Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ސުކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފަށައިފި

ރާއްޖޭގެ ސްކޫލްތަކުގެ އިސްވެރިން ބައިވެރިކޮށްގެން ބާއްވާ ސްކޫލް ވެރިންގެ މަހާސިންތާ މިއަދު ހެނދުނު ފަށައިފިއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ.

މި މަހާސިންތާގައި ސްކޫލްތަކުގެ ޕްރިންސިޕަލުން ފެންވަރުގެ ބޭފުޅުންގެ އިތުރުން އެޑިއުކޭޝަންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މަހާސިންތާ ފައްޓަވައިދެއްވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށެވެ. އެގޮތުން މަރުކަޒީކޮށްފައިވާ އެޑިއުކޭޝަން ސިސްޓަމް ލާމަރުކަޒީކޮށް ސްކޫލް ހިންގުން ސްކޫލްތަކަށް ދޫކޮށްލައްވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލްތައް ހިންގަވަން ތިބޭ ފަރާތްތަކީ ވަރަށް މުހިއްމު ބައެއް ކަމަށާއި ސްކޫލްގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިން ގުޅުވައިދެނީ ޕްރިންސިޕަލުން ކަމަށެވެ. އަދި ސްކޫލު ހިންގަން ހުންނަ ވެރިއަކު ނުރަނގަޅު ނަމަ ސްކޫލުގެ ބަރަކާތް ކެނޑިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މި މަހާސިންތާގައި ސްކޫލްތަކާއި އެޑިއުކޭޝަންގެ އިސްވެރިންގެ ތެރެއިން 250 އެއްހާ މީހުން ބައިވެރިވެއެވެ. މަހާސިންތާ ނިންމުން އޮންނާނީ މާދަމާއެވެ.