Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދައި ފައިސާ ފޭރުމުގެ މައްސަލަ ބޮޑު، ހައްލެއް ނެތް!

"އައްސަލާމް އަލައިކުމް، މިއީ ބޭންކު އޮފް މޯލްޑިވްސް ކާޑް ސެންޓަރ މިގުޅާލީ ތިބޭފުޅާގެ ކާޑް އެހެން ކަސްޓަމަރެއްގެ ކާޑަކާއި ލިންކުވެގެން. މި ދަންނަވާ ނަންބަރާއި ތިބޭފުޅާގެ ކާޑު ނަންބަރާއި ދިމާވޭތޯ ބަލާލަން" މިއީ ފަހަކަށް އައިސް އެތައް ބަޔަކަށް އަންނަ ފޯނު ކޯލު ފެށިގެން އަންނަ ގޮތެވެ.

އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން މީސް މީހުންނަށް ކޮންމެ ދުވަހަކު މިފަދަ އެތައް ފޯނު ކޯލެއް އާދެއެެވެ. މި ކޯލްތަކުގެ މަޅީގައި ޖެހި އެތައް ބައެއްގެ އެތައް ހާސް ރުފިޔާއެއް ކޮންމެ ދުވަހަކު ފޭރިގަނެވެ.

ރާއްޖޭގައި އެކި ގޮތްގޮތަށް ފޯނުކޮށްގެން ފޭރޭ މައްސަލަ ފުލުހުންނާއި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅެއެވެ. އެންމެ ފުރަތަމަ މިކަން ފެށިގެން އައީ ދިރާގާއި، އުރީދޫ އަދި ކޮކާކޯލާ އާއި ޝީޝާގެ އެކި ޕްރޮމޯޝަންގެ ނަމުގައެވެ. މިފަދަ ޕްރޮމޯޝަންގެ ނަމުގައި މީހުންނަށް ގުޅައި އެތައް ހާސް ރުފިޔާގެ ރީލޯޑް ހޯދާފައިވެއެވެ. ނަމަވެސް މިކަންކަން ބެލި މިކަން ހުއްޓުވިފައި ނުވެއެވެ.

ފޯނުކޮށްގެން ފޭރޭ މީހުން މިހާރު މިސްރާބު ޖަހާފައިވަނީ މީސް މީހުންގެ ބޭންކު ކާޑު ތަފްސީލު ހޯދުމަށެވެ. ބޭންކުގެ ނަމުގައި ގުޅައި ކާޑްގެ މައުލޫމާތު ހޯދައި، އެ މައުލޫމާތުގެ އެހީގައި އެމީހެއްގެ އެކައުންޓު ހުސްކޮށްލައެވެ.

މީސް މީހުންގެ ކާޑު މައުލޫމާތު ހޯދުމަށް ބޭންކުގެ ނަމުގައި ގިނަ ފަހަރު ގުޅަނީ ރާއްޖޭގެ މުވާސަލާތީ ހިދްމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ފޯނު ނަންބަރަކުންނެވެ. ގިނަ ފަހަރަށް މިފަދަ މަޅިތަކުގައި ޖެހިފައި ހުންނަނީ ކޮންމެވެސް އުމުރުން ދުވަސްވީ މީހެއް ނުވަތަ ކޮންމެވެސް އެކަނިވެރި މީހެކެވެ. އެހެންވެ މިކަން ހިންގާ ފަރާތްތަަކަކީ މިފަދަ މީސް މީހުން ވަރަށް ރަނގަޅަށް ދަނެ އެބަޔަކަށް އަމާޒުކޮށް ކުރެވޭ ކަމެއް ކަމަށް ގަބޫލް ކުރުމުގެ ފުރުސަތު ބޮޑެވެ.

ބޭންކު ކާޑް ސެންޓަރުގެ ނަމުގައި ގުޅައި ކާޑްގެ މައުލޫމާތު ހޯދައިގެން މީހުންގެ އެކައުންޓު "ދޮވެލުމަށް" ނަގަނީ ފަޅި ސިކުންތު ކޮޅެކެވެ. މި ޖަރީމާއަށް އެއްްވެސް ހައްލެއް ނުލިބި އެތައް ބަޔަކު ބިކަވެގެންދާ މަންޒަރު ދައުލަތެއްގެ ގޮތުގައި ބަލައިގެން ތިބުމަކީ ލަދުވެތި ކަމެކެވެ.

ބޭންކުގެ ނަމުގައި ފޭރޭ މައްސަލާގައި މީހުން ހޭލުންތެރިކުރުމަށް ބޭންކުން ތަފާތު މަސައްކަތް ކުރެއެވެ. ޓީވީ އަދި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދެއެވެ. ބޭންކުން ކަސްޓަމަރެއްގެ މައުލޫމާތު ހޯދުމަށް ނުގުޅާނެކަން އެތައް ފަހަރަކު ހަނދާން ކޮށްދީފިއެވެ. ނަމަވެސް މިކަމަށް ހައްލެއް ނުލިބެއެވެ.

ރާއްޖޭގައި ސައިބަ ކްރައިމް ބޮޑުވެފައިވާ އިރު މިކަމަށް ހައްލެއް ހޯދެން އެބަޖެހެއެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ ވުޒާރާއެއް ވަނީ ގާއިމް ކުރެވިފައެވެ. މުވާސަލާތީ ހިދްމަތް ފޯރުކޮށްދޭ ކުންފުނިތަކަށް މިފަދަ ފޭކް ކޯލު ކުރާ ފަރާތްތައް ހޯދައި ދިނުމުގައި ފުލުހުންނަށް އެހީތެރިކަން ދެވޭނެއެވެ. އަދި ފުލުހުންނަށް މިމައްސަލަ ސީރިއަސް އޮޕަރޭޝަނެއްގެ ގޮތުގައި މުޅި ރާއްޖެ ހިމެނޭ ގޮތަށް ކުރެވޭނެއެވެ.

ބޭންކު، މުވާސަލާތީ ކުންފުނިތައް އަދި ސަރުކާރަށް އެކުގައި މިކަން ނުހުއްޓުވިއްޖެނަމަ ދައުލަތެއްގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ؟