Last Updated: April 23, 12:16
Tuesday, April 23, 2024
ކުޅިވަރު

އެމްބާޕޭގެ ލަނޑާއެކު ޕީއެސްޖީ އަށް 12 ޕޮއިންޓްގެ ލީޑެއް

ފްރާންސްގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ލަނޑުން ސެއިންޓް އެޓިއެންގެ މައްޗަށް ކުރިހޯދައި އެ ޓީމުން 12 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ޕީއެސްޖީ އަށް ލީޑު ފުޅާކުރަން ފުރުޞަތު ލިބުނީ ދެވަނައިގައި އޮތް ލިއްލޭ މި ހަފްތާގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި މޮންޓްޕެލިއޭ އާ ދެކޮޅަށް ކުޅެ ލަނޑެއްނުޖެހި އެއްވަރުވުމުންނެވެ. ޕީއެސްޖީ އަށް 23 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު ލިއްލޭ އަށް ލިބިފައިވަނީ 25 މެޗުން 50 ޕޮއިންޓެވެ. ޕީއެސްޖީ އަތުން ބަލިވި ސެއިންޓް އެޓިއެން އޮތީ 40 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ނޭމާ އާއި އެޑިންސަން ކަވާނީ ނުކުޅެއެވެ. މީގެއިތުރުން، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މިޑްފީލްޑަރު މާކޯ ވެރާޓީ އަށް މި މެޗުގައި ރެސްޓް ދީފައެވެ. އެގޮތުން، ރޭގެ މެޗަށް އެ ޓީމުން ނެރުނު ފުރަތަމަ އެގާރައިގައި މިޑްފީލްޑްގައި ހިމަނާފައިވަނީ ލެއަންޑްރޮ ޕަރެޑޭސް އާއި ހުއާން ބަނާޓް އަދި ޖޫލިއަން ޑްރެކްސްލާ އެވެ.

ސެއިންޓް އެޓިއެންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. ސެއިންޓް އެޓިއެން އިން ވަނީ ޕީއެސްޖީގެ ގޯލަށް އަމާޒުކޮށް ދެ ހަމަލާއެއް ފޮނުވާލައިފައެވެ.

މި ހާފުގައި ޕީއެސްޖީ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެންހެލް ޑި މާރިއާ ދިން ޕާހަކުން ޑްރެކްސްލާ ފޮނުވާލި ބޯޅަ ސެއިންޓް އެޓިއެންގެ ގޯލްކީޕަރު ސްޓެފާނޭ ރަފިއާ މަތަކުރިއިރު އެ ޓީމުގެ ކެވިން މޮނެ ޕަކުއޭ ވަނީ ޕީއެސްޖީގެ ޑިފެންސްލައިނަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޕީއެސްޖީގެ ޑްރެކްސްލާގެ އިތުރުން މާކީނޯސް އަށް ވަނީ އެ ޓީމަށް ލީޑްނެގުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، ޑްރެކްސްލާ ފޮނުވާލި ބޯޅަ ސެއިންޓް އެޓިއެންގެ ކީޕަރު ރަފިއާ މަތަކުރިއިރު މާކީނޯސް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް، މެޗުގެ 73 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ޖަހައިދިނީ އެމްބާޕޭ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފުލްބެކް ޑެނީ އަލްވެސް ދިން ރީތި ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު އެމްބާޕޭ ވަނީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ލީގުގައި ކުޅުނު 18 މެޗަށްފަހު 19 ގޯލް ހަމަކުރި ފްރާންސްގެ ފުރަތަމަ ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ.

ލީގުގައި ޕީއެސްޖީ ދެން ކުޅޭ މެޗުގައި ބުދަ ދުވަހުގެ ރޭ ނިކުންނާނީ މޮންޓްޕެލިއޭ އާ ދެކޮޅަށެވެ.