Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ރޮހިންޔާ ރެފިއުޖީންއަށް އެހީވުމަށް މި އަހަރު 920 މިލިއަން ޑޮލަރު ބޭނުން: އދ

ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ކުޑަކުދިންތަކެއް - ފޮޓޯ: ރޮއިޓާސް

މިޔަންމާގެ އަސްކަރިއްޔާއިން ދެމުން ގެންދިޔަ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި 2017 ވަނަ އަހަރު އެޤައުމުން ފިލައިގެން ބަންގްލަދޭޝަށް ދިޔަ 900،000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މި އަހަރު ގާތްގަނޑަކަށް 920 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ޔުނައިޓެޑް ނޭޝަންސް (އދ) އާއި އެއިޑް އޭޖެންސީތައް އަދި އެންޖީއޯތަކުން ބުނެފި އެވެ.

އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ފައިސާ ޚަރަދުވާނީ އަސާސީ ބޭނުންތައް ކަމުގައިވާ ކާބޯތަކެއްޗާއި ފެނާއި ސާފުތާހިރުކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އަދި ދެންހުރި ފައިސާތައް ޚަރަދުވާނީ ސިއްޙީ ޚިދުމަތްތަކަށާއި، ރެފިއުޖީ ކޭމްޕްތައް މެނޭޖްކުރުމަށާއި، ރެފިއުޖީންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.

މީގެ އިތުރުން ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ ބަންގްލަދޭޝްގެ 330،000 އަށްވުރެ ގިނަ ރައްޔިތުންނަށް ވެސް ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އދ ގެ ހައި ކޮމިޝަނަރ ފޯރ ރެފިއުޖީސް އެންޑް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން، ފިލިޕީ ގްރޭންޑީ ވަނީ ބުނެފައެވެ.

2017 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 745،000 އަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ވަނީ މިޔަންމާގެ ރަކީން ސްޓޭޓުން ފިލައިފައެވެ. އެމީހުން ފިލިއިރު، 200،000 އަށްވުރެ ގިނަ މީހުން ވަނީ އޭގެ ކުރިން ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުން ފިލައިގެން ބަންގްލަދޭޝަށް ގޮސްފައެވެ.

ގްރޭންޑީ ވަނީ ބަންގްލަދޭޝް އާއެކު ތިބުމަށް މި ސަރަޙައްދުގެ ޤައުމްތަކަށް ގޮވާލައި، ރޮހިންޔާ ރެފިއުޖީން އަމިއްލަ ރުހުމުގައި، ރައްކާތެރިކަމާއި ފުރިހަމަ އިއްޒަތާއެކު އެނބުރި ޤައުމަށް ދެވޭނެފަދަ ޙާލަތްތައް އުފެއްދުމުގައި މިޔަންމާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.