މިދިޔަ އަަހަރު އޮވޭރިއަން ކެންސަރު ޖެހިގެން އެމެރިކާގައި ހޯދި ފަރުވާ އަށް ފަހު އެ ބަލިން މުޅިން ސަލާމަތްވެފައިވާ ބޮލީވުޑްގެ ބަތަލާ މަނީޝާ ކޮއިރަަލާ އޭނާގެ ކެންސަރުގެ ތަޖުރިބާ އާ ބެހޭ ފޮތެެއް ލިއުމެއް ނިންމައިފި އެެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެންސަރުގެ ޝިކާރަ އިން މަނީޝާ އެއްކޮށް ސަލާމަތްވެފައިވާ އިރު، އެމެރިކާގެ ނިއުޔޯކްގައި މިހާރު ހަދަމުން އެންމެ ފަހު ޓެސްޓްތަކަށް ފަހު، މި މަހުގެ ފަހު ހަފުތާ ނުވަތަ ޖުލައި މަހުގެ ކުރީކޮޅު މަނީޝާ އެނބުރި އިންޑިއާ އަށް އަންނާނެ އެވެ. އެކަން މަނީޝާގެ ގާތް މީހަކު ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ބުނީ މަޝީނާ މުމްބާއީ އަށް މި މަހުގެ ފަހު ހަފުތާގެ ތެރޭ ނުވަތަ ޖުލައި މަހުގެ ފުރަތަމަ ހަފުތާ ތެރޭ އައުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މުމްބާއީ އަށް އައުމަށް ފަހު މަނީޝާ ފިލްމީ މަސައްކަތާ ގުޅޭނީ ނޮވެމްބަރު ނުވަތަ ޑިސެމްބަރު ހިސާބުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"މަނީޝާ އަދި ރެސްޓް ބޭނުންވޭ. އެހެންވެ އިންޑިއާ އަށް ދިއުމަށް ފަހު އާންމުންގެ ތެރެއަށް ނިކުމެ އުޅެ، ފިލްމީ މަސައްކަތެއް ނުކުރާނެ. އަދި ފިލްމީ މަސަައްކަތަށް މަނީޝާ ނިކުންނާނީ އަހަރުގެ ފަހުކޮޅު،" ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ނޭޕާލަށް އުފަން ބަތަލާ އާ ބެހޭ ގޮތުން އޭނާގެ ގާތް މީހާ ބުންޏެވެ. "އެކަމަކު ގޭގައި ހޭދަ ކުރާ ދުވަސްތަކުގައި މަނީޝާ ކެންސަރާ ބެހޭ ގޮތުންނާއި އެ ބަލީގައި އޭނާ ކުރަން ޖެހުނު ތަޖުރިބާތައް ލިޔާނެ."
ބޮލީވުޑްގެ ފުންނާނު އުސް ގިނަ ޑައިރެކްޓަރުންނާއި އެކްޓަރުންނާ އެކު ފިލްމް ކުޅެ، ގިނަ އެވޯޑްތަކެއް ވެސް ހާސިލްކޮށްފައިވާ މަނީޝާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ ރާމް ގޯޕާލް ވަރްމާގެ "ބޫތު ރިޓާންސް" އިންނެވެ.
އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "ދިލް ސޭ"، "1942: އަ ލަވް ސްޓޯރީ"، "ގުޕްތު"، "ހާމޯޝީ"، "ބޮމްބޭ" ފަދަ ފިލްމްތައް ހިމެނެ އެވެ.