Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ނަވާވީސްވަނަބައި)

" އަހަރެން އާންގެ މަތިން ހަނދާން ނައްތާލާނަން…..އާންއަށް އަހަރެންނާ ނުލާ އުޅެވެންޏާ އަހަރެންނަށް ކީއްވެ ނޫޅެވެންވީ؟…" ޝައުން ހިތާހިތުން އަޒުމެއް ކަނޑައެޅިއެވެ.

އެރިކް ހުރީ އޭނާގެ ލޯތްބަށް ފެންބޮވައިގެންފައެވެ. އޭނާ ހާސިލް ކުރުމަށްޓަކައި އެރިކް ފައި ވިއްދާފައިހުރީ، ފަސޭހައިން އޭނާއަށް އެރިކްގެ ކިބައިން ސަލާމަތް ނުވެވޭނޭ ވަރަށެވެ. އެހެންކަމުން ކޮންމެވެސް އެއްގޮތަކަށް އޭނާ އެކަން ނިންމަން ޖެހެއެވެ. އެރިކްއަށް ނޫނެކޭ ބުނުމަކީ ވަޒީފާއަށްވެސް ނޫނެކޭ ބުނުން ފަދަ ކަމެކެވެ. ނަމަވެސް އެރިކްއަށް އާނބަސް ބުނެފިނަމަ އޭނާ މުޅިއުމުރަށް އެރިކްގެ މީހަކަށް ވާންޖެހޭނެއެވެ. އެއީ އޭނާއަށް ކުރެވިދާނެ ކަމެއް ހެއްޔެވެ؟ އާއިން ނޫން މީހަކާއެކީގައި ދިރިއުޅުން ކުރިޔަށް ގެންދެވިދާނެ ހެއްޔެވެ؟ އެގޮތުގައި ވިސްނަން އޮއްވައި އޭނާގެ ދެލޯމެރުނެވެ.

އަނެއް ދުވަހަކުގެ ހެނދުނު ޝައުންއަށް ހޭލެވުނީ ވަރަށް ލަސްވިފަހުންނެވެ. އޭނާ ގަޑިބަލާލުމަށްފަހު އޮފީހަށް ދިއުމަށްޓަކައި ތައްޔާރުވާން ތެދުވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ޚިޔާލު ބަދަލުވިއެވެ. މިއަދު އޮފީހަށް ގޮސްފިނަމަ ކުރިމަތިލާން ޖެހޭނެ ކަންތައްތައް ހިތަށްއަރާފައި ދާހިތް ކެނޑުނެވެ. އެހެންކަމުން އޭނާ މިއަދު އޮފީހަށް ނުދާނެ ވާހަކަ އެންގުމަށްފަހު، ޗުއްޓީއަކަށް އެދި ސިޓީއެއްވެސް މެއިލްކުރިއެވެ. އޭނާ ބޭނުންވަނީ ކުޑަ ދުވަސްކޮޅަކު އެރިކްއާ ދުރުގައި އުޅެލުމަށެވެ. އެރިކްގެ ހުށަހެޅުމަށް ޖަވާބެއް ދިނުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އެފަދަ ނިންމުމެއް ނިންމަން އޭނާއަށް ވަގުތު ބޭނުމެވެ.

ޝައުން ކުއްލިއަކަށް ޗުއްޓީ ނެގުމުން އެރިކް ދެރަވެ، މާޔޫސްވާ ގޮތްވިއެވެ. ޝައުން އޭނާގެ ހުށަހެޅުން ގަބޫލުކުރަން ބޭނުން ނުވަނީ ކަމުގައި ވިސްނުނެވެ. އެހެންކަމުން އޭނާ އަދިވެސް އެއްފަހަރު ޝައުންއަށް ވިސްނައިދިނުމަށް މަސައްކަތް ކުރިއެވެ. އޭނާ ޝައުންދެކެވަނީ ހަޤީޤީ ލޯބިކަމާއި ޝައުންއަށް އެކަން ސާބިތު ކޮށްދޭން ކޮންމެ ފަދަ ކަމެއްވެސް ކުރަންހުރިކަމަށް އޭނާ ޔަޤީންކޮށްދިނެވެ.

" އެރިކް….އަހަރެން ބޭނުން ވަގުތު….އަހަރެން ވިސްނާލަން ބޭނުން…." އެރިކް ފޯނު ކުރުމުން ޝައުން ދިން ޖަވާބަކީ އެއީއެވެ.

އިއްތިފާޤުން ހަމަ އެދުވަސްވަރު، މާޒްއާއި އައިރާގެ ކައިވެނިވެސް ހަމަޖެހުނެވެ. އެހެންކަމުން ކައިވެނީގައި ބައިވެރިވުމަށްޓަކައި ޝައުންގެ އާއިލާވެސް މާލެދިއުމަށް ތައްޔާރުވަމުން ދިޔައެވެ. އައިރާގެ އެދުމުގެ މަތިން ކައިވެނީގެ ހެދުން ފަރުމާކުރުމަށް ހަވާލުކުރެވުނީ ޝައުންއާއެވެ. އޭނާ ހެޔޮހިތުން އެކަން ގަބޫލުވެސް ކުރިއެވެ. ނަމަވެސް އޭނާއަށް އެކަން ވާންއޮތީ މާލެގޮސްގެން ކަމުން، އޭނާގެ ޗުއްޓީގެ މުއްދަތު އިތުރުކުރަން ޖެހުނެވެ. ޝައުން އެދުނުގޮތަށް އޮފީހުން ޗުއްޓީދިން ނަމަވެސް، އެރިކްގެ ކިބައިން ސަލާމަތްވުމަކީ އޭނާއަށް ފަސޭހަ ކަމަކަށްނުވިއެވެ. ޝައުން މާލެދާކަން އެނގުމުން އެރިކްވެސް ބޭނުންވީ ޝައުންއާއެކު މާލެ ދިއުމަށެވެ. އޭނާގެ ހުރިހާ މަސައްކަތެއް އެއްފަރާތް ކޮށްލުމަށްފަހުގައިވެސް ޝައުންއާއެކު ވަގުތުކޮޅެއް ހޭދަކުރަން އޭނާ ބޭނުންވެއެވެ. ޝައުން އިންކާރުކުރަން ބޭނުންވިނަމަވެސް، އެރިކްވަނީ ޝައުންގެ ބައްޕައާއި ވާހަކަދައްކައިގެން މާލެދިއުމުގެ ކަންކަން ހަމަޖައްސާފައެވެ. ޝައުންގެ އޮފީހުގެ ވެރިއެއްކަމުން، އަމީންއަށްވެސް އެރިކްގެ އެދުމާއި އިންކާރު ކުރާކަށް ނުކެރުނެވެ.

ތިންދުވަސްފަހުން ޝައުން އޭނާގެ އާއިލާއާއި އެކު މާލެއައެވެ. އެރިކްވެސް އެމީހުނާއެކު މާލެއައެވެ. އެރިކް ހުރުމަށްޓަކައި ހުޅުމާލޭގެ ފައިވްސްޓާރ ހޮޓެލަކުން ކޮޓަރިއެއް ހަމަޖެއްސީވެސް އަމީންއެވެ. އެރިކްގެ އަސްލު މަޤުސަދު ނޭނގޭ ހާލު އަމީން އެރިކްއާމެދު ނުހަނު ރަނގަޅަށް ކަންކަން ކުރަމުން ދިޔައެވެ.

އައިރާގެ ކައިވެނީގެ ކަންކަމުގައި އާއިންއާއި އަރްވިންވެސް އަދި އިޒްޔަންވެސް އަވަދިނެތި އުޅެމުން ދިޔައެވެ. ތޫބާއާއި ފަރަހަނާޒް އެމީހުންގެ ޅަދަރިން ބެލުމުގައި މަޝްއޫލުވެ އުޅޭއިރު، އުޝާވެސް އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއިނުމާއި ގުޅިގެން އުޅެމުން ދިޔައީ އެކަމުގެ އުނދަގުލުގައެވެ. އެހެންކަމުން އަޒީފާއާއި ޒާހިދާ އަދި މާޒްގެ މަންމަ މިހުނާ ހީވާގިކަމާއެކު ވަރަށް ޖޯޝުގައި ކަންކަން ރާވަމުން ދިޔައެވެ. ނަމަވެސް އެމީހުން އަބަދުވެސް ޒުވާނުންގެ ޚިޔާލު ހޯދަމުން އެމީހުން ބުނާގޮތަށް ކަންކަން ކުރަމުން ދިޔައެވެ. މާޒްއަކީ އާއިލާގައިހުރި ހަމައެކަނި ކުއްޖާއަށް ވީތީ، އައިރާއާއެކު ބާޒާރަށް ދާނެ މީހަކުވެސް އެއާއިލާގައިވެސް ނެތެވެ. އެހެންކަމުން އޭނާ އެކަމާ ދެރަވެފައި ހުއްޓައި ޝައުން އައުމުން އޭނާ ނުހަނު އުފާވިއެވެ.

ޝައުން މާލެއައިތާ ފަސްވަނައަށްވީ ދުވަހެވެ. ޝައުންއަށް ހޭލެވުނީ ގޭތެރެ މާބޮޑަށް ހަލަބޮޅިވުމުންނެވެ. އޭނާ ތެދުވެ ފާޚާނާއަށްވަދެފައި އައިސް އަނެއްކާވެސް އެނދުގައި އޮށޯތީ އަނެއްކާވެސް ނިދާލުމަށެވެ. ނަމަވެސް ކޮންމެވެސް މީހަކު އައިސް ދޮރުގައި ޓަކިދިން އަޑަށް އޭނާ ލޯހުޅުވާލިއެވެ.
" ޝައުން….ދަރިފުޅާ…ތެދުވެބަލަ!.." އަޒީފާ ގޮވާލި އަޑު އިވުމުން ޝައުން އާފުރެމުން ގޮސް ދޮރުހުޅުވާލިއެވެ.

" ކީކޭ މަންމާ…." ރަނގަޅަށް ދެލޯވެސް ނުހުޅުވެނީ އޭނާ އަހާލިއެވެ. ނަމަވެސް ދޮރުމަތީގައި އެއްވެސް މީހަކު ނެތެވެ.
" އެހާ އަވަހަށް ކޮންތާކަށް އެދިޔައީ….މަންމަ ހުންނާނީ އަބަދުވެސް ލައިނުގަނެފަ…." ކުދި ކިޔާލަމުން ޝައުން ކޮޓަރިން ނުކުތެވެ. އެވަގުތު ސިޓިންރޫމު ސޯފާގައި އަޔާނާ ގޮވައިގެން އިން އާއިންއަށް އިސްއުފުލާލެވުނު ގޮތަކުން ޝައުން ފެނުނެވެ. ކުރު ސޯޓަކާއި ގަޔަށްދޫ އަތްކުރު ޓީޝާޓެއް ލައިގެންހުރި އިރު، އަތާއި ފައިއޮތީ ހާމައަށެވެ. އޭނާގެ ދިގު އިސްތަށިގަނޑު އޮތީ އެގޮތް މިގޮތަށް ހޭވިފައިވީއިރު، ނިދީގެ އަސަރު މުޅީން ފިލާނުގޮސްހުރި ދެލޮލުގައިވަނީ މަސްތުކަމެކެވެ. މިސިފައިގައި އާއިންއަށް ޝައުން ފެނުމުން އާއިންއަށް އިރުކޮޅަކު ހަރަކާތް ހުއްޓިފައި ޝައުންއަށް ބަލަން އިނދެވުނެވެ. ހަމައެފަދައިން އާއިން ފެނިފައި ޝައުންއަށްވެސް ކަޅިޖަހާނުލައި ބަލަން ހުރެވުނީއެވެ. ދެމީހުންގެ މެދުގައި ނުފެންނަ ބާރެއް ވާކަހަލައެވެ.

" އާން….އާދޭ ޕިކަޕަށް އެއްޗެހި އަރުވަންދާން…." ކުއްލިއަކަށް އިޒްޔަންގެ އަޑުއިވިފައި އާއިންއާއި ޝައުންވެސް ސިހުނެވެ. އަދި އަވަސް އަވަހަށް އާއިން ސޯފާއިން ތެދުވިއެވެ.

" ނާޒް…އާދޭ އަނާ ގާތަށް…..އަހަރެން މިދަނީ އިޒޫއާއެކީ…." ބަދިގޭގައި އަވަތިނެތި އުޅުނު ފަރަހަނާޒަށް ގޮވާލަމުން އާއިން ބުނެލިއެވެ. އަދި މަޑުކޮށްލުމެއްވެސް ނެތި އަވަހަށް ދާން ނުކުތެވެ. ފަރަހަނާޒް ބަދިގެއިން ނުކުތްއިރު، އާއިން ގެއިންވެސް ނުކުމެއްޖެއެވެ.
" އަޅެ މަންމި އަންނަންދެންވެސް މަޑުނުކޮށް ބައްޕި ދިޔައީދޯ…" ސޯފާގައި ކުޅެންއިން އަޔާނާ އުރާލަމުން ފަރަހަނާޒް ބުންޏެވެ.

ފަރަހަނާޒް ލޯތްބާއެކު އަޔާނާއާއި ވާހަކަދައްކާ މަންޒަރު ފެނުމުން ޝައުންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ހަމައެއާއެކު ހިތަށްއެރި އެއްޗަކުން އޭނާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެދުވަހުގެ ހާދިސާ ނުހިނގިނަމަ މިއަދު ފަރަހަނާޒްގެ އުނގުގައި އިނީހީ، ފަރަހަނާޒްގެ އުފަންދަރިއެކެވެ. ނަމަވެސް އޭނާގެ ސަބަބުން އެއުފަލުންވެސް ފަރަހަނާޒް މަހުރޫމުވީއެވެ.

" ކޮބާ އަދިވެސް ހުރީތަ؟..މިހާރު އެންމެން ދަތުރުދާން ތައްޔާރުވަނީއޭ….ރޭގަވެސް ބުނީމެއްނު މިއަދު ދަތުރުދާނެއޭ…." ޝައުން ސިހުނީ އަޒީފާގެ އަޑުންނެވެ. އެވަގުތު ފަރަހަނާޒްވެސް އިސްއުފުލާ ބަލާލިއެވެ. ޝައުން ފެނުމާއެކު ފަރަހަނާޒް ހިނިތުންވެލިއެވެ. ނަމަވެސް ޝައުން އަވަސް އަވަހަށް ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. ފަރަހަނާޒްއާ ކުރިމަތިލާނެހައި ހިތްވަރު އޭނާގެ ނެތެވެ. އޭނާއަށް އަދިވެސް ގަބޫލުކުރެވެނީ އޭނާއަކީ ފަރަހަނާޒްގެ ދަރިފުޅުގެ ޤާތިލް ކަމުގައެވެ. އުމުރަށްވެސް އެކަން އޭނާގެ ހިތުގައި އޮންނާނެއެވެ. އާއިންއާއި ފަރަހަނާޒްއަކީ ދެކެރިއަރުންކަން ޝައުންއަށްވެސް ވަނީ އެނގިފައެވެ. ނަމަވެސް، ދެކެރިއަރުންނަށްވެސް ބަލިމަޑުކަމެއްނެތް ސިއްޚަތު ރަނގަޅު ދަރިން ލިބުމަކީވެސް ހަޤީޤަތެކެވެ. ވީއިރު، އެކުއްޖާ ދުނިޔެއަށް އައިނަމަ، ފުރިހަމަ ސިއްޚަތެއްގެ ކުއްޖަކަށް ވުންވެސް އެކަށީގެންވޭ ނޫންހެއްޔެވެ؟

ދަތުރު ދާހިތްނުވެފައި ޝައުން ކޮޓަރީގައި އޮއްވައި އައިރާ އައިސް އާދޭސްކުރާވަރުން ދާން އެއްބަސްވިއެވެ. އޭރު އެރިކްވެސް އެތައްފަހަރަކު އޭނާއާ ބައްދަލުކުރަން ބޭނުންވެގެން ގުޅައިފިއެވެ. އޭނާ ގަސްތުކުރީ އެރިކްވެސް އެދަތުރުގައި ބައިވެރިކުރުމަށެވެ. އެހެންކަމުން އާއިލާމީހުންގެ ހުއްދައާއެކު އެރިކްވެސް ޝައުންއާއެކު ދަތުރު ގެންދިއުމަށް ނިންމިއެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެރިކްވެސްވަނީ އާއިލާއާ ވަރަށްބޮޑަށް ގުޅުން ބަދަހިކޮށްފައެވެ. އެހެންކަމުން އޭނަ ގެންދިއުމަށް އެންމެންވެސް ރުހުނެވެ.

ދަތުރުދިޔައީ ހުރާއަށެވެ. އެއީ މީހުން އުޅޭ ރަށެއްނަމަވެސް ދަތުރު ދިއުމަށް ހިތްގައިމު މަންޒިލެކެވެ. އެރިކް ހުރީ އެރަށަށް ދެވުމުންވެސް ނުހަނު އުފާވެފައެވެ. އޭނާ ކެމެރާ އަތުން ދޫނުކޮށް ތަންތަން ފޮޓޯނަގަމުން ދިޔައެވެ. އެހެން އެންމެންވެސް ވަރަށް ފޯރީގައި ކަންކަމުގައި އުޅުނުއިރު،ވެލިގަނޑު މަތީގައި ޝައުން އިށީނދެލައިގެން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ތަންކޮޅެއް ދުރުގައި ކުޅެންތިބި އަޔާނާއާއި ތޫބާގެ ދަރިފުޅު ތުޤާއަށެވެ. އެކުދިން ވެލީގައި ކުޅެންތިބީ ނުހަނު އުފަލުންނެވެ. ތޫބާއާއި ފަރަހަނާޒްވެސް އެކުދިންގެ ގާތުގައި ތިބިއިރު، އުޝާއާއި އައިރާ މަންމަމެންނާއެކު ހެނދުނުގެ ނާސްތާއަށް ގެނައިތަކެތި ނަގައި ކުނަލެއްގެ މަތީގައި އަތުރަމުން ދިޔައެވެ. އޭރު ފިރިހެންވެރިން ޓެންޓް ޖެހުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ.

" އާހް…ވަރުބަލިވެއްޖެ…" އިރުކޮޅެއްފަހުން އައިރާ އައިސް ޝައުންގެ ގާތުގައި އިށީނދެލަމުން ބުންޏެވެ.
" ކީއްވެ މާމަޑުމަޑުން ތިއިނީ؟….މިރަށްމާ ފޫހީތަ؟…" ޝައުން ބަހެއްނުބުނެ އިނުމުން އައިރާ އަހާލިއެވެ.
" ނޫން….ދެންހަމަ އިނީ…." އެއިން ގޮތަށް އިނދެ ޝައުން ބުނެލިއެވެ.
" އެއީ ޝައުންގެ ބީއެފްތަ؟…" މޫދާ ދިމާއަށް ކެމެރާ އަމާޒްކޮށްގެންހުރި އެރިކްއަށް އިޝާރާތްކުރަމުން އައިރާ އަހާލިއެވެ.
" އެހެން ހީކޮށްލިޔަސް އެންމެ ރަނގަޅު…" ހީލަމުން ޝައުން ބުނެލިއެވެ.
" އެއީ މުސްލިމެއްތަ؟…" ކުއްލިއަކަށް އައިރާ އަހާލިއެވެ.
" ނޫން….ކްރިސްޓިއަނެއް…" ހަމަޖެހިލާފައި ޝައުން ޖަވާބުދިނެވެ.
" އޭނ؟…ކްރިސްޓިއަނަކާތަ ރައްޓެހިވެގެން ތިއުޅެނީ؟…" ކަންބޮޑުވެފައި އައިރާ އަހާލިއެވެ.
" ކިހިނެއްތަވީ؟…އެއީވެސް ހަމަ އަހަރެމެން ކަހަލަ އިންސާނުންނެއްނު….ކޮބާތަ ކްރިސްޓިއަނެއްވީމަ މައްސަލައެއް….މީހާ ރަނގަޅުވީމަ އެވީނު…" ޝައުން އޭނާއަށް ވިސްނޭގޮތަށް ބުނެލިއެވެ. އޭނާ ގަބޫލު ކުރާގޮތުގައި ކޮންމެ ދީނެއްގެ މީހެއްވެސް ރަނގަޅު އިންސާނަކަށް ވެއްޖެނަމަ އެއީ މައްސަލައެއްނޫނެވެ.
" އެކަމު….މުސްލިމު އަންހެނުންނަށް ކުރިސްޓިއަން ފިރިހެނުންނަކާ ނީދެވޭނެ…އިނގޭތަ އެކަން؟…" އައިރާ ބުނެލިއެވެ.
" އެހެންތަ؟…އެކީއްވެޔޯ؟…" ޝައުން ޝައުޤުވެރިކަމާއެކު އަހާލިއެވެ.
" އެއީހަމަ އެކަން އޮންނަގޮތް….އަހަރެމެންގެ ދީން ހުއްދަނުކުރާތީ ނީނދެވެނީ…" އައިރާ ސީރިއަށްކަމާއެކީ ބުނެލިއެވެ.
" ކީއްވެހޭ ހުއްދަނުވާންވީ؟…އެއީވެސް އަހަރެމެން ކަހަލަ އިންސާނުންނެއްނު….އެންމެންނަކީވެސް އާދަމުގެ ދަރީން….މުސްލިމުންވެސް ގޯސްވީމަ ހަމަ ގޯސްވާނެދޯ….އެގޮތަށް އެމީހުންގެވެސް ރަނގަޅުމީހުން ރަނގަޅުވާނެއްނު….އެހެންވީމަ ނެތެއްނު މައްސަލައެއް…." ދީނީގޮތުން އެއްޗެއް ރޯފިލާފައި ނެތުމުން ޝައުން ވާހަކަދެއްކީ އިންސާނިއްޔަތުގެ ނަޒަރަކުން ވިސްނާފައި އޭނާއަށް ހީވާ ގޮތަށެވެ.
" މަށަކަށް ނޭނގެ އެއީ ކީއްވެގެންކަން ރަނގަޅަށް ބުނާކަށް…އެކަމު އެއީ ހުއްދަނޫން ކަމެއްކަން އެނގެނީ…..އަހަރެން ސަބަބު ހޯދާފަ ފަހުން ބުނެވެސްދީފާނަން…." އައިރާ ޔަޤީންކަމާއެކު ބުންޏެވެ.
" ތިހާ ކަންބޮޑު ނުވެބަލަ! އެއީ މަގޭ ބީއެފްއެއް ނޫނޭ…އެއީ މަގޭ ބޮސްގެ ދަރި…" ޝައުން ހީލަމުން އެހެންބުނީ އައިރާ މާބޮޑަށް ސީރިއަސްވުމުންނެވެ.

ހެނދުނުގެ ނާސްތާގެ ވަގުތު ޖެހުމުން އެންމެން ނާސްތާ ކުރުމަށް އަވަސްވެގަތެވެ. ހުރިހާ އަންހެންވެރީން އެމީހުންގެ ފިރީންނަށް ކާތަކެތި އަޅައިދީ ހެދިއިރު، އެންމެނާއި ޚިލާފަށް އެރިކް ޝައުންއަށް ކާއެއްޗެހި އަޅައިގެން ގެނެސްދިނެވެ. އާއިންއަށް އެމަންޒަރު އެހައި ހިތްގައިމު މަންޒަރަކަށް ނުވިއެވެ. އެރިކް އޭނާގެ އަތުން ލަވައިގެން ޝައުންއަށް ކާންދޭން ފެށުމުން ޝައުން އަވަސް އަވަހަށް އެރިކްގެ އަތުން ތަށި އަތުލާފައި ކާންފެށިއެވެ. ނަމަވެސް އިރު އިރުކޮޅުން އެރިކްގެ ތަށިންވެސް ކާއެއްޗެހި ނަގައިގެން ޝައުންގެ އަނގަޔަށް ލަވައެވެ.

އެރިކް ފެނުނީއްސުރެ، އާއިން ހިތުގައިވަނީ ޝައުންއާއި އެރިކްގެ މެދުގައި ގުޅުމެއް އޮތްކަމާމެދު ޝައްކެއް އުފެދިފައެވެ. އެއީ ޝައުންގެ ވެރިމީހާގެ ދަރިކަމާއި ހަމައެކަނި އަމީންގެ މެހެމާނެއް ކަމުގައި އަމީން ބުނި ނަމަވެސް އެވާހަކަ އާއިންއަށް ގަބޫލެއް ނުކުރެވެއެވެ. ވެރިމީހާގެ ދަރިނަމަވެސް ޝައުންއާ ގާތްކަން ބާއްވަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގައި އާއިންއަށް ހީކުރެވެނީއެވެ.
ދަތުރު ކުރިޔަށް ދިޔަވަރަކަށް އެރިކްގެ ފަރާތުން އާއިންއަށް ފެންނަ ކަންކަން އިތުރުވިއެވެ. އެންމެންގެ ކުރިމަތީގައި އެއްވެސް ލަދެއްނެތި އެރިކް ޝައުންއާއި ސަމާސާކޮށް ގާތްކޮށް އުޅެން ފެށުމުން އާއިންއަށް އެކަން ބަލައެއް ނުގަނެވުނެވެ. ޝައުން މޫދަށް ނޭރެން އުޅެނިކޮށް އެރިކް ޝައުން އުފުލާލައިގެން މޫދަށް އެރުވި މަންޒަރު ފެނިފައި އާއިންއަށް ދަތްކުނޑި ވިކާލެވުނެވެ.

" ހާދަގޮތެއްނެތް ފިރިހެނެކޭ…" އާއިންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

" ކީކޭ.؟ " އާއިން އެއްޗެއް ބުނިހެން ހީވެގެން ގާތުގައިހުރި ފަރަހަނާޒް އަހާލިއެވެ.

" މަ ބުނީ…މިއެރިކް މީ ހާދަ ގޮތެއްނެތް މީހެކޭ…..އެންމެންގެ ކުރިމަތީގަވެސް އުޅޭގޮތް ބަލާބަލަ!…." އާއިން އޭނާގެ ހިތުގައިވި ނުރުހުންތެރިކަން ފަރަހަނާޒްގެ ކުރިމަތީގައި ހާމަކުރިއެވެ.

" އަހަރެންވެސް ހަމަ ތިހެން އަރާފަ މިހުރީ….އޭނާ އުޅޭގޮތުން ޝައުންއަށްވެސް އެހުންނަނީ އުނދަގޫވެފަކަން ޔަޤީން……." ފަރަހަނާޒްވެސް ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ.

މޫދުގެ ތެރޭގައި އިރުކޮޅަކު ސަކަރާތްޖަހަން އުޅެފައި އެރިކް ޝައުން ގޮވައިގެން އެހެންމީހުނަށް ނުފެންނަ ހިސާބު ދުރަށް ދިޔައެވެ. އެރިކް ބޭނުންވަނީ ޝައުންއާއެކު އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ލޯބިކޮށް އުފާކުރާށެވެ.

" އެރިކް….ހިނގާދާން…." ޝައުން ކަންބޮޑުވެފައި ބުނެލީ އެރިކް ކަމެއްކުރަން އުޅޭހެން ހީވުމުންނެވެ.
" ދެން އިހަށް މަޑުކޮށްބަލަ! މިއީ ކިހާ ހިތްގައިމު ތަނެއް….އަހަރެން ބޭނުމީ ސަންޝައިންއާއެކު މިކަހަލަ ތަނެއްގަ މުޅި އުމުރު ހޭދަކުރަން…" ޝައުންއާ ގާތްވެލަމުން އެރިކް ބުނެލިއެވެ. އެރިކްގެ ނޭވާ އެޅޭހިސާބަށް ގާތްވުމުން ޝައުން އަވަސް އަވަހަށް އިސްޖަހާލިއެވެ.

" ކިހާ ދުވަހަކު މިހެން ކެތްކުރާނީ؟…އަދިވެސް ތިހުރީ އަހަރެންގެ ސުވާލަށް ޖަވާބުނުދީ…އަދި އެއްފަހަރު އަހަރެން ޕްރޮޕޯސްކުރަންވީތަ؟…" ޝައުންގެ މޫނުގައި ހިފަހައްޓާލަމުން އެރިކް ލޯތްބާއެކު ބުންޏެވެ.

" ނޫން…ހިނގާބަލަ އެއްގަމަށްދާން….ބައްޕަމެން ހިތްހަމަ ނުޖެހިދާނެ…." އެރިކްއާ ދުރަށްޖެހިލަމުން ޝައުން ބުންޏެވެ.
" ވައުދުވޭ….މިރޭ ބައްދަލުކުރާނަން ކަމަށް….އޭރުން ދެވޭނީ…" ޝައުންގެ އަތުގައިހިފަހައްޓަމުން އެރިކް ބުނެލިއެވެ.
" އޯކޭ…" ޝައުން އަވަސް އަވަހަށް ބުނެލުމަށްފަހު ދިއުމަށް އަވަސްވެގަތެވެ. ނަމަވެސް އެރިކް ހުޝިޔާރުކަމާއެކު ޝައުންގެ އަތުގައި ހިފައި އޭނާގެ ގާތަށް ދަމާލުމަށްފަހު އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ. އަދި ޝައުން އެއްޗެއް ބުނާނެ ފުރުސަތުވެސް ނުދީ ޝައުންގެ ތުންފަތުގައި ބޮސްދިނެވެ. ޝައުންއަށް ލިބުނު ސިހުމުގައި ހަރަކާތް ހުސްވެފައި އިރުކޮޅަކު ހުރެވުނެވެ. ނަމަވެސް ވާނުވާ ރޭކާލުމުން އަވަސް އަވަހަށް އެރިކްގެ އަތުތެރެއިން ނުކުތުމަށް އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އެރިކް ބާރުގަދަ އަތުގެ ތެރޭގައި އިތުރަށް ފިތުން ނޫންކަމެއް ނުވިއެވެ. ޝައުންއަށް އޭނާގެ ބަލިކަށިކަން އިހުސާސްވުމުން އެންމެފަހުން އެރިކްގެ އަތުތެރޭގައި ހިމޭންވާން އޭނާއަށް މަޖުބޫރުވިއެވެ. އެރިކް ހިތްފުރޭވަރުވުމުން ދޫކޮށްލިއިރު ޝައުންގެ ދެލޯވަނީ ފެންކަޅިވެފައެވެ. އޭނާ ނުރުހުމާއެކު އެރިކްއާ ދިމާ ބަލާލުމަށްފަހު، އެރިކްގެ ކިބައިން ވީއްލިގަނެގެން ދުއްވައިގަތެވެ. ލޮލުން ކަރުނަ ފުހެމުން ބާރުބާރަށް ދުވެފައި ދަނިކޮށް، ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް ނުކުތް އާއިންގެ ގައިގާ ލައިގެންފައި ދެމީހުން އެކުގައި ވެލިގަނޑު މައްޗަށް ވެއްޓުނެވެ.

" އައުޗް…" އާއިންއަށް ބޭއިޚްތިޔާރުގައި އަޑެއް ލައްވާލެވުނެވެ. އަދި އަވަސް އަވަހަށް ތެދުވެ، ވެއްޓިފައި އޮތް ޝައުން ނަގައި ތެދުކުރިއެވެ. ޝައުން އޭނާގެ އަތުން ވެލިފޮޅަލުމަށްފަހު، އަތުގެ ނުފުށުން އޭނާގެ ލޯފުހެލިއެވެ.

" ޝައުން…..ތަނަކަށް ތަދުވީތަ؟…." ޝައުން ރޮނީހެން ހީވެގެން ކަންބޮޑުވެފައި އާއިން އަހާލިއެވެ.

" ނޫން…އެއްވެސް ކަމެއްނުވޭ" ޝައުން އަވަސް އަވަހަށް ޖަވާބުދިނެވެ.
" އެކަމު ހީވަނީ ކަމެއްވެފަ ހުރިހެން…." އާދަޔާ ޚިލާފަށް ރަތްވެފައިވާ ޝައުންގެ ތުންފަތަށާއި މަޑުފިޔާތޮށި ކުލައަރާފައިވާ ނޭފަތަށް ބަލާލަމުން އާއިން ބުނެލިއެވެ. ޝައުން ރޮއެފިނަމަ ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނު ނަމަވެސް ނުކުރެވޭ އެއްސަބަބަކީ އެއީއެވެ. އޭނާ ރޮއެފިނަމަ، އޭނާގެ ދޮންމޫނުގެ ކުލަ ބަދަލުވެއެވެ.

" ކީއްވެ ތިރޮނީ؟…އެރިކް ކަމެއްކުރީތަ؟…" އާއިން ސީރިއަސްވެލާފައި ސުވާލުކޮށްލުމުން ޝައުންގެ ހިތުގައި މާބޮޑަށް ޖެހުނެވެ.
" ތީ އާންއާ ހީވި ކުށްހީއެއް….އަހަރެން ނުރޯން…އެހެންނޫނަސް އެރިކް އަހަރެންނަށް ކަމެއްކުރާނެކަމަށް އާންއަށް ހީވާންވީ ކީއްވެ….އެރިކް އަހަރެންދެކެ ވަނީ ހަޤީޤީ ލޯބި…އޭނަ އަހަރެންނަށް ދެރަގޮތެއް ނުހަދާނެ…" ޝައުންއަށް ބުނެވުނީ އޭނާ ބުނަން ބޭނުންވީ އެއްޗެއް ނޫނެވެ. ނަމަވެސް އާއިންގެ ކުރިމަތީގައި ބަލިކަށިވާން ބޭނުންނުވީތީ އޭނާއަށް އެގޮތަށް ބުނެވުނީއެވެ. ޝައުންގެ ވާހަތައް އަޑުއިވުމުން އާއިންހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ ޝައުންގެ ދިރިއުޅުމަށް ފާޑުކިޔަން އޭނާއަކީ ކާކުހެއްޔެވެ؟
" އާން މާބޮޑަށް އަހަރެންނާމެދު ނުވިސްނާ….އަހަރެންނާމެދު ވިސްނާނެ މީހަކު މިހާރު އެބަހުރި…." ޝައުން އެހެންބުނެލަމުން އެތަނުން ދިޔައެވެ.
އާއިންވެސް ދާން އެނބުރިލީ ވަގުތު ތަންކޮޅެއް ދުރުގައި އެދިމާބަލަންހުރި އެރިކް ފެނުނެވެ. އެރިކްގެ މޫނުމަތިން ފެންނަން ހުރި ހާސްކަމުން އޭނާއެހުރީ ކޮންމެވެސް ކަމަކާ ހާސްވެފައިކަން އާއިންއަށް އެނގުނެވެ. އާއިން ބަލާލުމުން އެރިކް އެނބުރި އައިކޮޅަށް ހިނގައިގަތެވެ. އާއިންވެސް އެނބުރި ފަރަހަނާޒްމެންގެ ގާތަށް ދިޔައެވެ. އޭރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ޝައުންއާމެދުގައެވެ. ޝައުން އެގަޑީގައި ރުއީ އެރިކްގެ ސަބަބުންކަމުގައި އޭނާއަށް ވަރަށްބޮޑަށް ހީވެއެވެ.

" ކިހިނެއްވީ ކޮބާ ޝައުން؟…" އާއިން އައިސް ފަރަހަނާޒްގެ ގާތުގައި އިށީނުމުން ފަރަހަނާޒް އަހާލިއެވެ.
" ނާދޭތަ މިތާކަށް….އަހަރެން ހީކުރީ މިކޮޅަށް އައީކަމަށް…..އެހެންވެ މިއައީ…" އާއިން ޖަވާބުދިނެވެ. އާއިން ދިޔައީ އައިރާ ޝައުން ނުފެނިގެން އުޅޭ ވާހަކަ ފަރަހަނާޒް ބުނުމުންނެވެ.

" އާނ އެހެރަ އަންނަނީ؟…" އާއިން ތެދުވެގެން ދާން އުޅެނިކޮށް ފަރަހަނާޒް ބުންޏެވެ. އާއިން ބަލާލިއިރު، އެރިކްގެ އަތުގައި ހިފާލައިގެން ހެވިފައިހުރެ ޝައުން އާދެއެވެ. މީގެ ކުޑައިރުކޮޅެއްކުރިން އެމޫނުން ފެނުނު އުދާސްކަމުގެ އަސަރުވެސް ނެތްފަދައެވެ. އާއިން ހައިރާންވެފައި ބަލަންއިން މަންޒަރު ޝައުންއަށް ފެނުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެރިކް އައިސް އޭނާގެ ކިބައިން މާފަށް އެދުމުން އޭނާ އެހާފަސޭހައިން މާފުކުރީ އާއިންގެ ގާތުގައި ބުނެވުނު ބަސްތައް ތެދުކުރުމަށްޓަކައެވެ. މިހާރު އާއިން އެހުރީ އޭނާގެ ބަސް ގަބޫލުކޮށްގެންކަން އޭނާއަށް އެނގެއެވެ.

ނުނިމޭ