Last Updated: April 25, 21:20
Thursday, April 25, 2024
ސިއްހަތު

އަލަނާސި: ލޭ މައްޗަށް ދިޔުމުގެ ފުރުސަތު ކުޑަކޮށްދޭ

އަލަނާސި އަކީ ހުތް ފޮނި ރަހައެއްދޭ މޭވާއެކެވެ. މިއީ ވަރަށް ތިރިކޮށް ހެދޭ ގަހެއްގައި އަޅާ މޭވާ އެކެވެ. ރޯކޮށް ހުއްޓައި އަދި ދޮންވުމުން ވެސް މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކެއުމުގެ ވައްތަރުތަކުގައި ހިމަނައިގެން ވެސް އަލަނާސި ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ތަފާތު ސަލަޑްތައް ހެދުމަށް އަލަނާސި ބޭނުން ކުރުން އެއީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. އެންމެ ގިނައިން ދިވެހިން މި މޭވާ ބޭނުންކުރާތަން ފެންނަނީ ފަނި ގިރުމަށެވެ.

އަލަނާސީގައި ތެލާއި ސަރުބީ އެކުލެވެނީ ވަރަށް މަދުންނެވެ. އަދި ސޯޑިއަމް ނުވަތަ ލޮނު ވެސް ހުންނަނީ މަދު މިންވަރަކަށެވެ. ތެޔޮ، ސަރުބީ، އަދި ލޮނު ހަށިގަނޑުގައި ގިނަވުމަކީ ލޭމައްޗަށް ދިއުމަށް މަގުފަހިކުރާ ކަންތައްތަކެކެވެ. ލޭމައްޗަށްދަނީ ލޭހޮޅީގެ ތެރޭގައި އާދަޔާ ޚިލާފަށް ލޭދައުރުވާ ބާރުމިން މަތިވުމުންނެވެ. މިކަން ކުޑަކުރުމަށް ސޯޑިއަމް މަދުވެ، ޕޮޓޭސިއަމް ގިނަވާންޖެހެއެވެ. ކުރިން ވެސް ބުނެވުނު ފަދައިން އަލަނާސީގައި ސޯޑިއަމް އެކުލެވެނީ ވަރަށް މަދުންނެވެ. އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. 1 ޖޯޑު އަލަނާސީގައި 1 މިލިގްރާމް ސޯޑިއަމް ހުންނައިރު، 195 މިލިގްރާމް ޕޮޓޭސިއަމް ހުރެއެވެ. އެހެންކަމުން ލޭ މައްޗަށް ދިޔުމުގެ ފުރުސަތު މި މޭވާ ބޭނުންކުރާ ފަރާތްތަކަށް ކުޑަވެގެންދެއެވެ.

އަލަނާސިއަކީ ލޮލުގެ ޞިއްޙަތަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރި ވެދެއެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި 3 ފަހަރު އަލަނާސި ފަދަ އެންޓި-އޮކްސިޑެންޓް ލިބޭ ކާނާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ލޮލަށްދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" އޭ ކިޔާ ޙާލަތު މެދުވެރިވުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

އަލަނާސީގައި ހަން އޮމާންކަމާއި ވާންކަންމަތީ ބަހައްޓައިދިނުމުގައި އެހީވާ އެންޒައިމް ހުރެއެެ. އަދި މިއެންޒައިމްތައް ހުރުމަކީ ހަމުގައި ފެން އެކުލެވޭ މިންވަރު މަތިކޮށް (ހަން ހިކުނަނުދީ)، ހަމުގައި ހަލާކުވެ، މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީތެރިވާ ކަމެކެވެ. މީގެ އިތުރުން ހަމުގެ ބައެއް ބަލިތަކަށް ފަރުވާގެ ގޮތުގަޔާއި، ލޭހޮޅިތަކުގެ ތެރޭގައި އުފެދޭ ގަނޑުލޭކޮޅު ވިރުވައި ނައްތާލުމުގައި ބްރޯމެލައިންގެ ބޭނުން ހިފައެވެ.

އަލަނާސި ކެއުމުގައި ބޭނުންކުރުމުން ބަރުދަން ލުއިވަނީ އަލަނާސި ކެއުމުން ހަށިގަނޑަށް މާގިނަ ސަރުބީ އެއް ލިބުމެއްނެތި، ފުރިފައި ހުންނަ އިހްސާސެއް ގެނެސްދޭތީ އެވެ. މީގެ އިތުރުން އަލަނާސީގައި އެކުލެވޭ ތަބީޢީ ފޮނި ރަހައަކީ އެހެން ފޮނިތަކެއްޗަށް ހިތްޖެއްސުން ކުޑަކޮށްދޭ ކަމެކެވެ.

އަލަނާސި ބޭނުންކުރުމުން ލިބޭ އެހެން ފައިދާތަކަށް ބަލާއިރު:

– ބައެއް ބަލިތައް ފަސޭހަވެ، ރަގަޅުކުރުމުގައި އެހީތެރިވުން : މިސާލަކަށް، ހަޖަމުކުރުމުގައި ދިމާވާ މައްސަލަތައް، ހުޅުގެ ބަލިތައް (ރާއްޖެބަލި)، އަދި ވައިނޮޅީގެ ކަފިދުޅަވުން ފަދަ ބަލިތައް

– އަނގަޔާއި ކަރުތެރޭގައި ދަވަ އުފެދުން : އަލަނާސީގައި ހިމެނޭ ބްރޯމެލައިން އަކީ ކަރުތެރޭގައި ހަރުލާފައި ހުންނަ ތަތް އޮލަދަވަތައް، ދިޔާކޮށް ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

– ބަނޑުހިކުން ނުވަތަ ބަނޑުހަރުވުން : އަލަނާސީގައި ފައިބަރު ގިނައިން އެކުލެވޭތީ ބަނޑުހިކުން ފަަދަ މައްސަލަތަކަށް އަލަނާސި ބޭނުންކުރުމުން ލުއިކަން ލިބިދެއެވެ.

– ގޮހޮރުގެ ތެރޭގައި ހުންނަ ފަނި ބޭރަށް ނެރުމަށް ތާޒާ އަލަނާސި ޖޫސް ބޭނުންކުރެވެއެވެ.

– ކަރުފޮޅު އަދި ކަރުތެރޭގައި އުފެދޭ އެހެން ބަލިތަކަށް ފަރުވާގެ ގޮތުގައި ވެސް ތާޒާ އަލަނާސި ޖޫސް ބޭނުންކުރެވެއެވެ.

– މޭނުބައިކުރުމުން ދުރުކޮށްދިނުން: އެގޮތުން ދަތުރުމަތީގައި މޭނުބައިވެ ހޮނޑުލާގޮތް ވުމުން އަލަނާސި ޖޫހަކީ އަދި ރޯ އަލަނާސި އަކީ ބޭނުންކުރެވިދާނެ ރަގަޅު އެއްޗެކެވެ.

މީގެ އިތުރުން މާބަނޑު ދުވަސްވަރު ކުރިމަތިވާ މޭނުބައި ކުރުމާއި ހޮނޑުލުމުގެ އުދަނގުލަށް ވެސް އަލަނާސި ބޭނުންކުރުމުން ލުއިކަން ލިބެއެވެ. އަދި އަލަނާސީގައި އެކުލެވޭ ވިޓަމިންސީ ގެ ސަބަބުން ދަތްތަކުގައި ކޮބަޑިޖެހުމުން ދުރުކޮށްދީ، ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.