Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނަޝީދާއި ގާސިމް ޕޯޑިއަމްގައި ވަށްބަހުން ޖަހަނީ ލޯބިވާތީ: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕޯޑިއަމްގައި ވަށްބަހުން ޖަހަނީ ލޯބިވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް ގާސިމް އާއި ނަޝީދުގެ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންދާއިރު މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވާދަކުރުމަށް ނިންމާފައިވަނީ ވަކި ވަކިންނެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންނަކީ ވަރަށް ޖޯޝީ ބޭފުޅުން ކަމަށާއި އެގޮތުން ގާސިމް އާއި ނަޝީދު ވެސް ދޭތެރެ ދޭތެރެއިން ޕޯޑިއަމްގައި ވަށްބަހުން ބަސްތައް ރައްދުކުރާ ކަމަށެވެ. އަދި އެފަދަ ބަސްތައް ރައްދުކުރަނީ ދެ ބޭފުޅުން ދެ ބޭފުޅުންނަށް ލޯބިވާތީ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"ދޭތެރެއަކުން ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރާއި ރައީސް ނަޝީދާއި ވެސް ހަމަ ޕޯޑިއަމްގައި ވެސް ވަށްބަހުން އަޅާލާނެ. އެއީ ވަރަށް ލޯބިވާތީ ކަމަށް އަޅުގަނޑު ދެކެނީ، ދެ ބޭފުޅުން ދެ ބޭފުޅުންނާ ދޭތެރޭ. ލައްކަ ދުވަހު ސިޔާސީ މަސައްކަތުގައި އުޅުއްވައިފި. އެހެންވީމަ އަޅުގަނޑު މާ ސީރިއަސްކޮށް ނުނަގަން އެދާ ހިޔާލު ތަފާތުވުންތައް" އަލީ ވަހީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަލިއަޅުއްވާލައްވަމުން އަލީ ވަހީދު ވިދާޅުވީ އެ މަޖިލީހަށް ހޮވާނެ ބަޔަކު ނިންމާނީ ރައްޔިތުން ކަމަށާއި އެއީ ލީޑަރުންގެ މަޖިލީހެއް ނޫން ކަމަށެވެ. އަދި ރައްޔިތުން ވިސްނުންތެރި ކަމާއެކު ކޮންމެ ދާއިރާއަކުން ވެސް ގާބިލު ކެންޑިޑޭޓުން ހޮވުމުން ރަނގަޅުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މިއަދު ރައީސް ކަމުގައި ހުންނެވީ އެންމެން ގޮވައިން ވެރިކަން ކުރަން ދަންނަ ވެރިއެއް ކަމަށާއި، އެމަނިކުފާނަށް މަޖިލީހުގެ އަޣުލަބިއްޔަތު ދެއްވުމަށް ވެސް އަލީ ވަހީދު ވަނީ ގޮވާލައްވާފައެވެ.