Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ނިއުޕޯޓް ބަލިކޮށް ސިޓީ ކުއާޓާ އަށް

އިނގިރޭސި އެފްއޭކަޕްގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގެ ފަހު ހާފުގައި ކާމިޔާބުކުރި ގޯލުތަކާއެކު 4-1 އިން ނިއުޕޯޓް ކައުންޓީ ބަލިކޮށް މެންޗެސްޓާ ސިޓީން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭގެ މެޗަށް ސިޓީން ނިކުތީ ލީގުގައި އެންމެ ފަހުން ޗެލްސީ އަތުން 6-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުން ފުރުޞަތު ދީފައިވަނީ ގޯލްކީޕަރު އެޑަސަން މޮރައެސްގެ އިތުރުން ޖޯން ސްޓޯންސް އާއި އޮލެކްސަންޑަރް ޒިންޗެންކޯ އަދި ފެނާންޑީނިއޯ އަށެވެ. ރޭގެ މެޗުގައި އެ ޓީމުގެ ފޯވާޑްލައިންގައި ހަރަކާތްތެރިވެފައިވަނީ ގެބްރިއަލް ޖެސޫސް އާއި ރިޔާދް މާރޭޒްގެ އިތުރުން ލެރޯއީ ސާނޭ އެވެ.

ނިއުޕޯޓްގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑް ނެގުމާއި ގާތަށް ޖެހިލައިފައެވެ. އެ ޓީމުގެ ޓައިރީކް ބެކިންސަން ބޮލުން ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މަތަކުރިއެވެ.

އޭގެ ހަ މިނެޓުފަހުން، ނިއުޕޯޓްގެ ޖޮސް ލަބާޑީ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން، ސިޓީ އަށް ލިބުނު ފުރަތަމަ ފުރުޞަތުގައި ވަރަށް ހަނި އޭންގަލަކުން މާރޭޒް ފޮނުވާލި ހަމަލާ ނިއުޕޯޓްގެ ގޯލްކީޕަރު ޖޯ ޑޭ މަތަކުރިއެވެ.

ސިޓީގެ ފިލް ފޯޑެން (ވ) އަތުން ބޯޅަ ހޯދަން ނިއުޕޯޓްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. –ފޮޓޯ: މެންސިޓީ.ކޮމް

ފުރަތަމަ ހާފު ނިމުމުގެކުރީން، ސިޓީ އަށް ލީޑްނަގައިދިނުމަށް މާރޭޒް އާއި ސާނޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މާރޭޒް ފޮނުވާލި ބޯޅަ ނިއުޕޯޓްގެ ކީޕަރު ޑޭ މަތަކުރިއިރު ސާނޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައިޖެހިފައެވެ. މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މެޗުގެ 51 ވަނަ މިނެޓުގައި ސިޓީ އަށް ލީޑް ނަގައިދިނީ ސާނޭ އެވެ. މިއީ އެ ޓީމުގެ ގެބްރިއަލް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ސިޓީގެ ލީޑް ފުޅާކުރުމަށް ޑެނީލޯ އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު ނިއުޕޯޓަށް އެއްވަރުކޮށްދިނުމަށް މާކް އޯބްރަޔަން އަށް ލިބުނު ބޯޅަ އޭނާ ބޮލުން ފޮނުވާލުމުން ސިޓީގެ ކީޕަރު އެޑަސަން މަތަކުރިއެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު، ޒުވާން ކުޅުންތެރިޔާ ފިލް ފޯޑެން ކާމިޔާބުކުރިއިރު އެ ޓީމުގެ ލީޑް އިތުރަށް ފުޅާކުރުމަށް ސާނޭ އާއި ގެބްރިއަލް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ނިއުޕޯޓް އާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: މެންސިޓީ.ކޮމް

މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސިޓީގެ ޑިފެންސްލައިންގައި ކުޅެމުން އަންނަ އައިމެރިކް ލަޕޯޓް އާއި ނިކޮލަސް އޮޓަމެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ނިއުޕޯޓަށް ފަރަގު ކުޑަކޮށްދިނީ ޕެޑްރައިގް އަމޮންޑް އެވެ.

ނިއުޕޯޓުން ގޯލް ކާމިޔާބުކުރިތާ 71 ވަރަކަށް ސިކުންތުގެ ތެރޭގައި، ފޯޑެން ވަނީ މި މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑާއެކު ސިޓީ އަށް އަލުން ދެ ލަނޑުގެ ލީޑް ނަގައިދީފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި މާރޭޒް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ.

އެފްއޭކަޕްގެ ކުއާޓާ އިން ދެން ފުރުސަތު ހޯދާފައިވަނީ މިލްވޯލް އާއި ބްރައިޓަން ހޯވް އެންޑް އެލްބިއަންއެވެ.

މި މުބާރާތުގައި ދެން ކުރިއަށް އޮތް އެންމެ ފާހަގަކޮށްލެވޭ މެޗުގައި، ހޯމަ ދުވަހުގެ ރޭ ރާއްޖޭގަޑިން 0:30 ގައި ޗެލްސީ ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.