Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

"މިއީ އިބުރަތްތެރި ދުވަހެއް، އާރާއި ބާރަކީ ވަގުތީ އެއްޗެއް"

ޝެއިޚް އަލީ ޒައިދު - ފޮޓޯ: ދި އިސްލާމް

މިއަދަކީ އިބުރަތްތެރި ދުވަހެއް ކަމަށާއި، އާރާއި ބާރަކީ ވަގުތީ އެއްޗެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވަނީ މިއަދަކީ އިބުރަތުން ފުރިގެންވާ ދުވަހެއް ކަމަށާއި، ހީނުވިޔަސް އާރާއި ބާރަކީ ވަގުތީ އެއްޗެއް ކަމަށާއި، އެ ފިލައިދާކަން ގިނަ ދުވަހެއް ނުނަގާނެކަން ހާމަވެއްޖެ ކަމަށެވެ.

"ބިމުގައި ބޮޑާވެގަނެ، ކިބުރުވެރިވާ ކޮންމެ މީހަކަށްވެސް އޭގެ ހިތިކަން ދުނިޔެ މަތީގައި ފެންނާނެކަން! މިހެން ގޮސް އެތައް ކަމެއް! ފިލާވަޅު ލިބިގަތުން ހުރި!"، އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވެއެވެ.

ޝެއިޚް ޒައިދުގެ ޓްވީޓް ސީދާ ވަކި ފަރާތަކަށް ނިސްބަތްކޮށްފައި ނުވިނަމަވެސް، ލަފާކުރެވޭ ގޮތުގައި އެ ޓްވީޓް އަމާޒުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށެވެ.

ޝެއިޚް ޒައިދު މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލަ ނިމެންދެން އެމަނިކުފާން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާއި ގުޅިގެން މާފުށީ ޖަލަށް އެމަނިކުފާނު ވަނީ ގެންގޮސްފަ އެވެ.

އެގޮތުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ.