Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ކާރުން ޖެހުނު މީހާ އޮތީ ވެންޓިލޭޓަރުގެ އެހީގައި!

ފޮޓޯ: ސަން

ސެނެހިޔާ ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީއަކުން ޖެހި ވެއްޓި ބޯފެޅުނު އަންހެން މީހާގެ ހާލު ސީރިއަސްކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހަވީރު ހިނގި މިހާދިސާގައި އަންހެން މީހާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ސެނެހިޔާއިންނެވެ. ނަމަވެސް ފަހުން އެމީހާވަނީ އިތުރު ފަރުވާއަށް އޭޑީކޭއަށް ބަދަލުކޮށްފައެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލު މިއަދު ވިދާޅުވީ އެމީހާގެ ހާލު "ކްރިޓިކަލް" ކަމަށާއި ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށެވެ. އޭނާގެ ހާލު ރަނގަޅުންވަމުން އައިކަމަށްވެސް މީގެ ކުރިން އޭޑީކޭއިން ބުނެފައިވެއެވެ.

46 އަހަރުގެ މިއަންހެން މީހާގައި ޓެކްސީއިން ޖެހުނީ އިތުރު އަންހެނަކާއި އެކު ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރަނިކޮށެވެ. އޭނާގެ ގައިގައި ޓެކްސީން ޖެހުމާއި އެކު ވެއްޓި ބޯފަޅައިގެން ދިޔަކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

އަންހެން މީހާ ގައިގައި ޖެއްސި ކާރުގެ ޑްރައިވަރުގެ ފޮޓޯ އާއްމުކުރުމުން މިއަދު ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އޭނާގެ ޓެކްސީ ހުއްދަ ދެ އަހަރަށް ހިފަހައްޓާފައެވެ.