Last Updated: June 10, 13:14
Wednesday, June 10, 2026
ސިޔާސީ

އައްޑޫން އެމްޑީޕީ އަށް ރޭ 738 މީހުންގެ ސޮއި!

ރޭ އެމްޑީޕީ އަށް ސޮއި ކުރި ފެދޫ ޒުވާނަކު ނަޝީދާ ސަލާން ކުރަނީ. ކިޔުންތެރިއެއްގެ ފޮޓޯ

ރޭ އެކަނި ވެސް އެމްޑީޕީ އަށް އައްޑޫން 738 މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެެވެ.

އެމްޑީޕީ އަށް ތާއީދު ކުރާ ޒުވާނުންތަކެއް އިންތިޒާމްކޮށްގެން ރޭ ފޭދޫ ބަނދަރުމަތީގައި ބާބަކިއުއަކާ އެކު ޕާޓީ އަށް ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސައިފައި އޮތް އިރު ޕާޓީ އަށް އަލަށް ސޮއިކުރި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ މީހުންގެ ފޯމް ނަޝީދާ ހަވާލުކޮށްފަ އެވެ.

އެމްޑީޕީގެ އައްޑޫ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސޮބްރީ ވިދާޅުވީ އައްޑޫގެ ހުރިހާ ރަށަކުން މީހުން ހިމެނޭ ގޮތަށް އެ ޕާޓީ އަށް ރޭ ޖުމްލަ 738 މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރޭ ހާއްސަކޮށް އެމްޑީޕީ އާ ގުޅިފައި ވަނީ ޒުވާނުން ކަމަށެވެ. އަދި ރޭ ކުރިއަށް ދިޔަ ހަފުލާ ތެރޭގައި މީހުން ގިނަވެގެން ޕާޓީ އަށް ސޮއި ކުރަން ބޭނުންވި ހުރިހާ މީހުންނަށް ފުރުސަތު ދެވޭ ގޮތެއް ވެސް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮބްރީ ޥިދާޅުވީ އެހެންވެ އަދިވެސް އެ ޕާޓީ އަށް އައްޑޫން ސޮއި ކުރަން ބޭނުންވެފައި ތިބި އެތައް ބަޔަކު އެބަ ތިބި ކަމަށެވެ. ހާއްސަކޮށް ނަޝީދު ހުންނަވައިގެން ފޯމް ފުރާފައި ހަވާލުކުރަން ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަމަށާއި ޒުވާނުންގެ ބާބަކިއުއެއް އޮގަނައިޒްކޮށް އޭގެ ތެރެއިން ޕާޓީ އަށް ސޮއިކުރާ ގޮތަށް ރޭވީ އެ ސަބަބާ ހުރެ ކަމަށް ވެސް ސޮބްރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އައްޑޫ ދާއިރާގެ އަމާޒަކީ ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބަށް، މިހާރު މި އޮތް މުއްދަތުގެ ތެރޭގައި ވީހާ ވެސް ގިނަ ބަޔަކު އެމްޑީޕީ އަށް ވެއްދުން ކަމަށެވެ.

ސޮބްރީ ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ އައްޑޫގެ 75 ޕަސެންޓް މީހުންނަކީ އެމްޑީޕީގެ މެމްބަރުންނަށް ހެދުން ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ނަޝީދު އަށް އައްޑޫން 80 ޕަސެންޓް ލިބޭނެ ކަމަށެވެ.