Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

"ފައިބާ"، ސަރުކާރު ވައްޓާލުމުގެ ހަރަކާތެއް ނޫން: އުމަރު

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ކެމްޕެއިނަކީ ސަރުކާރު ވައްޓާލުމަށް ފެށި ހަރަކާތެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގައުމީ ހަރަކާތެއް ފެށުމަށް އުމަރު ތައްޔާރުވަމުން އަންނައިރު އޭނާ މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާފާނެ ކަމަށް އަދި އިތުރަށް ފުޅާވިޔަ ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަން ކަމަށް ބުރޫއަރާނެ ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުންނަށް އަދި ހީފުޅުވިޔަސް، އިންޑިއާގެ އަމަލުތަކާ އެމީހުން އެހެން ކުދި ގައުމުތައް އެއްކޮށްލި ގޮތަށް ބަލާއިރު މިއީ ދިވެހިން ހޭލާ ތިބެންޖެހޭ ކަމެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އޮޅުވެއްޖެ ކަމަށް ހީކޮށް، ބޮޑު ސިންގާއެއް ގޭތެރޭގައި ނިންދަވާކަށް ނުވާނެ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި ދިވެހި ސިފައިންނަށް ވުރެ ބާރުގަދަ ސިފައިންތަކެއް މި ފަސްގަނޑުގައި ބައިތިއްބާކަށް ނުވާނެއެވެ. އަދި އެމީހުންގެ ނިޔަތް ބަދަލުވާނެ ވަގުތެއް ނޭނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިންސާނުންނަކީ ހިޔާލާއި ފިކުރު ބަދަލުވާ ބައެއް ކަމަށާއި މިއަދު އެމްޑީޕީއާ އިންޑިއާ ސަރުކާރާ ދެމެދު އެކުވެރި ގުޅުމެއް އޮތް ނަމަވެސް މާދަމާ ވެސް އެ ގުޅުން ބަދަވެގެން ހިނގައިދާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"ކާކުތޯ މީގެ 10 އަހަރުކުރިން ހީކުރާނީ އެމްޑީޕީގެ ޖަގަހަތަކުގައި "ތިޔައީ ޒައީމޭ" ގެ ލަވަ ޖަހާ ރައީސް މައުމޫން އަށް އެމްޑީޕީ މީހުން ތައުރީފު ކޮށްފާނެ ކަމަށް. އެކަމަކު ހާލަތު ބަދަލުވެ، ގުޅުންތައް ބަދަލުވީ. ހަމަ މިގެން އިންޑިއާ އާއި އެމްޑީޕީއާ ދެމެދުވެސް ހިނގާފާނެ. އެ ދުވަހަކުން އިންޑިއާ ސިފައިން އެމްޑީޕީ ސަރުކާރުން އަންގާ ގޮތަކަށް އަމަލެއް ނުކުރާނެ. ރައީސް ޔާމީން ސަރުކާރުން އެންގެވީާ ނުފޭބި ގޮތަށް އެމްޑީޕީ ސަރުކާރުން އެންގީމަވެސް ނުފައިބަފާނެ" އުމަރު ވިދާޅުވިއެވެ.

ދިވެހިންގެ މިނިވަންކަމާ މެދު ޣާފިލުވާން ނުވާނެ ކަމަށާއި މި ރާއްޖެ އަށް ލިބިފައި އޮތް ކުރިއެރުމުގެ ސަބަބަކީ އިސްލާމްދީނުގެ މަތީގައި އެންމެން ގާއިމުވެ ތިބި ތިބުމާއި، މި ގައުމުގެ މިނިވަންކަން ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑާ މެދު ހިތުގައި އޮތް ނަފްރަތަކުން އަޅުގަނޑު މި ދަންނަވާ ވާހަކައަށް ބީރު ކަންފަތެއް ނުދެއްވާ. ވާހަކަ ބުނާ މީހާ އަށް ނުބައްލަވާ. ބުނާ ވާހަކައަށް ބައްލަވާ. އަޅުގަނޑު ހޯމް މިނިސްޓަރަކަށް ހުރިއިރު ވެސް އިންޑިއާ ސިފައިން ތިބި ނޫންތޯ އޭ ވިދާޅުވެ ނިންމާ ނުލައްވާ. އަޅުގަނޑުމެން ސަރުކާރުގެ ތިބެ މި ކަމުގައި އަމަލު ކުރަމުންދިޔަ ހަރުދަނާ ގޮތަށް ބައްލަވާ" އުމަރު ވިދާޅުވިއެވެ.

މިއީ ދިވެހިންގެ ގައުމު ކަމަށާއި މި ގައުމު މިނިވަންކަންމަތީ ތާ އަބަދަށް ބޭއްވުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.