Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އެކައުންޓުގައި އެއްމިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުންނާނެ: ޔާމީން

ކުރީގެ ރައީސް ޔާމީން، ފޮޓޯ: މިހާރު

އެސްއޯއެފްއިން 1 މިލިއަން ޑޮލަރު ޖަމާކުރިއިރުވެސް އޭގެ އިތުރަށް އެކައުންޓުގައި މާގިނަ ފައިސާ ހުންނާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އެމަނިކުފާން ވިދާޅުވީ އެސްއޯއެފްއިން އެމަނިކުފާންގެ އެކައުންޓަށް ފައިސާ ޖަމާކުރިކަމެއް ނޭގޭކަމަށެވެ.

ޔާމީން ވިދާޅުވީ އެފައިސާ އެކައުންޓަށް ވަތްކަން އެނގުމުން އެފައިސާ އެކްސްކްރޫ އެކައުންޓެއްގައި ބަހައްޓާފައިވާ ކަމަށެވެ. އަދި އެފައިސާ އަކީ އެމްއެެމްއެމްޕީއާރުސީގެ ފައިސާކަން އެއްވެސް ފަރާތަކުން ނުނިންމާކަމަށެވެ.

މަނީ ލޯންޑްރިންގެ މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ބުނެ ޔާމީން ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއެެއް ގެންދިއުމަށް ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ޔާމީން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވީ އެސްއޯއެފްއިން އެމަނިކުފާންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރިއިރު އެއަށްވުރެ ގިނަ ފައިސާ އެކައުންޓުގައި ހުންނާނެ ކަމަށާއި އެހެންވެ އެ ފައިސާ ނުދެވިގެން އުޅޭކަށް ނުޖެހޭކަމަށެވެ.

ޔާމީން މިގޮތަށް ވިދާޅުވިއިރު އެމަނިކުފާނަކީ އެއްވެސް ވިޔަފާރިއެއް ކުރައްވާ ބޭފުޅެއްކަން އެނގިފައިނުވެއެވެ. އެމަނިކުފާން ރައީސްކަމަށް ވަޑައިގެން މުސާރަ ނެންގެވީ މުސާރައިގެ ދެބައިކުޅަ އެއްބައެވެ. އަދި ދަރިންގެ ބޯހިޔާވަހިކަމަށް ކުލި ދައްކައި ދިނުމަށް މުޅި މުސާރަ ނެންގެވިއަސް 1 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެކައުންޓުގައި ހުންނަވާނެ ގޮތެއް ވިދާޅުވެފައިނުވެއެވެ.