Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ފެލްކަން ހަނިގޮތަކަށް މޮޅުވިއިރު ރޭގެ ދެމެޗު ވީ އެއްވަރު

މައިލޯ ސްޓްރީޓް ސޮކާ 2019 ގައި ރޭ ކުޅުނު އެފްސީ ފެލްކަން، ޖޯލިއަންސްގެ މައްޗަށް ކުރި ހޯދާފައިވާއިރު ރޭގައި ދެން ކުޅުނު ދެ މެޗުވެސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ޑީސީ ސްޕޯޓްސް އަދި އެފްސީ ރޮޗެސްޓާގެ ފޯރިގަދަ ކުރިމަތިލުމެއް ރޭގައި ފެނިގެން ދެޓީމަށް ވެސް ރޭގައި ކުރެވުނުހާވެސް ކަމަކީ ހަމަލާ ބަދަލުކުރުމެވެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މެޗު ނިމިގެން ގޮސްފައިވާއިރު މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޮޗެސްޓާގެ ޖާޒީ ނަމްބަރު 9، އިސްމާއިލް ވާފިރެވެ.

ދެވަނަ މެޗުގައި އެފްސީ ޒެފިއާ އަދި ޔަންގް ވަންސް ބައްދަލުކުރި މެޗުވެސް ނިމިގެން ގޮސްފައިވަނީ ދެޓީމަށް ވެސް ގޯލެއް ދައްކާ ނުލެވިއެވެ. މުބާރާތުގައި އެއްވަރެއްގެ ވާދަވެރި ކުޅުމެއް ދައްކަމުން އަންނަ މި ދެޓީމުން ވަނީ އެއްކޮޅު އަނެއްކޮޅަށް ހަމަލާ ބަދަލުކުރުން މަތީގައި ދެހާފުވެސް ކުޅެފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒެފިއާގެ އުއްމީދީ ޒުވާން ކުޅުންތެރިޔާ އައިމަން ނަސީރުއެވެ.

ރޭގެ ފަހު މެޗުގައި އެފްސީ ފެލްކަން އަދި ޖޯލިއަންސް ބައްދަލުކޮށްފައިވާއިރު މިމެޗުގެ ތަފާތަކަށް ވެގެން ދިޔައީ ފުރަތަމަ ހާފުގައި ފެލްކަން ގެ ޖާޒީ ނަމްބަރު 11، އަލީ ނާފިއު ކާމިޔާބު ކުރި ގޯލެވެ. އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިގެން ދިޔައީ އޭނައެވެ.