ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އަންނަ ހުކުރު ދުވަހު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި އެކު އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
"ޓައިމްސް އޮފް އިންޑިއާ"ގެ ދައުވަތަކަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިންޑިއާއަށް ވަޑައިގަންނަވާއިރު އަރިހުގައި ސޯބެ އިތުރުން މާލޭގެ މޭޔަރ ޝިފާ މުހައްމަދު އަދި ފުވައްމުލަކުގެ މޭޔަރ މުހައްމަދު ފަލާހު އިތުރުން ކުޅުއްދުއްފުށީ ކައުންސިލްގެ ރައީސް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިދަތުރުގައި ކައުންސިލަރުން ބައިވެރިކުރުމުގެ މަގުސަދަކީ ރައްޔިތުން އެދާއިރާތަކަށް ހޮވާފައިވާ ކައުންސިލަރުންގެ އެހީގައި އެދާއިރާތައް ކުރިއެރުވުން ކަމަށެވެ.
މި ދަތުރުގައި އިންޑިއާގެ ވިޔަފާރިވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އިންޑިއާއަކީ ފަތުރުވެރިކަމުގެ ފުރުސަތު ބޮޑު ގައުމެއްކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ.