Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އަދާލަތު ޕާޓީ އާއިއެކު އެއްބަސްވުމަކަށް އާދެވޭވަރު ވެއްޖެ: އެމްޑީޕީ

އަފްޝަން ލަތީފް - ފޮޓޯ: އެމްޑީޕީ

އަންނަ މަޖްލިސް އިންތިހާބުގައި އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން މަޖްލިސް ހޯދުމަށް އެއްްބަސްވުމަކަށް އާދެވިފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އަދާލަތު ޕާޓީ އާއި އެކު މަޝްވަރާ ކުރެވުމުންދާކަމަށާއި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެއްބަސްވުމާއި ހަމައަށް ދެވޭވަރުވާނެކަމަށެވެ. ނަމަވެސް އެއްބަސްވުމުގެ ތަފްސީލެއް އަފްޝަން ނުދެއްވިއެވެ.

އަފްޝަން މިއަދުވެސް ތަކުރާރު ކުރެއްވީ އަދާލަތު ޕާޓީ އާއި އެކު މަސައްކަތް ކުރަން އެމްޑީޕީއަށް ވަރަށް ފަސޭހަކަމަށާއި އެޕާޓީއަކީ ތަރުތީބުވެވިގެން ހިންގާ ޕާޓީއެއްކަމަށެވެ.

މަޖްލިސް މެޖޯރިޓީ އެމްޑީޕީން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އަދާލަތު ޕާޓީއަކީ މުހިއްމު ބައިވެރިއެއްކަމަށް އަފްޝަން ފާހަގަކުރެއްވިއެވެ.

އަދާލަތު ޕާޓީން 8 ދާއިރާއަށް ކެންޑިޑޭޓުން ނެރެފައިވާ އިރު އެދާއިރާތަކަށް އެމްޑީޕީންވަނީ ޕްރައިމަރީ ބާއްވައި ޓިކެޓު ކަށަވަރުކޮށްފައެވެ. އެމްޑީޕީ އާއި އަދާލަތު ގުޅިގެން މަޖްލިސްއަށް ވާދަކުރާއިރު ޖެމްހުރީ ޕާޓީ އާއި ރައީސް ޔާމީންގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގުޅިގެން ވާދަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.