Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އޭސީސީން މަހްލޫފު އާއި ސުވާލު ނުކުރީ ކީއްވެ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުގެ ނަން ހިމެނިފައިވާ އިރު އެކަމާއި ގުޅިގެން ތަހްގީގަށް މަހްލޫފު އާއި ސުވާލު ނުކުރީ ކީއްވެތޯ ސުވާލު އުފައްދައިފިއެވެ.

އެމްއެމްޕީއާރުސީގެ ޑޮލަރު މުޢާމަލާތް ހިންގި އެސްއޯއެފްއިން ވަނީ އަހުމަދު މަހްލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައެވެ. މިކަމާއި ގުޅިގެން މައްސަލަ ތަހްގީގުކޮށް ނިމެންދެން މަހްލޫފު ގޭގައި މަޑުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައެވެ.

މަހްލޫފުގެ އެކައުންޓަށް ފައިސާ ޖަމާވިކަން އޭސީސީ ރިޕޯޓުން ހާމަވުމާއި ގުޅިގެން މަހްލޫފަށް އެެކި ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ގޭންގުތަކުންވެސް މަހްލޫފުއަށް އިންޒާރާއި، ބިރުދެއްކުން އަދި މަލާމާތާއި ފުރައްސާރަ ވަނީ އަމާޒުވެފައެވެ.

އެމްއެމްޕީއާރުސީގެ ތަހްގީގު ރިޕޯޓުގައި މަހްލޫފުގެ އެކައުންޓު ހިމެނިފައިވާ އިރު ވަޒީރުންގެ މަޖިލީހުން ޔޫތު މިނިސްޓަރަކަށް ރުހުން ދިނުމުގެ ކުރިން ދައުލަތުގެ މުވައްސަސާތަކުން މައުލޫމާތު ސާފުކުރިއެވެ. ހާއްސަކޮށް އޭސީސީން މަހްލޫފުގެ މައްސަލައެއް ބަލަމުންދޭތޯ އޮޅުން ފިލުވިއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް މަހްލޫފު އާއި ގުޅިގެން އޭސީސީން ދީފައި ނުވެއެވެ.

މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި މަހްލޫފު އާއި އޭސީސީން ސުވާލު ނުކުރީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތުމުންކަމަށް ގަބޫލު ކުރައްވާކަމަށެވެ.

މަހްލޫފު ވިދާޅުވީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު، އޭނާގެ އެކައުންޓަށް ޖަމާކުރި ޑޮލަރަކީ އޭނާގެ އާއިލާ އިން "ދަ ޖީންސް" ގެ ނަމުގައި ފިހާރައެއް ހިންގިއިރު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުބީން ގ.ހާފްސީ މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރެންސީ އެކްސްޗޭންޖުގެ މުއާމަލާތެއް ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ ދަ ޖީންސް ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތި، އަޅުގަނޑުގެ ޑޮލަރު އެކައުންޓެއް އޮތުމުންކަން ފާހަގަ ކުރަމެވެ" މަހުލޫފް ވިދާޅުވިއެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިގެން މަހްލޫފަށް ފާޑު އަމާޒުވެފައިވާ އިރު ހަގީގަތުގައިވެސް މި މައްސަލާގައި އޭސީސީން މަހްލޫފު އާއި ސުވާލު ނުކުރީ ކީއްވެގެން ހެއްޔެވެ. އަދި ވަޒީރަކަށް ރުހުން ދިނުމަށް މައުލޫމާތު ސާފު ކުރިއިރު އެފަދަ ކަމެއް ހިނގާފައިވާކަމަށް އޭސީސީން ނުބުނީ ކީއްވެ ހެއްޔެވެ؟

އޭސީސީގެ ތަހްގީގު ރިޕޯޓުގައި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރި ބައެއް ފަރާތްތަކާއި ސުވާލުކޮށް އެމީހުން އޭސީސީއަށް ދިން ބަޔާން ހިމަނާފައިވެއެވެ. ނަމަވެސް މަހްލޫފުގެ އެއްވެސް ބަޔާނެއް ހިމަނާފައި ނުވެެއެވެ.

ތަހްގީގު ކުރިތާ ތިން އަހަރު ފަހުން އިއްޔެ އޭސީސީން އެމްއެެމްޕީއާރުސީގެ ތަހްގީގު ރިޕޯޓު އާއްމުކޮށްފައިވާ އިރު މި މައްސަލައިގެ އަސްލު އަނދިރި ފަރާތް ގެނެސްދީފައި ނުވެއެވެ. މުޅި ރިޕޯޓުގައި ހިމަނާފައިވަނީ އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަކާއި އެރަށްތަކަށް ލިބުނު ޑޮލަރު ފައިސާގެ ވިޔަފާރިތަކުގެ މައުލޫމާތެވެ.