Last Updated: May 18, 12:02
Saturday, May 18, 2024
ކުޅިވަރު

ލޯރިއަސް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް ވެންގާ އަށް

ލޯރިއަސް ލައިފްޓައިމް އެޗީވްމަންޓް ހާސިލްކުރި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ. --ފޮޓޯ: ގެޓީ އިމޭޖަސް

ދުނިޔޭގެ ކުޅިވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ލޯރިއަސް ވޯލްޑް ސްޕޯޓްސް އެވޯޑްގައި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހޯދައިފިއެވެ.

ފްރާންސްގެ މޮނާކޯގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި ވެންގާ އަށް މި އެވޯޑް ހަވާލުކޮށްދީފައިވަނީ އޭނާގެ އިރުޝާދުގެ ދަށުން އާސެނަލަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ސެސް ފަބްރެގާސް އަދި ޔުވެންޓަސްގެ ކުރީގެ ފޯވާޑް އަލެސެންޑްރޯ ޑެލްޕިއޭރޯ އެވެ.

ވެންގާ ވަނީ އާސެނަލް އާއެކު ހޭދަކުރީ 22 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން އެ ކްލަބާއެކު ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށް އެފްއޭކަޕް މުބާރާތުގެ ތަށި ހަތް ފަހަރު ހޯދައިފައެވެ. މީގެއިތުރުން، އޭނާ ވަނީ 2003/2004 ވަނަ އަހަރުގެ ސީޒަނުގައި ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ތަށި އުފުލާލައިފައެވެ.

ވެންގާ މި އެވޯޑް ހާސިލްކުރުމުން އޭނާ އަށް އިހުތިރާމްކުރުމުގެ ގޮތުން ފުޓްބޯޅައިގެ މަޝްހޫރު ޝަހުސިއްޔަތުން ކަމަށްވާ ލުއިސް ފީގޯ އާއި ފަބިއޯ ކަޕެއްލޯ އަދި ޑިޑިއޭ ޑެޝޯމްޕްސްގެ އިތުރުން ކާފޫ އާއި އަލެކްސް ސްކޮޓް ވަނީ ގާޑް އޮފް އޮނާއެއް ދީފައެވެ.

މި ހަފްލާގައި ހޮވި ލޯރިއަސް ވޯލްޑް ސްޕޯޓްސްމަން އޮފް ދަ އިޔާ އެވޯޑް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދީ ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ކެންޔާގެ ލޯންގް ޑިސްޓެންސް ދުވުންތެރިޔާ އެލިއުޑް ކިޕްޗޯގޭ އަދި އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޯން ޖޭމްސް ފަހަތަށް ޖައްސާލުމަށްފަހުގައެވެ. ކެންޔާގެ ދުވުންތެރިޔާ އެލިއުޑް ވަނީ ލޯރިއަސް އެކަޑެމީ އެކްސެޕްޝަނަލް އެޗީވްމަންޓް ހާސިލްކޮށްފައެވެ.

ލޯރިއަސް ވޯލްޑް ޓީމް އޮފް ދަ އިޔާ އެވޯޑް ހާސިލްކުރި ފްރާންސްގެ ގައުމީ ޓީމު. –ފޮޓޯ: ލޯރިއަސް

ލޯރިއަސް ވޯލްޑް ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް ހާސިލްކުރީ އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ގިނަ މެޑަލްތަކެއް ހޯދި އެމެރިކާގެ ޖިމްނާސްޓިކް ތަރި ސިމޯނީ ބައިލްސް އެވެ.

ވޯލްޑް ޓީމް އޮފް ދަ އިޔާ އެވޯޑް ހާސިލްކުރީ އެންމެ ފަހުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސްގެ ގައުމީ ޓީމެވެ. މިއީ މި މަގާމު ގައުމީ ޓީމަކުން ހޯދީ ދެވަނަ ފަހަރަށްވާއިރު އެ ޓީމާ އެންމެ ކައިރިން މި އެވޯޑަށް ވާދަކުރީ ގޯލްޑަން ސްޓޭޓް ވޯރިއާސް އާއި ރެއާލް މެޑްރިޑްގެ އިތުރުން ފޯމިއުލާ ވަންގެ މާސެޑީޒް ޓީމެވެ.

މި ހަފްލާގައި ދިން އިތުރު އެވޯޑްތަކުގެ ތެރޭގައި، ލޯރިއަސް ވޯލްޑް ބްރޭކްތުރޫ އޮފް ދަ އިޔާ ޖަޕާނުގެ އަންހެން ޓެނިސް ކުޅުންތެރިޔާ ނައޮމީ އޮސާކާ ހޯދިއިރު ލޯރިއަސް ވޯލްޑް ކަމްބެކް އޮފް ދަ އިޔާ ހޯދީ ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް އެވެ.

ލޯރިއަސް އެވޯޑް ހާސިލްކުރި އެހެން ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ސްކީ ރޭސާ ލިންޑްސޭ ވޮން އާއި އެ ގައުމުގެ އުމުރުން 17 އަހަރުގެ ސްނޯބޯޑާ ކްލޯއީ ކިމް އާއި ޕެރަލިމްޕިކް ޗެމްޕިއަން ހެންރިއެޓާ ފަރްކަޝޯވާ އަދި އޭނާގެ ގައިޑް ނަތާލިއާ ސުބްރްޓޯވާގެ އިތުރުން ޗައިނާގެ ޒިއާ ބޯޔޫ އަދި އިންޑިޔާގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ޔޫވާ ހިމެނެއެވެ.