Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ކޯމަންގެ މޮޅު ކުޅުމާއެކު ބަޔާން އިން ޑޯޓްމަންޑްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި

އޮގްސްބާގް ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަން ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ކިންގްސްލީ ކޯމަން ދެއްކި މޮޅުކުޅުމާއެކު ފަހަތުން އަރައި 3-2 އިން އޮގްސްބާގް ބަލިކޮށް ބަޔާން މިއުނިކް ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ބޮރޫޝިއާ ޑޯޓްމަންޑްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ބަޔާން ވަނީ ތާވަލްގެ އެންމެ ކުރީގައި އޮތް ޑޯޓްމަންޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެ އެ ޓީމާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. އެއްވަނައިގައި އުޅޭ ޑޯޓްމަންޑަށް 21 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު ބަޔާން ވަނީ 22 މެޗުން 48 ޕޮއިންޓް ހަމަކޮށްފައެވެ.

އޮގްސްބާގްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މިއީ މެޗު ފެށިގެން 15 ވަރަކަށް ސިކުންތުގެ ތެރޭގައި ބަޔާންގެ ލެއޯން ގޮރެޓްޒްކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ އޮގްސްބާގްގެ ފިލިޕް މެކްސް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޮރެޓްޒްކާ އަތުން ވަން ގޯލެކެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗްގެ ހުރަހަކުން ލިބުނު ބޯޅައަކުން ކޯމަން ނަތީޖާ ހަމަހަމަކޮށްދިންއިރު، އޭގެ ހަތް މިނެޓުފަހުން އޮގްސްބާގް އަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ޑޮން-ވޮން ޖީ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީވެސް މެކްސް އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި، ކޯމަން ވަނީ ބަޔާން އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ. މިއީ އެ ޓީމުގެ ގޮރެޓްޒްކާ ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި ހާފު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި، ބަޔާންގެ ކޯމަން ތަނަވަސްކުރި ފުރުޞަތަކުން ޑޭވިޑް އަލަބާ ވަނީ އެ ޓީމަށް މި މެޗުން ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ. މިއީ ވަރަށް ހަނި އޭންގަލަކުން އަލަބާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ބަޔާންގެ ކޯމަން އަށް ހެޓްރިކް ފުރިހަމަ ކުރުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.

ބަޔާން އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރަށުން ބޭރުގައި އިނގިރޭސިވިލާތުގެ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅެވޭނީ މި ފެބްރުއަރީ މަހުގެ 19 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 01:00 ގައެވެ.