Last Updated: March 29, 17:30
Friday, March 29, 2024
ދުނިޔެ

ކުއްލި އިންތިޚާބެއް ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު ހުށަހަޅުއްވައިފި

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް - ފޮޓޯ: ރޮއިޓާސް

އަންނަ އޭޕްރީލް މަހުގެ 28 ގައި ސްޕެއިންގައި ކުއްލި މަޖިލިސް އިންތިޚާބެއް ބޭއްވުމަށް އެޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހުށަހަޅުއްވައިފި އެވެ.

ސަންޗޭޒް މިގޮތަށް ނިންމެވީ ސަރުކާރުން ހުށަހެޅި ބަޖެޓް ބުދަ ދުވަހު މަޖިލީހުން ފާސްނުކުރުމާއި ގުޅިގެންނެވެ. އެގޮތުން ސްޕެއިންގެ އެންމެ ބޮޑު ދެ ކެޓެލަން ޕާޓީގެ ސަޕޯޓްވެސް ސަންޗޭޒް އަށް ނުލިބުމުގެ ސަބަބުން އޭނާ ހުށަހެޅި ބަޖެޓް ފާސް ނުވިއެވެ.

އެއްވެސް ކަމެއް ނުކޮށް ބަޖެޓަކާއި ނުލައި ކުރިއަށްދިއުމާއި، ރައްޔިތުންގެ އަޑުއިއްވުމަށް ހުށަހެޅުމާއި ދެމެދު އޭނާ ނަގާނީ ދެވަނަ އޮޕްޝަން ކަމުގައި ސަންޗޭޒް ވިދާޅުވި އެވެ. އަދި އިޙްތިރާމާއެކު މެދުމިނުގައި ސްޕެއިން ކުރިއަރައި ތަރައްޤީވަމުންދާން ޖެހޭ ކަމަށާއި، މިހާރު އޮތް މަޖިލިސް އުވާލައި، އޭޕްރީލް 28ގައި އިންތިޚާބު ބޭއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ސަންޗޭޒް ވިދާޅުވި އެވެ.

މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ސްޕެއިންގައި ބާއްވާ ތިންވަނަ އިންތިޚާބެވެ. މީގެއިން ދޭހަވަނީ އެޤައުމުގެ ސިޔާސީ މަސްރަހު އޮތް ނާޒުކު ޙާލަތެވެ.

ސަންޒޭޗްގެ ސޯޝަލިސްޓް ސަރުކާރު ވެރިކަމަށް އައީ މީގެ އަށް މަސް ކުރިންނެވެ. އެއަށްފަހު އެ ސަރުކާރުން ބިލްތަކާއި ޤާނޫނުތައް ފާސްކުރުމަށްޓަކައި ބަރޯސާވަމުން އަންނަނީ ކުދިކުދި ސަރަޙައްދީ ޕާޓީތަކުން ލިބޭ ވޯޓްތަކަށެވެ.

އެހެންނަމަވެސް މިދިޔަ ބުދަ ދުވަހު، އެންމެ ބޮޑު ދެ ކެޓަލަން ނެޝަނަލިސްޓް ޕާޓީތައް ކަމުގައިވާ ރިޕަބްލިކަން ލެފްޓް އޮފް ކެޓަލޯނިއާ އާއި ކެޓަލަން ޔޫރޮޕިއަން ޑިމޮކްރެޓިކް ޕާޓީ އިން ވަނީ ސަންޗޭޒްގެ ސަރުކާރުން ހުށަހެޅި ބަޖެޓާއި އެއްކޮޅަށް ވޯޓު ނުދޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

އަވަސް އިންތިޚާބެއް ބޭއްވުމުން ސްޕެއިންގެ ސިޔާސީ މައްސަލަތައް ޙައްލުވާނެކަމެއް އަދި ސާފެއް ނުވެއެވެ.

މިހާތަނަށް ނަގާފައިވާ ޕޯލްތަކުން ދައްކާ ގޮތުން އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބޭނެ އެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކެޓަލޯނިއާ އިން މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތެވެ.