Last Updated: April 23, 17:09
Tuesday, April 23, 2024
ރިޕޯޓް

ހެޔޮވެރިކަމަށް މަގުފަހިކުރުމަށް ރައީސަށް ހުޅުވާލެވިފައިވާ ސިޓީއެއް!

ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހުރިއްޔާއަށް

މަނިކުފާނަށް ދިވެހިރައްޔިތުން ވަރަށްބޮޑު އިތުބާރެއް ކުރައްވާ ވެރިކަމަށް ހޮވައިދިނީ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައެވެ. ކަންކަން އިސްލާހުކޮށް ކުރިމަތިވެފައިހުރި ގިނަ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ކުރެވެމުންދިޔަ ފޮނި އުއްމީދުތަކެއްގެ ސަބަބުންނެވެ.

އުޞޫލުން ބޭރުންނާއި ޤަވާޢިދުތަކާއި ޤާނޫނީ އިމުގެ ބޭރުން އަދި ނާއިންސާފުން ކުރެވެމުންދިޔަ ވެރިކަން ބަދަލުކޮށް ހެޔޮ ވެރިކަމެއް ލިބިގަތުމަށް ދިވެހިން އެދެމުން ދިޔަ ދިއުމުގެ ނަތީޖާއަކަށްވީ ސެޕްޓެމްބަރ 23، 2018 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި މަނިކުފާނަށް ރައްޔިތުން އިތުބާރުކުރުމެވެ. ފަސްބައި ސާފު ހިތްތިރި ބޭފުޅަކަށްވުމުންނެވެ. މަނިކުފާނުގެ ވެރިކަމަށް ތިންމަސް ނިމިގެންދާއިރު، ނުކަސިޔާނުކޮށް ބައެއް ކަންތައް ސަރުކާރުތެރެއިން ހިނގަމުންދާތަން ފެންނަމުން އެބަދެއެވެ. އަދި ކުރިން ގޯސްކޮށް ކުރެވެމުންދިޔަ ކަންތައް ހަމަ ތަކުރާރުވަމުން ދާ މަންޒަރު އަދިވެސް ދަނީ ފެންނަމުންނެވެ.

ދާދިފަހުން އިވިގެންދިޔަ ޚަބަރަކަށް ބަލާލަމާތޯއެވެ. ސަރުކާރުގެ ކުންފުންޏެއްގެ އެސެޓެއްގެ ގޮތުގައި ހުރި ބޮޑު އިމާރާތަކާއި އިންވެސްޓްމަންޓެއް ކުއްލިއަކަށް މިނިސްޓްރީއެއްގެ ދަށަށް ބަދަލުކޮށްލި ވާހަކައެވެ. އާސަންދައިގެ ދަށުން ހިނގަމުންދިޔަ ހުޅުމާލޭ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެގެންދިޔައީ އޮންނަ އުޞޫލުތަކާއި އެއްގޮތަށްތޯ ސުވާލު އުފެދެއެވެ. އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކު އަދި ނެތެވެ. ކުންފުނީގެ ބޯޑު އެކުލަވާލާ ބޯޑުގެ މަސައްކަތްތައް ހިނގަމުންދާކަމެށް ނޭނގެއެވެ. ބޯޑު ބައްދަލުވުމެއް ނެތި ކުންފުންޏެއްގެ އެސެޓެއް އެގޮތަށް ފޮނުވާލާ ސިޓީއަކުން ބަދަލުކުރެވިދާނެތޯއެވެ.

އާސަންދައިގެ ދަށުން ހުޅުމާލެ ހޮސްޕިޓަލް ހިންގަން ފެށުމުން ވަރަށް ގިނަ ފާޑުކިޔުންތައް ކުރީގެ ސަރުކާރަށް އަމާޒުވިއެވެ. އެހެންނަމަވެސް، އެސަރުކާރުންވެސް ގޯސް މަގަކުން ކޮށްފައިވާކަމެއް ހަމަމަގަށް އެޅުވުމުގެ ބަދަލުގައި މަނިކުފާނުގެ ސަރުކާރުންވެސް ފުރަތަމަ ކުރެއްވި ކަމަކީ އުޞޫލުން ބޭރުން އެތަނުގެ މިލްކިއްޔާތު ބަދަލުކޮށްލުމެވެ. އެތަނުގެ ތެރޭގައި ހިންގާފައިވާ ޖަރީމާތަކާއި އެހެން ކަންތަކުގެ ވާހަކަ ފަހަށް ބަހައްޓަމާ ހިނގާށެވެ. އެތަން އޮޑިޓުނުކޮށް އެތަން ކުއްލިއަކަށް މިލްކިއްޔާތު ބަދަލުކުރުމުން ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް އެކަމުގެ ސަބަބުން އަސަރު ކުރާނެއެވެ. އަދި ކުރިން ކުންފުނީގެ ދަށުގައި އޮތްއިރު ލިބެމުންދިޔަ ބައެއް ކަހަލަ އިނާޔަތާއި ކަންތައް އެމުވައްޒަފުންނަށް އުނިވެގެންދާނެއެވެ. އަދި އެތަނަށް އަންނަމުންދިޔަ ކުރިއެރުންތަކަށް ހުއްޓުމެއް އަންނާނެއެވެ.

ހުޅުމާލެއަކީ މާލޭގެ އާބާދީ އާއި އެއްވަރުގެ އާބާދީއަކަށް އަމާޒުކޮށްފައިވާ ސަހަރަކަށްވާއިރު، އެތަނުގައި ހުރި ސަރުކާރު ހޮސްޕިޓަލުގެ ހާލަތު ރަގަޅުކުރުމަށް ސަރުކާރުން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިވާތަން ތިން މަސް ވެގެންދިޔައިރު ނުފެނެއެވެ. ފެނުނުހާވެސް ކަމަކީ އެތަނުގެ މިލްކުވެރިކަން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރުމެވެ. އެތަނުގެ ހިންގުމަށް އިސްލާހީ އެއްވެސް ބަދަލެއް އައި ތަނެއް އަދި ފެނިގެން ނުދެއެވެ. އައިޖީއެމްއެޗް ހިންގުމަށް ބޯޑެއް އެކުލަވާލައިގެން މަސައްކަތް ކުރެވޭއިރު، ހުޅުމާލެ ހޮސްޕިޓަލާއިމެދު ޢަމަލުކުރަން އުޅޭ ގޮތެއްވެސް އަދި ސާފެއް ނުވެއެވެ.

ޞިއްޙީ ދާއިރާއަކީ ކޮންމެ ސަރުކާރަކަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާއިރު، ފަހަކަށް އައިސް ފެންނަމުންދަނީ ކުރިން ފެންނަމުންދިޔަ ކަންތައް ތަކުރާރުވަމުންދާ މަންޒަރެވެ. އެގޮތުން، ފަރުވާ ދިނުމުގެ ތެރޭގައި އިހުމާލަށް ޝައްކުވާގޮތަށް މައިންނާއި ކުދިން މަރުވުމާއި، ބަލިމަޑުކަން އާންމު ވެގެންދާއިރު، ވާނުވާ ނޭނގުމުގެ ތެރޭގައި އާންމު ރައްޔިތުން ތިބެންޖެހުން ހިމެނެއެވެ.

މަނިކުފާނުގެ ސަރުކާރުން ދުންފަތާއި ދެކޮޅަށް އެޅުއްވި ހަރުދަނާ ފިޔަވަޅު ކިތަންމެހާވެސް ރަގަޅެވެ. އެކަން އެގޮތުގައި ތަންފީޒު ކުރައްވާނެކަމަށް އުއްމީދު ކުރަމެވެ. އެއާއެކު، ނުކަސިޔާނުކޮށް ހިނގާ ކަންތަކަށް ސަމާލުކަން ނުދެވިއްޖެނަމަ، ވަގުތު ފާއިތުވެ، ރައްޔިތުންގެ އިތުބާރާއި އުއްމީދު އަނެއްކާވެސް ގެއްލިގެން ހިނގައިދާނެއެވެ.

ވެދުން ސަލާމް!