Last Updated: April 16, 23:13
Tuesday, April 16, 2024
މުނިފޫހިފިލުވުން

ކޭޓީ ޕެރީ އާއި އޯލެންޑޯ ބްލޫމް އެންގޭޖްވެއްޖެ

ކޭޓީ ޕެރީ އާއި އޯލެންޑޯ ބްލޫމް - ފޮޓޯ: ގޫގުލް

މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި ހޮލީވުޑް އެކްޓަރ އޯލެންޑޯ ބްލޫމް އެންގޭޖްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޭޓީ އާއި އޯލެންޑޯ އެންގޭޖްވީ ވެލެންޓައިންސް ޑޭ ކަމުގައިވާ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ހުކުރު ދުވަހު އެ ދެ ތަރިން ވަނީ އެންގޭޖްމެންޓްގެ ފޮޓޯ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

ކޭޓީ އަށް އޯލެންޑޯ ދިން އެންގޭޖްމެންޓް އަނގޮޓި އަކީ މަލެއްގެ ސިފައިގައި ހުރި ޖަވާހިރު އަނގޮޓިއެކެވެ.

އުމުރުން 34 އަހަރުގެ ކޭޓީ އާއި 42 އަހަރުގެ އޯލެންޑޯ އެންމެ ފުރަތަމަ ރައްޓެހިވީ 2016 ވަނަ އަހަރު އެވެ. އެ ދެ ތަރިން ފުރަތަމަ ދިމާވީ ގޯލްޑެން ގްލޯބްސް އެވޯޑްސްގެ އާފްޓާ ޕާޓީއަކުންނެވެ. އެހެންނަމަވެސް ޖެހިގެން އައި އަހަރު ރުޅިވުމަށްފަހު، ކޭޓީ އާއި އޯލެންޑޯ ވަނީ އަނެއްކާވެސް މިދިޔަ އަހަރުގެ ތެރޭގައި ރައްޓެހިވެފައެވެ.

ކޭޓީ އާއި އޯލެންޑޯގެ ކައިވެނި ވެގެންދާނީ މި ދެ ތަރިންގެވެސް ދެވަނަ ކައިވެންޏަށެވެ.

މީގެ ކުރިން ކޭޓީ ވަނީ ބްރިޓިޝް ކޮމީޑިއަން ރަސެލް ބްރޭންޑް އާއި ކައިވެނިކޮށްފަ އެވެ. އަދި އޯލެންޑޯ ވަނީ މަޝްހޫރު ސުޕާމޮޑެލް މިރަންޑާ ކަރ އާއި ކައިވެނިކޮށްފައެވެ. އޯލެންޑޯ އާއި މިރަންޑާގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ވަނީ ލިބިފައެވެ. އެ ކުއްޖާގެ ނަމަކީ ފްލިން ކްރިސްޓޮފަރ އެވެ.