ރައްޔިތުންގެ މަޖިލީހުގެ އދ.މާމިނގިލީ ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފިއެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ގާސިމް ކެމްޕެއިންގެ މަސައްކަތުގައި މިވަގުތު ހުންނެވީ އދ.ފެންފުށީގައެވެ.
މާމިނގިލީ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވަނީ ގާސިމް ކަމަށްވާއިރު، މިއީ އޭނާ އެ ދާއިރާގެ މެމްބަރުކަން ކުރައްވާ ދެވަނަ ދައުރެވެ.
ގާސިމްގެ އިތުރުން ވެސް ޖޭޕީގެ ޓިކެޓު ލިބިވަޑައިގެންފައިވާ ފަރާތްތަކުން މިހާރު އަންނަނީ ކެމްޕެއިންގެ މަސައްކަތް ކުރައްވަމުންނެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕެއިން ގާސިމް ފެއްޓެވިއިރު، އެ އިންތިހާބުގައި ޖޭޕީ އާއި ޕީޕީއެމުން ގުޅިގެން ވާދަކުރުމަށް ނިންމާފައިވާކަމުގެ އަޑުތަކެއް ވެސް މިހާރު ވަނީ ފެތުރެން ފަށާފައެވެ. ނަމަވެސް ޖޭޕީން ވަނީ ޕީޕީއެމް އާއެކު އެފަދަ މަޝްވަރާއެއް ވެސް އަދި އެފަދަ އެއްބަސްވުމެއް ވެސް ވެފައިނުވާނެ ކަމަށް ބުނެފައެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން މަޖިލިސް އިންތިހާބަށް އެކުގައި ވާދަކުރަން އެއްބަސްވެފައި އޮތް ނަމަވެސް ފަހުން އެމްޑީޕީން ވަނީ އެހެން ޕާޓީތަކާ ވަކިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ. އަދި ސަރުކާރު ކޯލިޝަނުގައި އެހެން ޕާޓީތަކުން ވެސް މިހާރު ނިންމާފައިވަނީ އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.
މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.