ޖަމާއަތުގެ ފައިދާއަށް ރަށް ރަށުގައި ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅުމުގެ ފުރުޞަތު ހޯމް މިނިސްޓްރީން ހުޅުވާލައްވައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ ރަށު ކައުންސިލް އިދާރާތަކުގެ ޙިއްޞާ އޮންނަ ގޮތަށް ހިންގާ ތަރައްޤީޤެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލް ތަކުން ހުށަހަޅާ ކޮންމެވެސް އެއްް މަޝްރޫއެއް ބެލުމަށް ފަހު 300،000 ރުފިޔާ އާއި ހަމައަށް އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހީ ދިނުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ގަބުރުސްތާން ވަށައިފާރު ރޭނުން، މަގުބައްތި ޖެހުން، ނެރުބައްތި ޖެހުން، ހިނަވާގެ ބިނާކޮށްދިނުން އަދި ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ ކަންކަން ހިމެނެއެވެ.
ހޯމް މިނިސްޓްރީން ބުނީ މަޝްރޫޢުތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު މިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލައްވާފައެވެ. އަދި ހުށައަޅުއްވާ ޕްރޕޯޯޒަލްތަކަށް މާކްސް ދިނުމުގައި ބޮޑަށް ބަލާނީ މަޝްރޫޢުގެ ބޭނުމާއި، މަޤްޞަދު އަދި މަޝްރޫޢުން ހާޞިލް ކުރެވޭނެ ނަތީޖާއަަށް ކަމަށެވެ.
މިނސްޓްރީގެ އެހީގައި ހިންގާ މަޝްރޫޢު ނިމުމަށްފަހު ބަލަހައްޓާނެ ގޮތާއި، ރަށު ކައުންސިލް އިދާރާގެ ޙިއްޞާ އޮންނާނެ މިންވަރާއި، ރައްޔިތުންނަށާއި، ރަށުގެ ތަރައްޤީއަށް މަޝްރޫޢުގެ ބޭނުންތެރިކަން ހުރި މިންވަރަށްވެސް މާރކްސް ދިނުމުގައި ބަލާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.