Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ދެގަޑިއިރު ކޯޓުގައި ހޭދަކުރައްވަން ޖެހުމުން ޔާމީން ކޯފާވެއްޖެ!

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގައި ގިނައިރުތަކެއް ވަންދެން ހުންނަވަން ޖެހިވަޑައިގަތުމުން އެމަނިކުފާނު ކޯފާ އިސްކުރައްވައިފިއެވެ.

ޔާމީން ދެ ގަޑިއިރުވަންދެން ކޯޓުގައި ބެހެއްޓުމަށް ފަހު ޝަރީއަތުގެ މަޖިލީހަށް ވަނުމަށް އިޒުނަ ދެވުމުން އެމަނިކުފާނުގެ ދެވަކީލުން ގާތު އެހާ ގިނައިރު ވަންދެން ކަމެއް ނުކޮށް ހުންނަން ޖެހުނީ ކީއްވެތޯ ސުވާލުކުރައްވައި ލިބިފައިވާ ނުތަނަވަސްކަން ފާޅުކުރެއްވިއެވެ.

ނަމަވެސް ވެރިކަމުގައި ހުންނެވިއިރު ކުއްލި ހާލަތު އިއުލާން ކުރެއްވުމަށް ފަހު އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ހައްޔަރުކުރުމަށް ފަހު އެމަނިކުފާނު ވަނީ އަޑުއެހުމަކަށް ކޯޓަށް ގެނައުމަށް ފަހު 8 ގަޑިއިރު ކޯޓުގައި އެއްވެސް ކަމެއް ނެތި ބަހައްޓާފައެވެ. އުމުރުފުޅުން ދުވަސްވެ މައުމޫން އޭރުވެސް ގިނިކަންޏާ ދުވަސްތައް ހޭދަކުރަން ޖެހުމުން ސިއްހީ ހާލު ދަށްވެފައިވާ ހާލުވެސް ކޯޓުގައި 8 ގަޑިއިރު ހޭދަކުރަން ޖެހިވަޑައިގަތީ ސީދާ ރައީސް ޔާމީން އެމަނިކުފާނަށް ދެއްވި އަނިޔާއެއްގެ ގޮތުގައި މައުމޫންގެ އާއިލާއިން އޭރު ވަނީ ތުހުމަތު ކޮށްފައެވެ.

މިއަދު މެންދުރު 1:30 އަށް ޔާމީން ކޯޓަށް ހާޒިރުކުރި ނަމަވެސް ޝަރީއަތުގެ އަޑުއެހުން ފެށުނީ ތިނެއް ޖަހާކަށް ހާއިރެވެ. ވަކީލުންގެ އަރިހު ޔާމީން އެކަމާ ގުޅޭގޮތުން ޝަކުވާ ކުރި ނަމަވެސް ޝަރީއަތް ފެށުމުން ގާޒީ އަރިހުގައި އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ޔާމީން ދައްކަވާފައެއް ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތާއި ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އެމަނިކުފާނުގެ ޝަރީއަތުގައި ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައެވެ.

މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީންގެ ދިފާއީ ވަކީލުންނާއި ޔާމީން ދެއްކެވި ދިފާއީ ވާހަކަތަކަށް ރިއާޔަތް ނުކޮށް ދައުލަތުން އެދުނު ގޮތަށް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. ރައީސް ޔާމީން ވަނީ ބުރަކަށީގައި ރިއްސާ ކަމަށާއި އެކަމަށް ބޭސް ކުރާކަން ވެސް ކޯޓުގައި ފާހަގަކުރައްވާފައެވެ.