Last Updated: May 1, 20:45
Wednesday, May 1, 2024
ރިޕޯޓް

އޭސީސީ ރިޕޯޓު: ރާފިއުގެ ބަޔާން، ސީރިއަސް ވާހަކަތަކެއް!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓު އޭސީސީން ނެރުމާއި އެކު ތަފާތު އެތައް ކަމެއް ވަނީ ފެންމަތިވެފައެވެ. ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބު ފައިސާ ދައުލަތުގެ ހަޒާނާއަށް ނުވަދެ ގެއްލިފައިވާ އިރު މި މައްސަލައިގެ އަޑި ނުފެނެއެވެ. އޭސީސީ ރިޕޯޓުން މި ފައިސާ ލިބުނު އެންމެން ސާފެއް ނުވެއެވެ. ފައިސާ ޖަމާވި އެކައުންޓުތަކުގެ ތެރެއިން ރިޕޯޓުގައި ވަނީ މަދު ބައެކެވެ.

އޭސީސީ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ބަޔާން ތަކުގެ ތެރެއިން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ކުރީގެ އަނބިމީހާ މާލެ، ލިސްމާޓާ، ފާޠިމަތު ލިޔުޝާގެ ބައްޕަފަރާތު ބޮޑު ބޭބެ މއ. ޝޭޑީކެބިން އަބްދުﷲ ރާފިއުގެ ބަޔާނަކީ ސީރިއަސް މައުލޫމާތު ހިމެނޭ ބަޔާނެކެވެ.

ރާފިއުވަނީ އެސްއޯއެފް މެދުވެރިކޮށް ގިނަ އަދަދެއްގެ ޑޮލަރު ގަނެފައިވާ ކަމަށް ބަޔާން ދީފައެވެ. އޭނާގެ ވިޔަފާރި ތަކަށާއި ހިއްސާވާ ކުންފުންޏަށް ބޭނުންވާ ގިނަ އަދަދެއްގެ ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ވަނީ ގަނެފައެވެ. މީގެ އިތުރުންވެސް ބައެއް ކަންކަމަށް އެސްއޯއެފްއަށް އެހީތެރިވެދީފައެެވެ. ރާފިއުގެ ބަޔާނުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް އިނގިރޭސިވިލާތުން ގެނައި ކޮންސަލްޓެންސީ ކުންފުންޏަށް ފައިސާ ދެއްކުމަށް އެހީތެރިވެފައިވުމެވެ.

2015 ވަނަ އަހަރު ތެރޭގައި މަޝްހޫރުވި އޮމްނިއަރ ސްޓްރެޓެޖީ އެލް.އެލް.ޕީއަށް ސަރުކާރުން ބޮޑު އަދަދުން ފައިސާދިން ވާހަކަ ރާއްޖެ އާއި ބޭރު މީޑިއާތަކަށް އެރިއެވެ. އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރގެ އަނބި ކަނބަލުން ޗެރީ ބްލެއަރގެ އޮމްނިއާ ސްޓެރެޓެޖީއަށް ދިން ފައިސާ އަކީ އެމްއެމްޕީއާރުސީގެ ފައިސާކަން ވަނީ ހާމަވެފައެވެ.

2016 ޖޫން 30 ވަނަ ދުވަހު ރާފިއު އޭސީސީއަށް ދިން ބަޔާނުގައި ބުނެފައިވަނީ އޮމްނިއާ ސްޓްރެޓެޖީއަށް 328،000 ޑޮލަރުގެ ޕޭމަންޓު ހެދީ އޭނާ ކަމަށެވެ. ރާފިއު ބުނީ އޭނާ އައްޑޫގައި ހުއްޓާ އެސްއޯއެފްގެ ވެރިފަރާތްކަމަށްވާ އަބްދުލް އައްލާމް (މޮހޯ) އޭނާއަށް ގުޅައި ޔޫކޭއަށް އާޖެންޓު ޓީޓީއެއް ހަދައި ދިނުމަށް އެދުމުން އޭނާގެ ކުންފުންޏެއް މެދުވެރިކޮށް އެ ޓީޓީ ހަދައިދިން ކަމަށެވެ.

ރާފިއު ބުނެފައިވަނީ އޭރު އެޓީޓީ ހެދީ ކޮން ފަރާތަކަށްކަން ނޭނގޭކަމަށެވެ. ނަމަވެސް ފަހުން އޮމްނިއާ ސްޓެރެޓެޖީގެ މައްސަލައިގެ ރޭޑިއޯ ޓީވީން ކިޔަން ފެށުމުން އެކަން އެނގުނުކަމަށެވެ. މިމައްސަލައިގެ ބަޔާން ފުލުހަށް ދީފައިވާ ކަމަށް ރާފިއުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާފިއުގެ ބަޔާންގައި އިތުރަށް ބުނެފައިވަނީ އަދީބު އަންގައިގެން އޭނާ ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް 10 މިލިއަން ރުފިޔާ އަދީބް އެދުނު މީހަކާއި ހަވާލުކުރިކަމަށެވެ. އަދި އެފައިސާ އަކީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ހޯދިފައިސާކަން ފަހުން އެނގުނުކަމަށް ބަޔާންދީފައެވެ. ރާފިއުގެ ބަޔާނުން މަޖްލިސް މެމްބަރުންނަށް އެފައިސާއިން ރިޝްވަތުދިން ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އޭގެ ތަފްސީލެއް އޭސީސީ ރިޕޯޓުގައި ހިމަނާފައި ނުވެއެވެ. އަދި އެމައްސަލަ އިތުރަށް ތަހްގީގު ކުރާކަމެއް ސާފެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ގިނަ އަދަދެއްގެ ފައިސާ ރާފިއުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެސްއޯއެފްއިންނެވެ. ރާފިއުވަނީ އެފައިސާ އަކީ އެމްއެމްޕީއާރުސީ ފައިސާކަން ނޭނގޭކަމަށް ބުނެފައެވެ. ބޮޑު ކަރަޕްޝަންގެ މައްސަލައިގެ ތަހްގީގީ ރިޕޯޓުގައި ރާފިއުގެ ބަޔާންތަކަކީ ސީރިއަސް ވާހަކަތަކެއް ހިމެނޭ ބަޔާންތަކެވެ. މި މައްސަލަ އިތުރަށް ތަހްގީގު ކުރުމަށް މި ބަޔާންތަކުގެ މައުލޫމާތު ވަރަށް މުހިއްމެވެ.

އޭސީސީ ރިޕޯޓަށް ފަހު ފުލުހުން ބުނެފައިވަނީ އެރިޕޯޓުގައި ހިމެނޭ ޖިނާއީ މައްސަލަތައް ފުލުހުން ތަހްގީގު ކުރާނެކަމަށެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންނާއި ފޯޖަރީގެ މުއާމަލާތް ހިމެނެއެވެ. ދިވެހި ހުރިހާ ރައްޔިތުންވެސް މިއަދު އެދިއެދި މިތިބީ މި މައްސަލައިގެ ހަގީގީ ތަހްގީގު ނިމޭނެ ދުވަހަކަށެވެ.