Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ޖޭޕީއާ ގުޅުނީ އެމްޑީޕީ ގޮނޑި މަދުކުރަން: ޔާމީން

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖުމުހޫރީ ޕާޓީއާ ގުޅި، ގޮނޑިތައް އެޕާޓީއަށް ދޫކުރައްވަނީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ލިބޭ ގޮނޑިތައް މަދުކުރުމުގެ އަމާޒުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދުގެ ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ޔާމީން، ރޭ ސައީދަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއް ދާއިރާއަކަށް ޖޭޕީއާއި ޕީޕީއެމް އަދި ރައީސް މައުމޫންގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރައްވާނަމަ އެމްޑީޕީއަށް އެ ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އެހެންކަމުން ޕީޕީއެމުން ޖޭޕީއަށް ތާއީދުކޮށްގެން ވިޔަސް އެމްޑީޕީއަށް ގޮނޑިތައް ކާމިޔާބުކުރުމުގެ ފުރުސަތު ހަނިކުރަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޕީޕީއެމުން ވަނީ މިހާތަނަށް 5 ދާއިރާއަކަށް ވާދަނުކުރައްވަން ނިންމައި ޖޭޕީ ކެންޑިޑޭޓަށް ވާދަކުރަން ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ވިލުފުށީ ދާއިރާ އާއި، ގެމަނަފުށި ދާއިރާ އާއި މަތިވެރި ދާއިރާއާއި ފުވައްމުލަކު ދެކުނު ދާއިރާއާއި ދަނގެތީ އަދި އިނގުރައިދޫ ދާއިރާގެ ޓިކެޓު ދިން ފަރާތްތަކުގެ އަތުން ވަނީ ޓިކެޓު އަތުލާފައެވެ.

މީގެ އިތުރުން ޕީޕީއެމް ޓިކެޓު ދިން ބައެއް ފަރާތްތަކުން އަންނަނީ އަމިއްލަ ގޮތުންވެސް ޓިކެޓު ދޫކޮށް، މިނިވަން ކެންޑިޑޭޓޫންގެ ގޮތުގައި ވާދަކުރަން ނިންމައި އީސީއަށް ފޯމު ހުށައަޅަމުންނެވެ.