އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވިކަމަށް އޭސީސީ ތަހްގީގު ރިޕޯޓުގައި ހިމެނުނު މި ސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު އާއި ޕްލޭނިންގެ ސްޓޭޓު މިނިސްޓަރ އަކުރަމް ކަމާލުއްދީން ތަހްގީގު ނިމެންދެން ގޭގައި މަޑު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާއި ގުޅިގެން އެމަނިކުފާނަށް ދިވެހި ރައްޔިތުން ތައުރީފު ކުރަން ފަށައިފިއެވެ.
ރައީސް ސޯލިހުގެ ނިންމެވުމާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބް އަދި ރައީސް ސޯލިހު އުފައްދަވާފައިވާ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ މިވަރުގެ ރަނގަޅު މެސެޖެއް މިގައުމުގެ ވެރިޔަކު މިގަރުނުގައިވެސް ދެވިފައިނެތް ކަމަށެވެ. ސުއޫދު ވަނީ ރައީސްގެ ނިންމެވުމަށް ސާބަސް ދެއްވާފައެވެ.
Gadha! Mivaru rangalhu message eh mi gaumuge veriyakah mi garunugaives dhevifa eh neiy. Saabas Raees @ibusolih! https://t.co/LSOWKwjzwL
— Husnu Al Suood (@hsuood) February 14, 2019
އޭސީސީގެ ތަހްގީގު ރިޕޯޓުގައި މަހްލޫފު އާއި އަކުރަމް ކަމާލުއްދީންގެ ނަން ހިމަނާފައިވަނީ ޑޮލަރުގެ މުއާމަލާތުގައި އެދެބޭފުޅުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވުމުންނެވެ. މި ރިޕޯޓުގައި މިފައިސާގެ މުއާމަލާއި ގުޅޭ ތަފްސީލެއް ހިމަނާފައިނުވެއެވެ. އެހެންވެ މިކަމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކަމެއްކަމެއް ނުވަތަ ނޫންކަމެއްކަން ނޭނގެއެވެ.
ރައީސް ސޯލިހު މަހްލޫފާއި އަކުރަމްއަށް އަންގަވާފައިވަނީ މައްސަލަ ތަހްގީގުކޮށް ނިމެންދެން ގޭގައި މަޑު ކުރެއްވުމަށެވެ. ރައީސްގެ މި ނިންމެވުމަށް ތައުރީފު ކުރައްވައި އެމްއެމްޕީއާރުސީގެ ފައިސާއިން ކުއްލިގޮތަކަށް ސުޕްރީމް ކޯޓުން ބޭރުކުރެއްްވި ކުރީގެ ފަނޑިޔާރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ މިއީ ރާއްޖޭގެ ކުރީގެ ވެރިއަކުންވެސް މިހާރުގެ ވެރިންގެ ތެރެއިންވެސް މަދު ވެރިއަކަށް ނޫން މީހަކަށް ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ އުއްމީދެއް ލިބިގެން ހިނގައްޖެކަމަށެވެ.
… & those funds were used to destroy our democratic institutions & constitutional system, including disastrous laws/amendments & the removal of elected VP. Those who benefited are still as powerful as ever, camouflaging themselves at the highest levels of govt & state … 2/3
— Mohamed Jameel Ahmed (@MJameelAhmed) February 14, 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ސަރުކާރުގެ ތެރޭގައި ކަރަޕްޝަންގެ އަމަލެއް ހިންގެވުމަށް ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. ދާދި ފަހުން ރައިސް ވަނީ "ޒީރޯ ޓޮލެރެންސް" ސިޔާސަތު އިފްތިތާހު ކުރައްވައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިނގާ ކަރަޕްޝަންގެ މައްސަލަ ރިޕޯޓު ކުރެވޭނެ ޕޯޓަލްްއެއް ތައާރަފް ކުރައްވާފައެވެ.
… ‘Zero Tolerance’ can only be a concrete policy if meaningful action is taken against everyone involved regardless of their influence or political affiliation. Entire country is watching! 3/3
— Mohamed Jameel Ahmed (@MJameelAhmed) February 14, 2019
މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަކުރަމް އާއި މަހްލޫފުގެ ނަން ލިސްޓުން އާއްމުވިތާ މަދު ވަގުތުކޮޅެއްްގެ ތެރޭގައި ރައީސް ނިންމެވި ނިންމެވުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ޖަމީލް ނައިބް ރައީސް ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ނެގުމަށް މަޖްލިސް މެމްބަރުންނަށް އެމްއެމްޕީއާރުސީ ފައިސާއިން ރިޝަވަތު ދެއްވި ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް މިމައްސަލަ އަދި ތަހްގީގު ކުރެވިފައި ނުވެއެވެ.