަރު ބޭނުންކޮށްލީމަ ހަމަ މީހާ އެއްކޮށް އެއަށް ޑިޕެންޑެންޓްވޭ އެއަށް. އެހާ ހިސާބުން ސްކޫލްވެސް ސްކިޕްވާން ފެށީ. ގޭ މީހުންނަށް އޭރު ނޭނގޭ މީ މިހެންވެ ކަމެއް. އެމީހުން ހީކުރީ ހަމަ ނުލަފާކަމުން ސްކޫލަށް ނުދަނީ ކަމަށް. ވަރަށް ފަހުން އެނގުނީ.

އަމިއްލައަށް ހުއްޓޭތޯ އެއްވެސް އިރަކު މަސައްކަތް ކުރިންތަ؟

ނޫން. އޭރު ހަމަ ބޭނުންވީ އިތުރަށް މިކަމުގެ ތެރެއަށް ވަނަން. އޭރު އެއީ ގާތް ގަނޑަކަށް 1993/1994. އެހިސާބު ގަނޑަކީ ވަރަސް މިއުޒިކަލް ހިސާބުގަނޑެއް. މާލެ ތެރޭ މިއުޒިކަލް ރެވޮލިއުޝަންއެއް ގެނުވި ޖެނެރޭޝަނެއް އޭރު އޮތީ. މިއުޒިކް ތެރެއިންވެސް ރޮކް މިއުޒިކް އޭރު ބޮޑަށް އޮތީ. އަހަރެމެން ތިބީ އެކަމުގެ ތެރެއަށް ހަމަ ވަރަށް ބޮޑަށް ވަދެވިފަ. ދުނިޔޭގެ ރޮކް މިއުޒިކްގެ ތެރޭންވެސް އަހަރެމެން އައިޑޮލްއެއް ޗޫޒްކޮށްގެން އެމީހަކު ފޮލޯކުރަމުން ދިޔައީ. އަހަރެން އޭރު ޗޫޒް ކުރީ ކަރޓް ކޮބެއިން. ދެން އޭނައަކީވެސް ޑްރގްގެ ވަރަށް ބޮޑު ހިސްޓްރީއެއް އޮތް މީހެއް. ދެން ފްރެންޑްސް މަށަށް ކިޔާއުޅުނީވެސް ކަރޓް ކިޑް. ކިޑްއަކީ ލޯބިން ކިޔާއުޅޭ ނަން. ދެން އޭނަގެ ލައިފް އަހަރެން ފޮލޯކުރަމުން ދިޔައީ. އޭނަގެ ލައިފް މަގޭ ލައިފަށް ހަދަން ބޭނުންވީވެސް. އެހާވެސް އަހަރެން ހުރީ ހަމަށް ހުސްވެ ގޮސް މޮޔަވެފަ. އޭނަ އަކީ 27 އަހަރުގަ ސުއިސައިޑްކޮށްގެން މަރުވި މީހެއް. އަހަރެންވެސް ހުރީ ހަމަ އެ ވިސްނުން މަތީގަ. އަހަރެންވެސް ހަމަ 27 އަހަރުގަ ސުއިސައިޑްކޮށްގެން ދާނީއޭހަމަ. އައި ވޮޒް ދެޓް ސްޓިއުޕިޑްއޭރު. އެއީ އޭރު ހުރި މައިންޑް ސެޓަކީ. މިހާރު ހިތައް އަރާ، އެެއީ ހަމަ ޓޯޓަލް ސްޓުޕިޑިޓީއޭ. ކޮމްޕްލީޓްލީ ރަބިޝް ވިސްނުމެކޭ އޭރު ގެންގުޅެވުނީ.

އެޑިކްޝަނުން ސަލާމަތްވީ ކިހިނެތް؟

ޑްރަގްސް ބޭނުން ކުރަން ފެށިފަހުން އަހަރަކު ދެފަހަރު ކަހަލަ ގޮތަކަށް ޖަލަށް ގެންދާނެ. އޭރު ގެން ނުލަފާކަމުން އަހަރެމެން ޖަލަށް ގެންދިޔަޔަސް އެއްބަހެއް ނުވަން. އެއްބަސް ނުވީމަ ތިން ހަތަރުމަހަށް ތަޅުވާލާފަ ދޫކޮށްލާނެ. ފުރަތަމަ ޖަލަށް ގެންދިޔަ އިރު އަހަރެންގެ އުމުރުން 14 އަހަރު. އެއީ ވަރަށް ކުޑަތާ. ވަރަށް ބިރުވެރި ފުރަތަމަ ފަރަހު. ފުރަތަމަ ޖަލަށް ގެންދިޔަ އިރު ޖަލުގަ ތިބި މީހުންނަކަށް އަހަރެމެން ނޭނގޭ. ދެން އެމީހުން ހަމަ ވަންނަ އިރަށް ހަޅޭއްލަވަން ފެށީ. ކާލާނީ! މިގޮޅިއަށް ގެނޭ ކަހަލަ އެއްޗިހި ކިޔާފަ. އޭރު ވަރަށް ބިރުގަތް ފުރަތަމަ. އެކުވެރިންވެސް ނުފެނޭނެތާ. އެކަމަކު ނަސީބަކުން ގެންގޮސް ވެއްދި ގޮޅީގަ ތިބި ވަރަށް ދަންނަ މީހުން. އެމީހުންނާ ހެދި އެތާ ތެރޭ ސަލާމަތްވީ. އޭގެ ފަހުން ޖަލަށް ގެންދިޔަ ކޮންމެ ފަހަރަކު ހަމަ ކިންގްއެއްހެން އުޅުނީ. އެގޮތަށް އަބަދު ޖަލަށް ގޮސްގޮސް ހުރީ.

ދޫކުރާއިރަށް ހަމަ ބެކް ޓު ޑަރަގްސް. އެކަހަލަ ގޮތަކަށް އޭރު ދިޔައީ. ދެން އެއްފަހަރު ގޭ މީހުން ވަރަށް ބޮޑަށް ބޭނުންވެގެން ރިހެބަށް ޖޮއިން ކުރީ. އެކަމަކު އޭރުވެސް ބޭނުމެއް ނުވޭ ހުއްޓާލާކަށް. ރިހެބަށް ދިޔައީ ހަމަ ގޭ މީހުން ހަމަ ކިޔާވަރުން. ހަމަ ދައްކާލަންވެގެން. އެ މީހުން ހިތްހަމަ ޖަައްސާލަންވެގެން. އެތާނގަ ގާތްގަނޑަކަށް އަހަަރެއްވަރަރުވީ. ކައުންސެލަރުންނާ މީޓްކުރުންވެސް އެތާނގަ އޮވޭ. އެކަމަކު ވީ އެއް އަހަރު ދުވަސް ތެރޭ އެންމެ ފަހަރަކުވެސް ކައުންސެލަރަކާ މީޓެއްވެސް ނުކުރަން. އެންމެ ފަހުން އަންފިޓް ކަމަށް ނިންމާފަ އެތަނުން ބޭރުކުރީވެސް އެތާ ތެރެއަށް ޑްރަގްސް ވައްދައިގެން އުޅެނިކޮށް. އެހާވެސް އޭރު ގޯސްކޮށް އުޅުނީ.
ދެން އަނެއްކާވެސް އެތަނުން ޖަލަށް ފޮނުވަންވެގެން މާލެ ފޮނުވިތަނާ އެތަނުން ފިލީ. ހަމަ ދުއްވައިގަތީ. އެމީހުން ވަރަށް މަސައްކަތްކުރި ހޯދޭތޯވެސް. ފުލުހުންނަށް އަންގައިގެން ވެސް ނުފެނުނު. އެކަމަކު އަހަރެން ފިލައިގެން އުޅުނީވެސް ހަމަ މާލޭގަ. އެކި ތަންތާ. ރޫމްތަކާ، ފްރެންޑުންގެ ގޭގޭގަ ގިނައިން އުޅުނީ. އޭރު ވަރަށް އަވަހަށް ސްޓަފް ލިބޭ. އެހެންވެ ޑްރަގްސް އަތުގަ ހުރީމަ ރިޗްވޭ އަވަހަށް. ވަރަށް ކޮންޓެކްޓްސް ހުރޭ އޭރު އެހެންވެ ޑްރަގްސް ހޯދަންވެސް ފަސޭހަ. ދެން މިގޮތަށް އުޅެނިކޮށް މާލެ ތެރޭ ބޮޑު ޓައިޓެއްވެގެން އުޅުނު ދުވަސްކޮޅު އެއްޗިއްސާއެއްކޮށް ބަސްޓުވީ. ދެން އެފަހަރު ޗޮއިސްއެއް ނެތީމަ އެއްބަސްވީ. އޭރު ރިހެބް މައްސަލަވެސް އޮތް. އެހެންވެ ހުކުމް ކުރީ 6 އަހަރަށް ޖަލަށް. އޭގެ ތެރެއިން 3 އަހަރު ރަނގަޅަށް އުޅެފިއަޔާ ދޫކުރާގޮތަށް. މީ ފުރަތަމަ ހުކުމެއް އައިފަހަރު. އޭގެ ކުރިން އަބަދުވެސް ގެންގޮއްސަ އެއްބަސް ނުވެގެން ދޫކޮށްލާ.
ދެން ޖަލުގަ ހުރީ. އެތާނގަވެސް ޔޫޒު ކުރިން ހަމަ. އެކިގޮތްގޮތުން އެތާނގަ އުޅުނު އިރުވެސް ލިބޭ ބޭނުންވީމަ. ޖަލުގަ ހުރި އިރު ބޭނުންވާ ހުރިހާ ކޮސްމެޓިކްސް ކަހަލަ އެއްޗެހި ވެސް އަހަރެން ނޫނީ ވަރަށް މަދު ބަޔަކަށް ޖަލުގަ ހުރި އިރު ގަވާއިދުން ލިބެނީ. ދައްތަ އެގޮތަށް އަހަންނަށް ވަރަށް ރަނގަޅު. ބުރަކޮށް މަސައްކަތް ކުރަމުންވެސް އަހަރެން ޖަލުގަ ހުއްޓަސް އަޅާލާހެދި. އެކަމަށް ވަރަށް ޝުކުރުވެރިވަން ދައްތައަށް.
މިގޮތަށް ދެން އުޅެމުން އަހަންނަށް ވިސްނެން ފެށީ. އެންމެ ނުލަފާކޮށް އުޅުނު އިރުވެސް އަހަރެންގެ ހިތުތެރޭ އަބަދުވެސް އީމާންެތެރިކަން އޮވޭ. އެހެން އުޅެނިކޮށް ވެދާނެ ކަމަކާ ދޭތެރޭ ބިރުވެތި ވެވޭފަހަރުތައްވެސް އައި. ކުޅަދުންވަންތަ ބާރެވެރި ފަރާތެއްވާކަންވެސް ވިސްނޭ. ޖަލުގަ އޮވެ މިކަން ކަމާމެދު އަހަރެން އިތުރަށް ވިސްނަންފެށިން. ދެން ޖަލުގަ ހުރެގެން ނަމާދު ކުރަން ފެށީ. އޭރުވެސް ބޭނުން ކުރަމުން ދިޔައީ ހަމަ. އެކަމަކު އަހަންނަށް ވިސްނުނީ ޑްރަގްސް ބޭނުންކޮށްގެން ހުރެ ނަމާދުކުރިއަސް އަދި މީ ރަނގަޅުގޮތެއް ނޫނޭ. ދީނުގަވެސް އަންގަވާފަ އޮވޭތާ، ނަމާދަކީ ފާހިޝް ކަންތަކާ މުންކަރާތްތަކުން ދުރުކޮށްދޭ ކަމެކޭ. އެހާހިސާބުން އަހަރެން އަމިއްލައަށް ބޭނުންވީ ހުއްޓާލަން. އެއްވެސް މީހަކު ބުނެގެނެއްވެސް ނޫން. އެހާހިސާބުން ހަމަ ކުއްލިއަކަށް ހުއްޓާލީ. އެދުވަސް ފަހުން އެގޮތް މަތީ މިހުންނަނީ ހުއްޓާލިގޮތަށް. ބަލިވީމަ އެހީތެރިވީވެސް ޖަލުގަ ތިބި އެކުވެރިން. އޭގެ މާގިނަ ދުވަހެއްނުވެ ޖަލުންވެސް އަހަރެން ދޫކޮށްލި. މިހާރު މީ 16 ވަނަ އަހަރު ކްލީންކޮށް ހުންނަތާ.

އެޑިކްޝަނުން ސަލާމަތްވުމަށްފަހު ދިރިއުޅުން ދިޔައީ ކިހިނެތް؟

ޖަލުން ސަލާމަތްވެގެން މާލެ އައި އިރު އަތަކު ނެތް އެކައްޗެއްވެސް. ވަޒީފާއެއްނެތް. އައިޑީ ކާޑެއް އުފަންދުވަހުގެ ސެޓްފިކެޓެއްގެ މިންވަރު ވެސް ނެތް. ދެން ފުރަތަމަ އުޅުނީ އެކަމާ. ދެން ވަޒީފާއެއް ލިބޭތޯ އުޅުނީ. ސްކޫލުން އަވަހަށް ކެނޑުނަސް ކިޔެވި އިރު ވަރަށް މޮޅަށް ކިޔެވިން. އެކަމަކުވެސް ސެޓްފިކެޓެއް އެއްޗެއް ނެތީމަ ވަރަށް ސްޓަރަގްލް ކުރަން ޖެހުނު. ދެން އެހެން އުޅެމުންގޮސް ލިބުނީ ރަޝީދު ކާޕެންޓްރީ ކިޔާތަނަކުން ސުޕަވައިޒަރގެ ވަޤާމު. ފެށި އިރު އެކަމުގެ އަލިފެއް ބާއެއް ނޭނގޭ. އެކަމަކުވެސް ވަރަށް ބުރަކޮށް މަަސައްކަތްކޮށްގެން 3 މަސް ނިމިގެން މުސާރަވެސް ބޮޑުވި. އެތާނގަ ގާތްގަނޑަކަށް 4 މަސް ވީފަހުން އެއްދުވަހު ވަޒީފާއިން ކަނޑާލީ. މިމީހުންނަށް އެނގުނީ އަހަރެން ކުރިން އުޅުނު ގޮތް. ދެން އިނޓަވިއުގަ އެހި މަސްތުވާތަކެތި ބޭނުންކުރުން ކަހަލަ ކަމެއް ކުރަންހޭ. އަހަރެން ނޫނެނޭ ބުނީ އޭރު ބޭނުން ނުކުރާތީ. އެމީހުން ކުރިން ބޭނުން ކުރިންތޯ އަހަރެން ކުރެން ނާހާތީ އަހަރެން އިތުރު ތަފްސީލެއްނުދިނީ. އެހެންވިޔަސް އެމީހުން އަހަރެންގެ ވާހަކަ އަޑެއްނާހާ، އަހަރެން ހަމަ ބޭރުކޮށްލީ. ދެން އަނެއްކާވެސް ޓްރައި ކުރަމުން ކުރަމުން އަހަރެން ދިޔައީ. އެތައްފަހަރަކު ރިޖެކްޓްވަމުން ވަމުންގޮސް އެންމެ ފަހުން އަހަންނަށް ވަޒީފާއެއް ލިބުނީ ޓީއެމްއޭއިން ކެބިން އެޓެންޑެންޓެއްގެ މަޤާމު. ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކުރަމުން ގޮސް 6 މަސް ވީއިރު ޕްރޮމޯޝަން ލިބި އަނެއް 6 މަހުން އަނެއް ޕްރޮމޯޝަންލިބި އަހަރެން ސީނިއަރ ވެއްޖެ. އެހެންގޮސް ޗީފް ކެބިން ކްރޫއާ ހަމައަށް ދެވުނު. ޓީއެމްއޭގަ އުޅުނު އިރު، އޭރު އެތާ މުސާރަކުޑަވީމަ އެންމެންގެ ވެސް އޮތީ އެ ޝަކުވާ. ޗީފް ކެބިން ކްރޫއަކަށްވީ ހިސާބުން ވަރަށް އެކަމަށް ފައިޓްކޮށްހެދިން. އެންމެ ފަހުން އެކަންވެސް ހައްލުކުރެވުނު އަހަރެމެންގެ މަސައްކަތުން. ބުރަވެފަ ބިޒީވިއަސް ވަރަށް ސަޅިކޮށް ދިޔައީ

ޓެކް ޑައިވަރސް އުފެދުމުގެ ފަހަތުގައިވާ ސިއްރަކީ ކޮބާ؟

އަބަދުވެސް ވަރަށް ފޮތްކިޔާ ހަދަން. މިގޮތަށް ޓީއެމްއޭގަ އުޅެނިކޮށް އެއްދުވަހަކު ކީފޮތެއް، "ރިޗް ޑޭޑް ޕުއަރ ޑޭޑް" ކިޔާ. މިފޮތުން އަސްލު އަހަރެން އިންސްޕަޔރ ވީ. އެފޮތުގަ ދައްކަނީ މުޅިންވެސް މަސައްކަތް ކުރާ މީހުންގެ ވާހަކަ. ބޮޑަށް މައިންބަފައިންގެ ވިސްނުން ހުންނަގޮތުގެ މައްސަލައެއްގެ ވާހަކަ އޭގަ ދައްކަނީ. ބޮޑު ޚަރަދުކޮށްފަ، ކުދިންނަށް ކިޔަވާދީ ބޮޑުކޮށްފަ މިބުނަނީ ދަރިފުޅާއޭ މޮޅަށް ކިޔަވާށޭ. ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދާށޭ. އެކަމަކު އެފޮތުގަ ބުނަނީ އަސްލު ވިސްނުން ހުންނަން ޖެހޭގޮތަކީ ކިޔަވާށޭ. ކިޔަވައިގެން ރަނގަޅު މަސައްކަތެއް ފަށާށޭ. ވަޒީފާ އަދާކުރުމާ، މަސައްކަތްކުރުމާ މީ ވަރަށް ތަފާތު ދެކަން ކަން މިފޮތުން އަހަންނަށް ވިސްނުނީ. ދެން އަހަރެން މިކަމާ ވަރަށް ދުވަސް ވަންދެން ވިސްނަ ވިސްނާފަ އަހަރެން ބަލާލިން ކިހިނެއްތޯ އޮންނަނީ ކުންފުނި ރަޖިސްޓަރ ކުރުން ކަހަލަ ކަންކަން ސަރުކާރުގަ. ބަލާލިއިރު ވަރަށް ފަސޭހަކޮށް އެކަން އޮތީ. އެކަމަކު ކުންފުންޏެއް ފަށަންވެސް އައިޑިއާއަކާ ފައިސާ ބޭނުންވާނެތާ. ދެން އަހަރެން ވިސްނާލިއިރު ކޮންމެވެސް ވަރަކަށް އަހަރެންގެ ޑައިވިންގް ފްރެންޑްސް އުޅުނު. އެތަނުން އެކަކާ ވާހަކަ ދައްކާފަ އަހަރެމެން އެބަސްވީ ޓެކް ޑައިވަރސްގެ ނަމުގަ ކޮމަރޝަލް ޑައިވިންގ އަށް ބޭނުންވާ މަސައްކަތް ރިސޯޓްތަކަށް ކޮށްދޭ ކުންފުންޏެއް ހަދަން، މުޅިއެކު ކުންފުނި ހަދަން ޚަރަދުވީ 5000 ރުފިޔާ. އެހާހިސާބުން ހަމަ ޕްރޮޖެކްޓްތައްެވެސް ލިބެންފެށި. ދެން އެފޮތުން ލިބުނު ޓިޕްސްތަކަށް ބަލައިގެން އެހެނިހެން ގޮތްގޮތުން ދަސްކުރަމުންދިޔައީ. މިހާރުވެސް ކުރިއަށް އޮތީ ޓެކްޑައިވަރސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް. މިހާރު އަހަރެން މިއުޅެނީ ގިނައިން އައްޑޫގަ. ޕާރޓްނަރ މާލޭގަ ބޮޑަށް ކުންފުނި ހިންގުމުގަ އުޅެނީ.

މިހާރު ދިރިއުޅުން ކިހިނެތް؟

މިހާރު އަހަރެން މިއުޅެނީ އައްޑޫގަ. އަހަރެންގެ ބައްޕަ ބޭނުންވީ ބައްޕަ ކައިރީ ކުދިން ތިބެން. އެހެންވެ އަހަރެންގެ ފެމިލީ ގޮވައިގެން އައްޑޫއަށް ބަދުލުވީ. އެކަމަކު ކަން ދިމާކުރިގޮތުން ޑިވޯސްވެގެން ކުދިންގެ މަންމައާއެއްކޮށް ކުދިން އަނެއްކާ މާލެ ބަދަލުވީ. ދެން ކަމެއް ނެތި އައްޑޫގަ އަހަރެން ހުންނަން ޖެހުނީމަ އަހަރެން ވިސްނީ މިތާ ކުރެވޭނީ ކޮންކަމެއްތޯ. އަހަރެންގެ ކުދިން އައްޑޫގަ ސްކޫލަށް ދިޔައިރު ފޮތި ނުލިބިގެން ދުއްވަން ޖެހުނު ވަރު ހިތައް އަރާފަ އަހަންނަށް ވިސްނުނީ ފޭދޫގަ އެންމެ ރަނގަޅު ވާނީ ފޮތި ފިހާރައެއް ކަމަށް. ފިހާރަ ހުޅުވީ ދައްތައާ ދައްތަގެ ފިރިމީހާގެވެސް ވަރަށް ބޮޑު އެހީތެރިކަމަކާއެކު. އިރާދަކުރެއްވީތީ މީހުންގެ ވަރަށްބޮޑު ތަރުހީބެއް ލިބޭ ފޮތިގަރާޖަށް. ކުރިއަށް ވިސްނުން އޮތީ ފޮތިގަރާޖު އިތުރަށް ކުރިއެރުވުން.

މުޖުތަމައަށް ބުނެލަން އޮތީ ކީކޭ؟

ބުނެލަން އޮތީ ޑިގްރީއެއް ނުވަތަ ޕީއެޗްޑީއެއް ބޭނުމެއްނުވާނެއޭ ރަނގަޅުކަން ކުރާކަށް. އެކަމުގަ އޮތީ އެމީހެއްގެ ހިއްވަރާ، ޑިޓަރމިނޭޝަނާ ބުރަ މަސައްކަތޭ ކާމިޔާބު ކުރަންބޭނުން ކަން ކާމިޔާބުކުރަން. ތިމާ އަމިއްލައަށް ރަނގަޅުވާން ބޭނުންނުވާހާ ހިނދަކު އެހެން މީހުން ކިތަންމެ ވަރަކަށް މަސައްކަތްކުރިއަސް ތިމާއަށް ކާމިޔާބީއެއް ނުލިބޭނެއޭ. ފާއިތުވެދިޔަ ދުވަސްތަކުގަ ވި ނާކާމިޔާބީ އާމެދު މާޔޫސްނުވެ، އާ ހިއްވަރުލާ އަބަދުވެސް މަސައްކަތްކުރާށޭ. އަޅުން ކުރަނީ މަސައްކަތް، ކާމިޔާބު ދެއްވާނީ މާތް ﷲ.

ދެން އެޑިކްޓްސްއަށް ބުނެލަންއޮތީ ތީ ހުސް ވަރަށް ކްރިއޭޓިވް، މޮޅު ކުދިންނޭ. އެއްދުވަހު އަމިއްލައަށް ވިސްނާލަބަލާށޭ ތިމަންނައަށް މިދެވެނީ ކޮން ދިމާލަކަށްތޯ. އެއްކޮށް އުޅުނު ކިތައް އެޑިކްޓްސްތޯ މިދުނިޔޭގަ މިހާރު ނެތީ. ތިމަންނަވެސް ހަމަ ނިމިގެން ދާން ބޭނުންވަނީ އެގޮތައްތޯ؟ މިކަމާ ވިސްނާފަ، ތިމަންނަ އެހެން ނުވާނަމޭ ބުނެ އާ ހިއްވަރަކާއެއްކޮށް ލައިފެއް ހޯދަން ޓްރައިކުރާށޭ. އެތައް މިސާލެއް އެބަތިއްބޭ. އެހީތެރިވާނެ މީހުން އެބަތިއްބޭ. ބޭނުންވަނީ ތިމާ އަމިއްލައަށް ރަނގަޅުވާން ބޭނުންވުމޭ. ލައިފަކީ ވޭސްޓް ކޮށްލުމަށް ވުރެ މާ ލޯބި އެއްޗެކޭ.