ނިމިގެން ދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑު އަނިޔާއެއް ލިބިގެން ދިޔަ އެއް ފަރާތަކީ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޔާމީނަށް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރީ ގާސިމެވެ. ރައްޔިތުންލީ ވޯޓު ސްޕްރީމް ކޯޓުން ބާޠިލް ކުރުވައި މުޅި ނިޒާމު ގަނޑުބަޑުކޮށް ޔާމީނަށް ވެރިން ދިނުމުން ގާސިމް އޮންނަވަން ޖެހުނީ ޖަލުގައެވެ.
2013ގެ އިންތިހާބަށް ޔާމީނާއި ގާސިމް ހެދި ކޯލިޝަންގައި ހޭދަކުރެއްވުނީ މަދު ދުވަސްތަކެކެވެ. އޭގެ ފަހުން ގާސިމް ޔާމީން ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅި ޔާމީން ވެރިކަމުން ދުރު ކުރުމުގެ މަސައްކަތް ފެށިއެވެ. އެހިސާބުން ގާސިމްގެ މުޅި ވިޔަފާރި ވަށާލީ ދައުލަތުގެ އެކި މުވައްސަސާތަކުންނެވެ.
ދައުލަތުގެ ޓެކްސް އޮފީސް މީރާއިން ގާސިމްގެ އެކައުންޓުތައް ފްރީޒު ކުރިއިރު ކަސްޓަމާއި ފުލުހުން އަދި ޓޫރިޒަމް މިނިސްޓްރީން ގާސިމްގެ އެކި ރިސޯޓުތަކަށް އަރައި އެރަށްތައް ހުއްޓުވިއެވެ. އެކި ކޯޓުތަކުން ގާސިމްގެ މައްސަލަތައް ބަލަންފެށިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށް މާލޭގައި ތިބި ގާސިމްގެ އިމާރާތްތައް ފުލުހުން ހިސޯރުކުރިއެވެ. އަދި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ހައްގަކާއި ނުލައި ހައްޔަރުކޮށް ދައުވާ އުފުލައި އެތައް ދުވަހަކު ޖަލުގެ އަނދިރީގައި ބޭއްވިއެވެ.
ގާސިމްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައި ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ސިއްޙީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރައްވާފައިވަނިކޮށެވެ.

ގާސިމްގެ މުޅި ދިރިއުޅުން އަނިޔާގެ ތެރެއަށް ވައްޓައި، މުޅި އާއިލާ ހިތާމައިގެ ތެރެއަށް ގެންދިޔައީ ރައީސް ޔާމީންނެވެ. ރައީސް ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހި ރައްޔިތުން ނިކުތްއިރު ގާސިމްގެ ހަނގު އަނބިކަބަލުން އައިޝަތު ނަހުލާ ނިކުންނެވީ ތުއްތު ހަ ކުދިންގެ ހައްގުގައެވެ. ދިވެހި ރައްޔިތުން ޔާމީން ބަލިކޮށް އެެއްލާލީ ހީވެސް ނުކުރާ މިންވަރަކަށެވެ. އެއާއި އެކު ދިވެހިންނަށް ހިތް ހަމަޖެހުމާއި އުފާ މިވަނީ ލިބިފައެވެ.
ޔާމީން ވެރިކަމުން ދުރުކޮށް އެމަނިކުފާންގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް ކަމިޝަން ތަކާއި ކޮމެޓީ ހަދައިގެން ކުރިއަށްދާ އިރު މިކަމަށް އޮތް އެންމެ މުހިއްމު ތަނަކީ މަޖްލިސް އިންތިހާބެވެ. އަންނަ މަޖްލިސް އިންތިހާބުގައި ޕާޓީތައް ގުޅިގެން ނިކުތުމަށް މަސައްކަތް ކުރަމުން އަންނަ އިރު މި ފެންނަނީ ގާސިމް އާއި ޔާމީން މަޝްވަރާކޮށް ދެ ފަރާތުން ގޮޑި ބަދަލު ކުރާތަނެވެ. ގާސިމްއަށް ބައެެއް ދާއިރާ ދިނުމަށްފަހު އެދާއިރާއިން ޖުމްހުރީ ޕާޓީން ނެރޭ ކެންޑިޑޭޓަށް ޔާމީން ތާއިދު ކުރައްވަން ނިންމެވި ތަނެވެ. ދެފަރާތުން ގުޅިގެން މަޖްލިސް ގޮޑި ނެގުމަށް ކުރައްވާ މަސައްކަތެވެ.
ޖިނާއީ ބޮޑެތި ތުހުމަތު ކުރެވޭ ރައީސް ޔާމީންގެ މަނީ ލޯންޑްރިން މައްސަލައެއް ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ އިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރަޕްޝަން މައްސަލަ އެމްއެމްޕީއާރުސީގެ ފައިސާއިން އެއް މިލިއަން ޑޮލަރު އެމަނިކުފާންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި އެކައުންޓު ވަނީ ފްރީޒުކޮށްފައެވެ.
ދައުލަތުގެ މުވައްސަސާތަކަށް. ބިރު ދައްކައި ގައުމުގެ ދުސްތޫރީ ނިޒާމު ހަލާކުރުމަށް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައިވާ އިރު އެމައްސަލަ އަކީ ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ޖަރީމާއެވެ. މި ސަރުކާރަށް މި މައްސަލަ ބެލުމުގައި މަޖްލިސްގެ ތާއިދު ބޭނުންވެއެވެ. މަޖްލިސްގެ އައުލަބިއްޔަތު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކަށް ލިބެންޖެހެއެވެ. ނޫންނަމަ މިމައްސަލަ ބެލުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ.
ގާސިމް އާއި ގުޅައި ޔާމީން އަނގަބަހުން މި ހަދާ ޑީލް ތަކަކީ އެކަން ހުއްޓުވުމަށް ހިންގާ ކަންތަކެވެ. ގާސިމަށް މިވަރު ނުވިސްނެނީ ހެެއްޔެވެ.
"އެކޮޅުކޮޅުން އެލުވާ ކޮށާ ކާޅަށް ކާންދިނަސް" ދެން ޔާމީނަށް ތާއިދު ނުކުރައްވާނެކަމަށް ވިދާޅުވި ގާސިމް އަލުން ޔާމީނަށް ތާއިދު ކުރައްވާއިރު މިވަނީ ކީއްތޯ ނުވިސްނެނީ ހެއްޔެވެ؟ މިއީ ކިހާވަރެއްގެ ގޯހެއްކަން ނޭގެނީ ހެއްޔެވެ. 2013 ގެ އިންތިހާބަށްފަހު ކަންތައްވީ ގޮތް އިބްރަތަކަށް ނުވޭ ހެއްޔެވެ. ނޫނީ އެއަށްވުރެ އަދިވެސް އަމިއްލަ އެދުން ބޮޑީ ހެއްޔެވެ.
ކޮންމެ ގޮތަކަށް ބެލިއަސް މިއަދު ޔާމީން ގާސިމްގެ އަތުގައި ހިފަނީ ގާސިމަށް ހެވެއް އެދިގެން ނޫނެވެ. މީގެ ފޮރުވިފައިވާ ސިއްރަކީ މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަން ބަލިކަށިކޮށް، މަޖްލިސް އައުލަބިއްޔަތު ނުދީ ގާސިމް މެދުވެރިކޮށް މިތަން ބައިބައިކޮށްލުމެވެ. އެކަން މިހާރުވެސް މިވަނީ ފެށިފައެވެ. ކަން ނިމޭއިރު ޔާމީން ހުންނަވާނީ ގާސިމްގެ ފަރާތުން ނިވާފަތްގަޑު ހޯދައި ހިމާޔަތް ލިބިގެންނެވެ.