ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު އަންނަ އެޕްރީލް މަހު ބާއްވާ މަޖްލިސް އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސީހު ޕާޓީ ޓިކެޓު ދޫކޮށްލައްވައި މަޖްލިސްގައި ވާދަނުކުރަން ނިންމީ އެދާއިރާއިން ޖޭޕީ ކެންޑިޑޭޓަކު ނެރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސީހު ޖުމްހުރީ ޕާޓީއަށް ޓިކެޓު ދޫކޮށްލައްވައި އިންތިހާބުގައި ވާދަނުކުރަން ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭ ގޮތުން މަސީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އަންނަ މަޖްލިސް އިންތިހާބުގައި ޖުމްހުރީ ޕާޓީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގުޅިގެން ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނެރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުވަނީ ފެތުރިފައެވެ. އެގޮތުން ރޭ ވަނީ މަޑުއްވަރީ ދާއިރާއަށް ކުރިމަތިލުމަށް ޕީޕީއެމް ޓިކެޓުދީފައިވާ ލަޔާލު މަނިކު އާއި ގެމަނަފުށީ ދާއިރާގެ ޓިކެޓު ހަވާލުކޮށްފައިވާ ޖަމީލް އުސްމާންގެ ޓިކެޓު އަނބުރާ ހޯއްދަވާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެދެދާއިރާއަށް ކެންޑިޑޭޓުން ނެރުމަށް މިހާރު ހަމަޖެހިފައިވަނީ ޖޭޕީންނެވެ.