Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އޭސީސީ ރިޕޯޓާއި ގުޅިގެން ފުލުހުން އިތުރު ތަހްގީގެއް ފަށައިފި

ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހްގީގު ރިޕޯޓު އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން އާއްމު ކުރުމާއި ގުޅިގެން ރިޕޯޓުގައި ހުރި މައްސަލަތައް ފުލުހުން އިތުރަށް ތަހްގީގު ކުރަން ފަށައިފިއެވެ.

އެކްޓިން ކަމިޝްނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މިރިޕޯޓާއި ގުޅިގެން އިތުރަށް ފުލުހުން ތަހްގީގު ކުރަންޖެހޭ ހުރިހާ މައްސަލަތަކެއް ފުލުހުންގެ އިކޮނޮމިކް ކުރައިމް ޑިޕާޓްމެންޓުން ތަހުޤީގު ކުރަމުންދާކަމަށެވެ.

ހަމީދު ވިދާޅުވީ އޭސީސީގެ ރިޕޯޓުން ތަފާތު ޖިނާއީ ކުށްތައްކަމަށް ތުހުމަތު ކުރެވޭކަން ކަން ފެންމަތިވެފައިވާ ކަމަށެވެ. އެގޮތުން މަނީ ލޯންޑްރިން އާއި ފްރޯޑު ނުވަތަ ފޯޖަރީ ހިމެނޭކަންކަން ފުލުހުން އިތުރަށް ތަހްގީގުކުރާނެކަމަށެވެ. އަދި މިކަމާއި ގުޅިގެން މީގެ ކުރިން ފުލުހުން ތަހްގީގުކޮށްފައިވާ މައްސަލަ ތަކާއި ލިބިފައިވާ ހެއްކާއި ގަރީނާ ފުލުހުން އިތުރަށް ތަހްގީގު ކުރާނެކަމަށެވެ.

އޭސީސީން ނެރެފައިވާ 700 ސަފްހާގެ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި އެތައް މިލިއަން ޑޮލަރުގެ މުއާމަލާތް ހިމަނާފައިވެއެވެ. އެގޮތުން އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ފަޅުރަށްތަކާއި، ފަޅުތަކުގެ އިކުޒިޝަން ފީގެ ގޮތުގައި ލިބިފައިވާ އެތައް މިލިއަން ޑޮލަރު ވަނީ މާރުކޮށްފައެވެ. މާރު ކުރި ފައިސާއަށް ވީނުވީއެއް ނޭގެއެވެ.

ހަމީދު ވިދާޅުވީ އޭސީސީ ރިޕޯޓުގައި ހުރި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކިފަރާތްތަކުން ނާޖާއިޒު ގޮތުގައި ހޯދާ ފައިސާތަކުގެ މައްސަލަ އޭސީސީން ބެލި ނަމަވެސް އެކަމުގައި ހިމެނޭ ޖިނާއީ މައްސަލައިގެ ފުންމިނަށް ފުލުހުން ވާސިލްވާނެކަމަށެވެ.

އެމްއެމްޕީއާރުސީ ފައިސާގެ ތެރޭގައި ހިމެނޭ މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލައެއް ފުލުހުން ވަނީ ތަހްގީގުކޮށް ޕީޖީއަށް ފޮނުވާފައެވެ. އެމައްސަލަ ޕީޖީން ވަނީ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.