Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ވަލަޑޮލިޑް އަތުން ބާސާ އަށް އުނދަގޫ މޮޅެއް

ވަލަޑޮލިޑްގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދާން ބާސެލޯނާގެ ލިއޮނަލް މެސީ (ވ) މަސައްކަތްކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި މި ސީޒަނަށް އަލަށް ޕްރޮމޯޓުވި ރެއާލް ވަލަޑޮލިޑް އަތުން ބާސެލޯނާ އިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީޢަކުން ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރިއިރު މެޗު ނިމެންދަނިކޮށް އޭނާ ފޮނުވާލި އަނެއް ޕެނަލްޓީ ވަލަޑޮލިޑަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ގޯލްކީޕަރު ޖޯޑީ މަސިޕް ވަނީ މަތަކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ ވަނީ ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ބާސެލޯނާ އަށް 24 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ކުރިން ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރަޔޯ ވަޔެކާނޯ އަތުން މޮޅުވެ 47 ޕޮއިންޓާއެކު ދެވަނައަށް ޖެހިލައިފައެވެ. މިވަގުތު 23 މެޗުން 45 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ރެއާލް މެޑްރިޑް މިއަދު ހަވީރު ޖިރޯނާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން ދެވަނަ ލިބޭނެއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އެއްވަރުވެފައިވާއިރު ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ލުއިސް ސުއަރޭޒް އާއި ފިލިއްޕޭ ކުޓީނިއޯގެ އިތުރުން އިވާން ރަކިޓިޗް ވެސް ކުޅެން ނިކުމެފައިވަނީ ދެވަނަ ހާފުގައެވެ. މީގެއިތުރުން، އެ ޓީމުގެ ޑިފެންސްލައިންގައި ކުޅެމުން އަންނަ ކްލެމެންޓް ލެންގްލޭގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ތޯމަސް ވާމެލަން އަށެވެ.

ވަލަޑޮލިޑް އާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

ކޭމްޕް ނޯ ގައި ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި ބާސެލޯނާގެ ކެވިން-ޕްރިންސް ބޯޓެން އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެސީ ދިން ބޯޅައަކުން ޕްރިންސް ފޮނުވާލި ހަމަލާ ވަލަޑޮލިޑްގެ ކީޕަރު މަސިޕް މަތަކުރިއެވެ.

އޭގެ ފަހުން ބާސެލޯނާ އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއް ތަނަވަސްކުރެވިފައިނުވާއިރު މި ހާފުގައި ވަލަޑޮލިޑްގެ ފަރާތުން ބާސެލޯނާގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ.

ބާސެލޯނާ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލް، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ މެސީ އެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ވަލަޑޮލިޑްގެ މިޝެލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ހާފު ނިމުނީ 1-0 އިން ބާސެލޯނާ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ލީޑް ފުޅާކުރުމަށް މެސީ އަށް ދެ ފުރުޞަތެއް ލިބުނުއިރު އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ވަލަޑޮލިޑްގެ ކީޕަރު މަސިޕް މަތަކުރިއިރު ސުއަރޭޒް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް މަސިޕް އެވެ.

އެތުލެޓިކޯ އާ ދެކޮޅަށް ރަޔޯ ވަޔެކާނޯ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

މެޗުގެ 85 ވަނަ މިނެޓުގައި ބާސެލޯނާގެ ލީޑް ފުޅާކުރުމަށް މެސީ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ ކުޓީނިއޯ އަށް ވަލަޑޮލިޑްގެ ކިކޯ އޮލިވާސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މެސީ ފޮނުވާލުމުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މަސިޕް ވަނީ މަތަކޮށްފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި މެސީ ދިން ބޯޅައަކުން ސުއަރޭޒް ފޮނުވާލި ހަމަލާވެސް މަސިޕް މަތަކުރިއެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވަޔެކާނޯ އަތުން 1-0 އިން އެތުލެޓިކޯ މޮޅުވިއިރު އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. ލީގުގައި ލެވާންޓޭ ކުޅުނު މެޗުން ރަށުން ބޭރުގައި 4-1 އިން ސެލްޓާ ވިގޯ އަތުން މޮޅުވިއިރު ރެއާލް ސޮސިއެޑާޑް ވަނީ 3-0 އިން ލެގަނޭސް ބަލިކޮށްފައެވެ.

ބާސެލޯނާ އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް ކުޅޭ މެޗެވެ. ލިޔޯންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 01:00 ގައެވެ.