Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ލަޔާލު އާއި ޖަމީލް އުސްމާންގެ ޓިކެޓު އަތުލައިފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަތިވެރި ދާއިރާގެ ޓިކެޓް ދީފައިވާ ލަޔާލް މަނިކު އާއި ގެމަނަފުށީ ދާއިރާއަށް ޓިކެޓު ދީފައިވާ ޖަމީލް އުސްމާނު އަތުން ޓިކެޓް އަތުލައި، އެދާއިރާ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ޖޭޕީ ކެންޑިޑޭޓަށް ތާއިދު ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ވަނީ އެދާއިރާތަކަށް ނިކުންނަ ޖޭޕީ ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް އަނގަ ބަހުން އެއްބަސްވެފައެވެ. މަޖްލިސް އިންތިހާބާއި ގުޅިގެން ޕީޕީއެމްގެ ލީޑަރ ޔާމީން އަބްދުލް ގައްޔޫމް އާއި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ އިރު ބައެއް ދާއިރާ ޖޭޕީއަށް ދޫކޮށްލުމަށް ރައީސް ޔާމީންވަނީ ނިންމަވާފައެވެ.

"އައްޑޫލައިވް" އާއި މައުލޫމާތު ހިއްސާ ކުރި ޕީޕީއެމްގެ މެމްބަރަކު ބުނީ ޖުމްހުރީ ޕާޓީންވެސް ބައެއް ދާއިރާ ޕީޕީއެމް/ޕީއެންސީއަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ކެލާ ދާއިރާގެ މެމްބަރ އަލީ އާރިފް ވާދަކުރައްވާ ދާއިރާއަށް ޖޭޕީން ކެންޑިޑޭޓަކު ނުނެރުމަށްވެސް ވަނީ އަނގަބަހުން އެއްބަސްވެފައެވެ.

މި އެއްބަސްވުމުގައިވާ ގޮތުން އެދާއިރާތަކަށް އެއް ޕާޓީ އަނެއް ޕާޓީ ތާއިދުކޮށް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.