Last Updated: April 16, 09:23
Tuesday, April 16, 2024
ޚަބަރު

ރައީސް، ރަކީދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ވ. ރަކީދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސް އާއި ޙިއްޞާ ކުރެއްވިއެވެ. އެގޮތުން، ރަށުގެ ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލް މެންބަރުން ވަނީ ޙިއްޞާކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި، މި ސަރުކާރުން ކުދި އާބާދީތަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުންނާއި، އެއްފަސްކުރުމާ ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.