Last Updated: June 10, 13:14
Wednesday, June 10, 2026
މުނިފޫހިފިލުވުން

ބިލް ގޭޓްސް އާމިރް އާ ބައްދަލު ކުރަން ބޭނުން!

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މަހުޖަނުންގެ ތެރޭގައި ހިމެނޭ މައިކްރޯ ސޮފްޓްގެ ބާނީ ބިލް ގޭޓްސް ބޮލީވުޑްގެ އެކްޓަރު އާމިރް ހާނާ ބައްދަލު ކުރަން ބޭނުންވ ކަމަށް ބުނެފި އެވެ.

ބޮލީވުޑްގައި "މިސްޓަ ޕާފެކްޝަނިސްޓް" ގެ ގޮތުގައި މަޝްހޫރުވެފައިވާ އާމިރް އާ ބައްދަލު ކުރަން ޝައުގުވެރިކަން ފާޅުކޮށް ގޭޓްސް ވަނި އޭނާގެ ރަސްމީ ބްލޮގުގައި ވެސް ލިޔެފަ އެވެ. އޭނާ މިހާރު އުޅެނީ އިންޑިއާ އަށް ކުރާ ދަތުރެެއްގަ އެވެ.

"ބޮލީވުޑް އެކްޓަރު އަދި އެކްޓިވިސްޓް [ސޯޝަލް އެކްޓިވިސްޓް] އާމިރް ހާނާ ބައްދަލުކޮށްލަން ވަރަށް ބޭނުން. އޭނާ ޔުނިސެފްގެ އެމްބެސެޑަރެއްގެ ގޮތުން ކުރި މަސައްކަތާ ބެހޭ ވާހަކަތައް އަޑު އެހިން. އަދި އިންޑިއާގެ އިޖުތިމާއި މައްސަލަތަކަށް ބިނާކޮށް އޭނާ ގެނެސް ދިން ޓީވީ ޝީ [ސަތިޔަމޭވް ޖަޔަތޭ] އާ ބެހޭ ގޮތުން ވެސް މައުލޫމާތުތަކެއް ލިބިފައި އެބަ ހުރި،" ބިލް ގޭޓްސްގެ ބްލޮގުގައި ބުނެފައިވެ އެވެ. "ދެން އަހަރެންގެ ނަސީބެއް ހުރިއްޔާ، އާމިރްގެ ނެށުމުގެ ހުނަރު ބަލާލަން ވެސް ބޭނުން."

އާމިރް ހާނާ ބެހޭ ގޮތުން ބިލް ގޭޓްސް މިފަދަ ވާހަކަތަކެއް ދައްކާފައިވާ އިރު، އޭނާއަކީ ދުނިޔޭގެ ވަރަށް މަޝްހޫރު ޝަހުސިއްޔަތުންގެ މަގުބޫލްކަން ހޯދާފައިވާ ފަންނާނެއްކަން ފާހަގަކޮށްލެވެ އެވެ.

ޓައިމްސް މަޖައްލާ އިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒް ގަދަ 100 މީހުންގެ ލިސްޓުން ވެސް އާމިރް ވަނީ މި އަހަރު ޖާގަ ހޯދާފަ އެވެ.

"ލަގާން" އުފައްދައިގެން 2001 ވަނަ އަހަރު އޮސްކާ އަށް ވެސް ނޮމިނޭޓްވި އާމިރުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ދޫމް 3" އަދި "ޕީކޭ" ހިމެނެ އެވެ.

އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާ "ތަލާޝް" އެވެ.