Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

ދެ ސަރުކާރުގައި ލިންކު ރޯޑު، ތަފާތަކީ ކޮބާ؟

އައްޑޫ ލިންކު ރޯޑަކީ ދުވާލަކު އެތައް ހާސް ބަޔަކު ބޭނުންކުރާ މަަގެކެވެ. މަގު މަރާމާތުކޮށް މަގު ނުބެލެހެއްޓޭ ނަމަ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާ ހިނގުން ކައިރި ތަނެކެވެ.

ފަހަކަށް އައިސް އައްޑޫ ލިންކު ރޯޑުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދިފައިވާ އިރު އެކި ބޭނުންތަކަށް ތާރުގަނޑު ކަނޑާފައި ހުންނަ ތަން މަރާމާތު ނުކުރެވި ހުންނަތަން ފެނެއެވެ. މި ކަމުގެ ސަަބަބުން މަގު ބޭނުން ކުރާ ފަރާތްތަކުން އެތައް ޝަކުވާއެއް ދަނީ ކުރަމުންނެވެ.

ނިމިގެން ދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި މަގު ނެހެދުމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރުމުން އައްޑޫ ސިޓީ ކައުންސިލް ދޭ ޖަވާބަކީ މަގު ބަލަހައްޓަނީ ހައުސިން މިނިސްޓްރީން ކަމަށާއި އެކަން ހައްލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެކަމަކީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. ކައުންސިލުގެ އޭރުގެ ޝަކުވާއަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލަށް ބާރު ދިނުމުން އެމައްސަލަ ހައްލު ކުރާނެކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫ ލިންކު ރޯޑުގެ ހާލަތު

ރައްޔިތުންގެ ޝަކުވާ ބޮޑުވެ، އެކަން ސޯޝަލް މީޑިއާ އާއި ނޫސްތަކުން ގެނެސްދޭން ފެށުމުން އޭރުގެ ހައުސިން މިނިސްޓްރީން ދޭތެރެ ދޭތެރެއިން މަގުތަކުގައި ހެދިފައި ހުންނަ ވަޅުގަނޑުތަކަށް ސިމެންތި އަޅައި މަރާމާތު ކުރެއެވެ. އޭރު އެ މަސައްކަތް ކުރަނީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ކަމަކަށް ކަމެއް ކުރުމަށެވެ. ޕްލޭނެއް އުސޫލެއް ނެތި ބަޔަކު އެއްޗެކޭ ބުނީމާ ހިތަށް އެރި އެއްޗެއް ހަދަނީއެވެ.

2018 ނޮވެމްބަރ 17 ވަނަ ދުވަހު ރައީސް ޔާމީންގެ ވެރިކަންނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަވެސް ބައްދަލުކުރެއްވީ އައްޑޫ ސިޓީ ކައުންސިލާއިއެވެ. ކައުންސިލުން ބޭނުންވާ ކަންކަން ކޮށްދެއްވައި، ލާމަރުކަޒީ ގާނޫނުން އެވަގުތު ދެެވެން ހުރި ހުރިހާ ބާރެއް ކައުންސިލަށް ދޫކޮށްލެއްވިއެވެ. އެ ބާރުތަކުގެ ތެރޭގައި ހައުސިން މިނިސްޓްރީއަށް ނަގާފައިވާ ކައުންސިލްގެ ބާރު ހިމެނެއެވެ.

އައްޑޫ ލިންކު ރޯޑުގެ މިއަދުގެ ހާލަތު

އައްޑޫ ސިޓީ ކައުންސިލަށް ބާރުލިބި މަގުތަކާއި، އާއްމު މައިޒާންތައް ސާފު ކުރާ މަންޒަރު އެބަފެނެއެވެ. ނަމަވެސް ކައުންސިލްގެ މަސައްކަތްވެސް މި ފެންނަނީ ރައީސް ޔާމީންގެ ވެރިކަމުގައި މަގު މަރާމާތު ކުރި އުސޫލުން ކުރާތަނެވެ. އޭރު ވަޅުގަނޑުތަކަށް އަޅަނީ ސިމެންތިއެވެ. މިހާރު ކޮންމެވެސް ގޮތަކަށް އަންދައިގެން އަޅަނީ ތާރައެވެ. ނަމަވެސް މަސައްކަތުގައި އެއްވެސް ތަރުތީބެއް ނެތެވެ.

ރައީސް ޔާމީންގެ ވެރިކަމުގައިވެސް ލިންކު ރޯޑުގެ އެކި ތަންތަނުގައި ވަޅުގަނޑުތައް ފާހަގަ ކުރުމަށް ދިދަ އާއި ކޯން ޖަހާފައި ހުންނަ މަންޒަރު ފެނެއެވެ. މިހާރުވެސް ފެންނަނީ ހަމަ އެމަންޒަރެވެ. ތަފާތަކީ ވެރިކަމުގައި ހުންނެވި ބޭފުޅާ ތަފާތުވުމެވެ. ރައްޔިތުންނަށް އިތުރު ކުރިއެރުމެއް ނުފެނެއެވެ.

ކައުންސިލަށް ނުލިބިގެން އުޅުނު ބާރު ލިބިގެން ކުރެވުނު މޮޅެއް ހޯދުނު ކުރިއެރުމެއް އަދި ނުދެއްކެވެ. ފަހަރުގައި މި ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް ވެދާނެއެވެ. ނަމަވެސް ބަރާބަރަށް ޓެކްސް ދައްކާ ރައްޔިތުންނަށް މިމަންޒަރު ބަލަން އެހާ ފަސޭހައެއް ނޫނެވެ.