ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް އެކަނި ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
ގާސިމްގެ މަޖިލިސް ކެމްޕެއިން އިފްތިތާހު ކުރުމަށް މިރޭ އދ.ފެންފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މެޖޯރިޓީ ލިބެންޖެހެނީ ސަރުކާރު ކޯލިޝަނަށް ކަމަށާއި އެމްޑީޕީ އަށް އެކަނި މެޖޯރިޓީ ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާ ރައްޔިތުން ވިސްނާ ވަޑައިގަތުމަށް ވެސް ގާސިމް ވަނީ ގޮވާލާފައެވެ.
"ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބެގެން ދިޔުމަކީ މައްސަލައެއް ނޫން. އެކަމަކު ހަމައެކަނި އެމްޑީޕީ އަށް މެޖޯރިޓީ ލިބިގެންދާން، އަޅުގަނޑު ދަންނަވަނީ އެއީ ހެޔޮވާވަރުގެ ކަމެއް ނޫނޭ ކުރާކަށް. ދިވެހި ލޮބުވެތި ރައްޔިތުންނޭ ވިސްނާށޭ، އެމްޑީޕީ އަށް އެކަނި މެޖޯރިޓީ ލިބިގެން ދިޔުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫނޭ" ގާސިމް ވިދާޅުވިއެވެ.
މިއަދު ރާއްޖޭގައި ހިނގަމުންދަނީ ކޯލިޝަން ސަރުކާރެއް ކަމަށާއި އެހެންކަމުން ހުރިހާ ޕާޓީތަކާ އެކު އެއްބަސްވެފައިވާ ގޮތަށް ވަޒީފާއެއް ނުދެވިވާނަމަ ވަޒީފާތައް ވެސް ދިނުމަށާއި، ބޯޑުތަކަށް ވެސް މީހުން އައްޔަންކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގާސިމް ވަނީ ގޮވާލައްވާފައެވެ. އަދި އަމާންކަމާއި އުފަލާއެކީ ކަންކަން ކުރެވޭނީ އޭރުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެއްގޮތަކަށް ވެސް ހަމައެކަނި އެމްޑީޕީ އަކަށް ދޭކަށެއް ނުޖެހޭ. ކޯލިޝަނަށް ލިބިގެންދިޔާމަ ރަނގަޅުވާނެ. ދެން އިދިކޮޅު ފަރާތްތަކަށް ވެސް ގޮނޑިތަކެއް ލިބެންޖެހޭ. ސަރުކާރު ޒިންމާދާރު ކުރުވުމަށް ވާހަކަދައްކާ ބައެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ތިބޭނީ އިދިކޮޅު ފަރާތްތަށް" ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ގިނަ ކެންޑިޑޭޓުންނަށް ކާމިޔާބީ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ނަމަވެސް ހަމައެކަނި ޖުމްހޫރީ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަށް ނޭދޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޖުމްހޫރީ ޕާޓީން އެދެނީ ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ ލިބިގެން ދިޔުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މިރޭގެ ޖަލްސާގައި ގާސިމް ވަނީ ޖުމްހޫރީ ޕާޓީ އަށް ސޯޝަލް މީޑިޔާ އަދި ތަފާތު އެކި ގޮތްގޮތުން ވެސް ފާޑުކިޔަމުންދާ ފަރާތްތަކަށް ވެސް ހޫނު ރައްދެއް ދެއްވާފައެވެ.
"ހުއްޓުމެއް ނެތި ކިތަންމެ އެއްޗެއް އަޅުގަނޑުމެންނާ ދިމާލަށް ކިޔަމުން ގެންދިޔަސް، އަޅުގަނޑުމެން ޖެހިލުމެއް ނުވޭ. އަޅުގަނޑުމެން އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނާޅާނަމޭ. ހުރި ވަރެއް އަރުވާލަ ބައްލަވަށޭ، ދެން އެނގިދާނެތާ ކަންތައްތައް ވާނެ ގޮތް. މާތްﷲ ކަންތައްތައް ނިންމަވާ ގޮތް ބަލަހައްޓައިގެން ތިބެ ބަލާށޭ" ގާސިމް ވިދާޅުވިއެވެ.