Last Updated: April 25, 10:16
Thursday, April 25, 2024
ރިޕޯޓް

ކޯލިޝަނުގައިވެސް ޖޭޕީ، އިދިކޮޅުގައިވެސް ޖޭޕީ؟!

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް އަނެއްކާވެސް ބަދަލުވާން ފަށައިފިއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިނުމަކަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް ޕާޓީ، ޖުމުހޫރީ ޕާޓީން ސަރުކާރަށް ތިން މަސް ނުވަނީސް ޔާމީނާއި ގުޅުނު މަންޒަރު ފެނިގެން ހިނގައްޖެއެވެ.

އިދިކޮޅު ކޯލިޝަނެއް ހަދައިގެން އިދިކޮޅުގައި އޮތް ޔާމީންގެ ޕީޕީއެމާއި އަދުރޭގެ ޕީއެންސީއިން އެކުގައި މަޖިލީހަށް ވާދަކުރަން ނިންމާފައިވާއިރު މިހާރު ޖުމުހޫރީ ޕާޓީވެސް ވަނީ އެ ކޯލިޝަން ތެރެއަށް ވަދެފައެވެ. ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޓިކެޓު ދިން ފަރާތްތަކުގެ އަތުން ޓިކެޓު އަތުލައި، އެ ދާއިރާތަކަށް ވާދަކުރާ ޖޭޕީގެ ކެންޑިޑޭޓުންނަށް ބައިއަތު ހިފާފައެވެ.

ޖުމުހޫރީ ޕާޓީންވެސް ވަނީ މަހިބަދޫ ދާއިރާގެ ޓިކެޓު ދީފައިވާ ސުނިލް އަތުން ޓިކެޓު އަތުލުމަށް ފަހު ޕީޕީއެމްގެ ކެންޑިޑޭޓު އަދި މިހާރުގެވެސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދުކުރުމަށް ނިންމާފައެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއާ ދެމެދު އޮތް ނުތަނަވަސްކަން ފާޅުކުރީ އެމްޑީޕީން ކޯލިޝަން އެއްބަސްވުމާ ޚިލާފަށް ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމާ ގުޅިގެންނެވެ. ގާސިމް އިބްރާހިމް ވަނީ އެމްޑީޕީއަށް ވެރިކަން ލިބުމާއި އެކު އަނެއްކާވެސް ޖޭޕީ މަގުމަތިކޮށްލައިފި ކަމަށް ސިފަކޮށްފައެވެ.

ގާސިމްގެ ބަހުން އޭނާ އާއި ދެކޮޅު އެއްވެސް ބަޔަކު ނެތެވެ. ވެރިކަމުގައި ހުންނަވައި ގާސިމްގެ މުދަލާއި ދަރިން އަދި ޚުދު ގާސިމް ހައްޔަރުކޮސް ޖަލަށް ހުކުމް ކުރުމުގެ އަޑީގައި ހުންނެވި ޔާމީނާއި ޑީލް ހަދަންވެސް ތައްޔާރެވެ. ނަމަވެސް ޖޭޕީގެ ރަސްމީ ބަހަކީ ޔާމީނާ ގުޅެން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެވެ. "އެއީ ކަނޑައެޅިގެން ދޮގެއް. އެފަދަ މަޝްވަރާއެއް ހިނގާފައެއް ނުވޭ،" މިއީ ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހްގެ ބަހެވެ.

ޕީޕީއެމްގެ ކެންޑިޑޭޓުންގެ ޓިކެޓު އަތުލައި، ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި ޖޭޕީގެ ޓިކެޓު އަތުލައި ޕީޕީއެމް ކެންޑިޑޭޓުންނަށް ތާއީދުކުރުމަކީ އާންމު ވިސްނުމުން ބަލާއިރުވެސް ކޯލިޝަނެއް ނުވަތަ އެއްބަސްވުމެއް ހެދުމެވެ.

ސުވާލަކީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޖުމުހޫރީ ޕާޓީން ވަގުތީ ގޮތުން ކޯލިޝަނުން ވަކިވީ ހެއްޔެވެ؟ ނުވަތަ އިދިކޮޅު ޕާޓީތައް ވެސް ޖޭޕީއާ އެކުވެގެން ސަރުކާރު ހިންގާ ކޯލިޝަނަށް ގެނައީ ހެއްޔެވެ؟ މިއީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ އާންމު މެމްބަރުން މިއަދު ޖަވާބު ބޭނުންވާ ސުވާލެކެވެ.