ތައިލެންޑުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެ ގުނަ އަށް އިތުރު ކުރުމަށް ޤަޞްދު ކުރައްވާ ކަމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެ އާއި ތައިލެންޑާ ދެ ޤައުމުގެ ދެމެދުގައި އިއްޔެ ހަވީރު މުލީއާގޭގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް ފަހު، ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢްލޫމާތު ދެއްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ތައިލެންޑްގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ، މި އަމާޒަށް ވާސިލްވުމަށް އެޅުނު އިތުރު ބާރެއް ކަމުގައި ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ އާއި ތައިލެންޑާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމުގެ މައްޗަށް ބައްލަވައި ލައްވަމުން، ރާއްޖޭގެ ގާތްގަނޑަކަށް 30 ޕަސެންޓް އެކްސްޕޯޓް ކުރަނީ ތައިލެންޑަށް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި މި އަދަދު އިތުރު ކުރުމަށް ރާއްޖެއިން ބޭނުންވާ ކަމުގައި ވެސް ރައީސް ހާމަ ކުރެއްވި އެވެ.
ދެ ޤައުމުގެ ގުޅުމުގެ މައިބަދައަކީ ވިޔަފާރި ކަމަށާއި، މިއަދު ކުރެވުނު ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސާއި ތައިލެންޑްގެ ބޮޑުވަޒީރު އިތުރަށް މަޝްވަރާ ކުރެއްވި ކަންކަމުގެ މައްޗަށް އަލި އަޅުއްވައިލައްވައި، ތައިލެންޑަކީ، އެ ޤައުމު ހިމެނޭ ސަރަޙައްދީ ޖަމްޢިއްޔާ ކަމުގައިވާ އާސިއާން ކުރިއެރުވުމަށް ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ ޤައުމެއް ކަމަށްވާ އިރު، އަދި ރާއްޖެއަކީ ސާކްގެ މިހާރުގެ ޗެއަ ކަމުގައިވާތީ، މި ދެ ސަރަޙައްދީ ޖަމްޢިއްޔާގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅަށް ފަހު، ތައިލެންޑްގެ ބޮޑުވަޒީރު އިންލަކް ޝިނަވަޓްރާ، ވާހަކަފުޅު ދެއްކެވި އެވެ. އެ ކަމަނާގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެ މެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވި އެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރު ދާއިރާތަކުން ފުޅާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ހާމަކުރެއްވި އެވެ.